25 އޮކްޓޯބަރ 2023
އެއްވެސް ކުންފުންޏަކުން ގާނޫނާ ހިލާފަށް އެއްވެސް އެއްޗެއް ނައްތާލައިފި ނަމަ އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަށް ފަސް ނުޖެހޭނެ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީީބީ) އިން އިންޒާރު ދީފި އެވެ.
އެއްވެސް ކުންފުންޏަކުން ގާނޫނާ ހިލާފަށް އެއްވެސް އެއްޗެއް ނައްތާލައިފި ނަމަ އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަށް ފަސް ނުޖެހޭނެ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީީބީ) އިން އިންޒާރު ދީފި އެވެ.
އެ ކޯޕަރޭޝަނުން އިންޒާރު ދިނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ތިލަފުށީގައި ނައްތާލި މައްސަލައަކާ ގުޅިގެންނެވެ. އެހެންވެ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލަމުންދާ ކަމުގެ މައުލޫމާތު ލިބޭތީ އެކަން ހުއްޓުވައިދޭން ބީސީބީގައި އެދިފަ އެވެ.
ޕީސީބީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭސީސީންނާއި އަމިއްލަ ފަރާތަކުން އެ މައްސަލަ ބަލައިދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ޕިސީބީން ބުންޏެވެ.
އެފްއެސްއެމްގެ ލިޔެކިޔުންތަކެއް އަންދާލާ ކަމަށް ބުނާ މަންޒަރު ފެންނަ ވީޑިއޯ-- ފޮޓޯ: ވީޑިއޯ ސްކްރީންޝޮޓް
ސަރުކާރުގެ އެއްވެސް ކުންފުންޏަކުން ގާނޫނާ ހިލާފަށް އެ ކުންފުންޏެއްގެ ރަސްމީ އެއްވެސް އެއްޗެއް ނައްތާލުމުގައި އެއްވެސް އަމަލެއް ނުހިންގުމަށް ޕީސީބީ އިން އެދިފައިވެ އެވެ. އަދި ނައްތާލަން ޖެހިއްޖެ ނަމަ ގާނޫނުގައިވާ ގޮތަށް އެކަން ޮުރުމަށް ކުންފުނިތަކުގެ ވެރިން ކަށަވަރު ކޮށްދިނުމަށް ވެސް އެދިފައިވެ އެވެ.
"...ހަވާލާދީފައިވާ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދާ ހިލާފަށް އެއްވެސް ކުންފުންޏަކުން އެ ގަވައިދުގައި ބަޔާން ކޮށްފައިވާ ފަދަ ރަސްމީ އެއްވެސް އެއްޗެއް ނައްތާލަތަކުގެ މައުލޫމާތެއް ނުވަތަ ނައްތާލައިފިކަމުގެ މައުލޫމާތެއް ލިބިއްޖެ ނަމަ އެފަދަ ފަރާތްތަކާ މެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނަން،" ޕީސީބީން ބުންޏެވެ.
ލިޔެކިޔުންތައް ނައްތާލާ ވީޑިއޯގެ މައްސަލަ ހޫނުވެފައި ވާއިރު، އެފްއެސްއެމް އިން ބުނެފައިވަނީ އެ ވީޑިއޯއިން ފެންނަނީ ގިނަ އަހަރުތަކެއް ވަންދެން ގުދަންކޮށްފައި ހުރި ބާ ލިޔެކިޔުންތަކެއް ނައްތާލާ މަންޒަރު ކަމަށެވެ.
އެ ވީޑިއޯއިން ފެންނަނީ މިހާރު އެއްވެސް ގޮތަކަށް ބޭނުން ހިފޭ ލިޔެކިޔުންތަކެއް ނޫން ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ދިވެހި ރާއްޖޭގެ ގައުމީ އަރުޝީފުގެ ގާނޫނު ދަށުން ހަދާފައިވާ ދިވެހި ދައުލަތުގެ މުއައްސަސާތަކުން ރަސްމީ ލިޔެކިޔުންތަކާއި ފޮޓޯ ތަކާއި ޗާޓުތަކާއި ރެކޯޑުތަކާއި މައުލޫމާތު ނައްތާލުމާ ބެހޭގޮތުން އަމަލުކުރަންވީ ގަވައިދުގައި ވާގޮތުން އެއްވެސް އެއްޗެއް ނައްތާލުމުގެ ކުރިން ގައުމީ އަރުޝީފުގެ ޑިރެކްޓާ ޖެނެރަލަށް އެކަން އަންގަން ޖެހެ އެވެ. އަދި ނައްތާލެވޭނީ އެ ގަވައިދުގެ ދަށުން ކަމަށް ވެސް އޮވެ އެވެ.
އެފްއެސްއެމް އިން ލިޔެކިޔުންތަކެއް ނައްތާލަމުން ދަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާނެ ކަމަށް ގައުމީ އަރުޝީފުން ވަނީ ބުނެފަ އެވެ.
ހިފެހެއްޓި ދެ ބޯޓު ރާއްޖެ ގެންނަން މަސައްކަތް ކުރަނީ
ތެޔޮ އުފުލަން އެފްއެސްއެމްއަށް ބޮޑު ބޯޓެއް
އެފްއެސްއެމްގެ އެމްޑީ އަކަށް ގަސަމް
އެސްޓީއޯގެ ވެރިން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ
އެސްޓީއޯއިން ތެލުގެ އަގު ހެޔޮކޮށްފި
ހަ މަހަށް ފަހު އަނެއްކާ ވެސް ތެލުގެ އަގު ހެޔޮކޮށްފި
ފޮރުވަންޖެހޭ ނާޖާއިޒު މަންފާއެއް ނެތް: ގަސަމް
ލިޔުންތައް ނައްތާލި މައްސަލަ ބަލަން ޕޮލިހުގައި އެދެނީ
ލިޔުންތައް ނައްތާލުން ހުއްޓުވަން އޭސީސީން އެދިއްޖެ
ލިޔުންތައް ނައްތާލާ ވީޑިއޯކުރި މުވައްޒަފު ސަސްޕެންޑް