Roadha Mihaaru
ހަތަރު ރަށެއްގެ ފެނާއި ނަރުދަމާ ނިންމާލައިފި

ހަތަރު ރަށެއްގެ ފެނާއި ނަރުދަމާގެ މަސަައްކަތް ނިންމާލައިފި

23 މާޗް 2022

ހަތަރު ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީން ނިންމާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހަތަރު ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީން ނިންމާލައިފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިމުނީ ބ. ގޮއިދު އާއި ރ. ކިނޮޅަހާއި ނ. މާޅެންދު އާއި ނ. ކުޑަފަރީގަ އެވެ. މިހާރު ކުރިއަށްދަނީ އެ ޕްރޮޖެކްޓުތައް ކޮމިޝަން ކުރުމުގެ މަސައްކަތެވެ.

އެ ރަށްތަކުގެ ޕްރޮޖެކްޓްތައް ކޮމިޝަން ކުރާނީ ޕްލޭނިން މިނިސްޓްރީންނާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީން ގުޅިގެންނެވެ.

އެ ހަތަރު ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފައިވާއިރު އެ ނިޒާމް ބެލެހެއްޓުމަށް ބޭނުންވާ އޮޕަރޭޓަރުން ޓްރެއިން ކުރުމުގެ މަސައްކަތް ވެސް އެމްޑަބްލިއުއެސްސީން މިހާރު ވަނީ ނިންމާލައިފަ އެވެ.

ހަތަރު ރަށުގެ ވެސް ފެނުގެ ނިޒާމު ގާއިމުގެ ކުރުމުގެ މަސައްކަތުގެ ދަށުން ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅައި އާރުއޯ ފެސިލިޓީ އިމާރާތަކާއި ފެން ރައްކާކުރަން ތާނގީ ވަނީ ބަހައްޓައިފަ އެވެ. އަދި އެ ރަށްތަކުގެ ގެތަކުގައި ފެން މީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ވެސް ވަނީ ގުޅައިފަ އެވެ.

ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ޕަންޕިން ލައިނު އަޅައި، އިދާރީ އިމާރާތަކާއި ޕަމްޕިން ސްޓޭޝަނަކާއި ސީއައުޓްފޯލެއް ވަނީ އަޅާފަ އެވެ. އަދި ގޭގޭގައި ޖަންގްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ވެސް ވަނީ ގުޅައިދީފަ އެވެ.

މީގެ އިތުރުން އެ ރަށްތަކުގެ ފެނާއި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލް ކުރަން ބޭނުންވާ ސާމާނު އެމްޑްބަލިއުއެސްސީން ވަނީ ފޯރުކޮށްދީފަ އެވެ.

އެ ހަތަރު ރަށުގައި ހިންގި ފެނާއި ނަރުދަމާގެ މަސައްކަތުގެ ޖުމްލަ އަގަކީ 163.55 މިލިއަން ރުފިޔާ އެވެ.