Roadha Mihaaru
އެމްޑަބްލިއުއެސްސީން 31 ރަށެއްގެ ނަރުދަމާގެ މަޝްރޫއު!

އެމްޑަބްލިއުއެސްސީން 31 ރަށެއްގައި ނަރުދަމާގެ މަޝްރޫއު ކުރިއަށްގެންދަނީ

22 ނޮވެމްބަރ 2021

މިދިޔަ ތިން އަހަރު ތެރޭ އެމްޑަބްލިއުއެސްސީން 31 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު ހިންގަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ ތިން އަހަރު ތެރޭ އެމްޑަބްލިއުއެސްސީން 31 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއު ހިންގަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ އާބާދީ އަށް ބެލުމެއް ނެތި ރަށްރަށަށް ބޭނުންވާ ނަރުދަމާގެ ޕްރޮޖެކްޓްތަކަށް އިސްކަން ދިނުމަކީ ސަރުކާރުގެ ވައުދަކަށްވާ އިރު އެ ވައުދު ފުއްދުމުގައި އެ ކުންފުނީގެ ދައުރު ބޮޑު ކަމަށެވެ. މިއީ އެ ކުންފުނިން އެއްފަހަރާ މިހާ ގިނަ އަދަދެއްގެ ޕްރޮޖެކްޓްތަކެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.

މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ 23 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމާއި ހަ ރަށެއްގެ ފެނުގެ ނިޒާމް ގާއިމް ކުރުމާ އަދި ދެ ރަށެއްގެ ނަރުދަމާ މަޝްރޫއު އެވެ.

ގިނަ އަދަދެއްގެ ޕްރޮޖެކްޓަތެއްގެ އަމަލީ މަސައްކަތް ކުރަމުން އަންނަ އިރު މިދިޔަ ދުވަސްތަކުގައި ބޮޑެތި ބައެއް ޕްރޮޖެކްޓްތައް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި އއ. ރަސްދޫ ފެނުގެ ނިޒާމް އާއި ޅ. ކުރެންދޫ ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ވަނީ ނިންމާލައިފަ އެވެ. މި މަޝްރޫއުތަކުގެ ސަބަބުން 3،000 އަށް ވުރެ ގިނަ ގެއަށް ބޭނުންވާ ނަރުދަމާ އާއި ފެނުގެ ހިދުމަތް ގާއިމްކޮށްދެވިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.