Roadha Mihaaru
މާޅެންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

މާޅެންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

18 ޑިސެމްބަރ 2020

އެމްޑަބްލިޔުއެސްސީން ނ. މާޅެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޑަބްލިޔުއެސްސީން ނ. މާޅެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

މި މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ، މާޅެންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމް އާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އެވެ.

މި މަޝްރޫއުގެ ތެރެއިން ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މާޅެންދު އަށް ގެންގޮސް، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި މި މަޝްރޫއުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ 26 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން މާޅެންދޫގައި 11.7 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބަހައްޓާނެ އެވެ. ފެން ރައްކާކުރުމަށްޓަކައި 250 ކިއުބިކް މީޓަރުގެ ތިން ތާންގި ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ. އަދި ގޭގޭގައި ފެން މީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅެންދޫގައި 7.9 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކެއް އަޅާނެ އެވެ. އަދި އެއް ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ދެ ޕަންޕިން ސްޓޭޝަނާއި އެއް ސީ އައުޓް ފޯލް ހިމެނެ އެވެ.

މި ނިޒާމާ އެކު ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ. މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު މި މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މާޅެންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު އަކީ ފްލޭނިން މިނިސްޓްރީން 42.9 މިލިއަން ރުފިޔާ އަށް ހިންގަން ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.