Roadha Mihaaru
ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމާ މެދު ފާޑުކިޔައިފި

ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލަން އެދުމަކީ ބޮޑު ލަދެއް: ލަންކާގެ ކުރީގެ ފޮރިން މިނިސްޓަރު

14 ޑިސެމްބަރ 2020

ކޮވިޑް-19 ޖެހިގެން މަރުވާ ސްރީ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލާން އެ ގައުމުން އެދުމަކީ ލަދުވެތިކަމެއްގެ ގޮތުގައި ސިފަކޮށް އެ ގައުމުގެ ކުރީގެ ވަޒީރެއް ކަމަށްވާ މަންހަލަ ސަމަރަވީރާ މިއަދު ވިދާޅުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 ޖެހިގެން މަރުވާ ސްރީ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލާން އެ ގައުމުން އެދުމަކީ ލަދުވެތިކަމެއްގެ ގޮތުގައި ސިފަކޮށް އެ ގައުމުގެ ކުރީގެ ވަޒީރެއް ކަމަށްވާ މަންހަލަ ސަމަރަވީރާ މިއަދު ވިދާޅުވެއްޖެ އެވެ.

ބުޑިސްޓުންގެ އަޣުލަބިއްޔަތު އޮންނަ ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ ކޮންމެ ދީނެއްގެ މީހަކު ވެސް އަންދާތީ އެ ގައުމުގެ މުސްލިމުންނާއި ކްރިސްޓިއަނުން އަންނަނީ އެކަމާ ދެކޮޅަށް ކަންބޮޑުވުން ފާޅުކޮށް، އިހުތިޖާޖު ކުރަމުންނެވެ. ކޮވިޑްގައި މަރުވާ މީހުން ވަޅުލުމުގެ ހުއްދަ ނުދީ އާއިލާތަކުގެ ނުގަބޫލުގައި ވިޔަސް އަންދަމުން ގެންދަނީ ބަލި ކޮންޓްރޯލްކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެ އެވެ.

ލަންކާގެ ކުރީގެ ފޮރިން މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއް

މި މައްސަލަ ބޮޑުވެފައި ވަނިކޮށް ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ވަނީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވައި، ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭން އެދިވަޑައިގެންފަ އެވެ. އެކަމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވައި، ލަންކާގެ ފޮރިން މިނިސްޓަރުކަމުގެ އިތުރުން ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ސަމަރަވީރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ލަންކާ އަށް ބޮޑު ލަދެއް ކަމަށެވެ. އޭނާ ވިދާޅުވީ ލަންކާގެ ކޮންމެ ރައްޔިތަކަށް ވެސް، އެ މީހެއްގެ ދީނުގައި އޮތް ގޮތަކަށް އެ މީހެއްގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމުގެ ހައްގު ލަންކާގެ ބިމުގައި އޮންނާނެ ކަމަށެވެ.

"އެ މީހެއްގެ ދީނުގައި އޮތް ގޮތަކަށް އެ މީހެއްގެ ޖަނާޒާގެ ކަންކަން ސްރީ ލަންކާގެ ބިމުގައި ކުރުމަކީ އެ ބިމަށް އުފަން އަދި އެ ބިމުގައި ބޮޑުވި ކޮންމެ ރައްޔިތަކަށް ވެސް އޮތް ހައްގެއް،" ސަމަރަވީރާ ވިދާޅުވެފައިވެ އެވެ.

ލަންކާ ސަރުކާރުގެ އެދުމާ އެއްގޮތަށް، ކަންކަން ކުރެވިދާނެތޯ ބެލުމަށް ކަމާބެހޭ ފަރާތްތަކާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޝްވަރާކުރައްވަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.