Roadha Mihaaru
4 ރަށެއްގެ ފެނާއި ނަރުދަމާ ހަވާލުކޮށްފި

ހަތަރު ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީ އަށް

04 ސެޕްޓެމްބަރ 2019

ހަތަރު ރަށެއްގެ ފެނާއި ނަަރުދަމާގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މާލެ ވޯޓަ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހަތަރު ރަށެއްގެ ފެނާއި ނަަރުދަމާގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން މާލެ ވޯޓަ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ފެން ކުންފުންޏާ ހަވާލުކޮށްފައި ވަނީ ބ. ގޮއިދޫ، ރ. ކިނޮޅަސް، ނ. ކުޑަފަރި އަދި ނ. މާޅެންދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށެވެ.

މަޝްރޫއުތަކުގައި ފެން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. އަދި ޕްލޭނިން މިނިސްޓްރީން ސޮއިކުރެއްވީ އެ ތަނުގެ ޑިރެކްޓަރު ޖެނެރަލް ޝާނާ ފާރޫގެވެ.

ހަތަރު ރަށުގެ މަސައްކަތް ފެން ކުންފުންޏާ ހަވާލު ކުރީ 22 މަސް ދުވަހުން ނިންމާ ގޮތަށެވެ.

އެމްޑަބްލިއުއެސްސީ އިން ކުރާ ކަންކަމުގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމެއް ޑިޒައިން ކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމުގެ ވިއުގައެއް އެޅުމާއި އާރުއޯ ޕްލާންޓަކާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި ގޭގެ އަށް ފެނާއި ނަރުދަމާ ގުޅައިދިނުން ހިމެނޭ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުތަކުގެ ތެރެއިން ގޮއިދޫގައި ފެނާއި ނަރުދަމާ އެޅުމަށް 46 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރެ އެވެ. ކިނޮޅަސްގައި އެ މަޝްރޫއު ހިންގަން 36 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ކުޑަފަރީގައި 38 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި މާޅެންދޫގައި 42 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރެ އެވެ.