Roadha Mihaaru
ފެން ބިލްތަކުން 15 މިލިއަން ރުފިޔާ ޑިސްކައުންޓް ދިން

ފެން ބިލްތަކުން 15 މިލިއަން ރުފިޔާ ޑިސްކައުންޓް މިދިޔަ މަހު ދިން: ޝާހު

11 ޖުލައި 2021

ދެވަނަ ފަހަރަށް މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ފެންބިލްތަކުން 15 މިލިއަން ރުފިޔާގެ ޑިސްކައުންޓް މިދިޔަ މަހު ދިން ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދެވަނަ ފަހަރަށް މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ފެންބިލްތަކުން 15 މިލިއަން ރުފިޔާގެ ޑިސްކައުންޓް މިދިޔަ މަހު ދިން ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ޝާހު ވިދާޅުވީ މިހާތަނަށް ފަސްދޮޅަސް ވަރަކަށް ގެއިން ރީޑިން ނުނެގޭ ކަމަށެވެ. ނަމަވެސް އެ ބިލުތަކަށް އަރާނެ ކަމަށް ލަފާކުރެވޭ އަދަދު ވެސް ޖުމްލަ ޑިސްކައުންޓުގެ ތެރޭގައި ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ފަހުން ބެލި އިރު 15 މިލިއަން ރުފިޔާ އަށް އަރާނެ. މި އަދަދު އަޅުގަނޑުމެންނަށް ފިނޭންސުން ދޭނެ. އެއީ އަޅުގަނޑުމެން ދޭ ޑިސްކައުންޓެއް ނޫން. ސަރުކާރުން ދޭ ޑިސްކައުންޓެއް،" ޝާހު ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީން ވަނީ ސަރުކާރުގެ ނިންމުމާ އެއްގޮތަށް މިދިޔަ މަހު ގޭބިސީތަކުގެ ބިލްތަކުން 30 ޕަސެންޓުގެ ޑިސްކައުންޓް ދީފަ އެވެ. އަދި ވިޔަފާރިތަކުގެ ފެން ބިލުން 20 ޕަސެންޓުގެ ޑިސްކައުންޓެއް ވަނީ ދީފަ އެވެ.

މިދިޔަ އަހަރު ވެސް ސަރުކާރުން ވަނީ ލޮކްޑައުނާ ގުޅިގެން ފެން ބިލާއި ކަރަންޓް ބިލްތަކުން ޑިސްކައުންޓް ދީފަ އެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އެމްޑަބްލިއުއެސްސީ މެދުވެރިކޮށް މިހާތަނަށް، 25.2 މިލިއަން ރުފިޔާގެ ޑިސްކައުންޓް ވަނީ ދީފަ އެވެ.