Roadha Mihaaru
ވެކްސިންގެ މައުލޫމާތު ހާމަކުރާނީ އެގްރިމެންޓާ ހިސާބުން

ވެކްސިންގެ މައުލޫމާތު ހާމަކުރާނީ އެގްރީމެންޓާ ހަމައަށް ދިއުމުން: އެޗްއީއޯސީ

17 ޑިސެމްބަރ 2020

ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރިއަށްގެންދާ "ކޮވިކްސް" ޕްރޮގްރާމްގެ އިތުރުން ސަރުކާރުން އަމިއްލަ އަށް ހަރަދުކޮށްގެން ހޯދާ ވެކްސިންގެ މައުލޫމާތު ހާމަކުރާނީ އެގްރިމެންޓާ ހިސާބަށް ދެވުމުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރިއަށްގެންދާ "ކޮވިކްސް" ޕްރޮގްރާމްގެ އިތުރުން ސަރުކާރުން އަމިއްލަ އަށް ހަރަދުކޮށްގެން ހޯދާ ވެކްސިންގެ މައުލޫމާތު ހާމަކުރާނީ އެގްރިމެންޓާ ހިސާބަށް ދެވުމުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި، ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މި ވަގުތު އެންމެ ކުރީގައި އުޅޭ މޮޑާނާ އަދި ފައިޒާގެ ކޮވިޑް ވެކްސިން ނުލިބުނަސް މިހާރު ވެސް ނުވަ ވެކްސިނެއް ޔަގީންވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެން އެންމެ އަވަހަށް އަންނާނެ ކަމަށް ބެލެވޭ އޮކްސްފޯޑުގެ ވެކްސިން ހިމެނޭއިރު، އިތުރު މެނިފެކްޗަރާޒްއާ ކޮވިކްސްގެ ފަރާތުން ވާހަކަދައްކަމުން އަންނަ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ރާއްޖެ އިން ވެސް ބައިވެރިވެ، ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ހިލޭ ވެކްސިން ލިބޭނެ ކަމަށް ޔަގީން ވެފައިވާ ކޮވިކްސް ޕްރޮގްރާމް ފެއިލްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް، ރޮއިޓާސް އިން ދިރާސާކުރި އިންޓާނަލް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އަންނަ އަހަރު ނިމުމުގެ ކުރިން ކޮވިޑްގެ އެންމެ ރިސްކް ބޮޑު އާބާދީގެ 20 ޕަސެންޓަށް ވެކްސިން ދެވޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ކުރިން ބުނެފަ އެވެ. ނަމަވެސް ރޮއިޓާސް އިން ބުނީ 2024 ވަނަ އަހަރާ ހަމައަށް ވެސް ފަގީރު ގައުމުތަކުގައި ދިރިއުޅެމުންދާ އެތައް ބަޔަކަށް ވެކްސިން ނުޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

އެކަމާ ގުޅިގެން "މިހާރު"ން ސުވާލު ކުރުމުން ޑރ. ނަޒްލާ ވިދާޅުވީ ކޮވިކްސްގައި އަދި ވެކްސިން ނުލިބޭނެކަން ނިންމަން އަވަސް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އޭގެ އިތުރުން އެކި ގައުމުތަކާ ވާހަކަދައްކައިގެން ރާއްޖެ އަށް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ. އެކަމުގެ ތަފްސީލުތައް، އެގްރިމެންޓަކާ ހަމައަށް ދެވެމުން ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަމައެކަނި ކޮވިކްސް އިން ލިބޭ ވެކްސިން ލިބޭނެކަމަށް ނިންމައި، އެކަމަށް އެކަނި ތައްޔާރުވެއެއް ނޫން މި ތިބީ. އިތުރު ވެކްސިން ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި އަންނަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑުގެ ވެކްސިން ރާއްޖޭގައި ފުރަތަމަ ދޭން ހަމަޖައްސާފައި ވަނީ ހައި ރިސްކު މީހުންނަށާއި އާންމު ޚިދުމަތުގައި މަސައްކަތް ކުރާ ފްރަންޓްލައިން މުވައްޒަފުންނަށެވެ. އެ ވެކްސިން ލިބޭނެ ކަމަށް، ކުރިން އަންދާޒާކޮށްފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގަ އެވެ. ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ލިބޭނެ ތާރީހެއް ޔަގީންވުމުން އެކަން ހާމަކުރާނެ ކަމަށެވެ.

ވެކްސިން ދޭން ހަމަޖައްސާފައިވާ ތަރުތީބުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ކޮވިޑުގެ ޓެގް ޓީމުގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ މީގެ ކުރިން ވިދާޅުވީ ފުރަތަމަ ލިބޭ ވެކްސިން ބެހުމަށް ގްރޫޕްތައް ބަހާލި އިރު ތިން ކަމަކަށް ބަލާފައިވާ ކަމަށެވެ. އެންމެ ފުރަތަމަ ލިބޭ ވެކްސިންގެ 17 ޕަސެންޓް ވެކްސިން ދޭނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށާއި އުމުރުން 50 އަހަރުން ދަށުގެ ބޮޑެތި ބަލިތަކަށް ބޭސް ކުރާ ހައިރިސްކު މީހުން އަދި އާންމު ހިދުމަތްތަކުގައި މަސައްކަތްކުރާ ފްރަންޓްލައިން މީހުންނަށް ކަމަށް ވިދާޅުވި އެވެ.