Roadha Mihaaru
ދެ އަހަރު ނުވަނީސް އެހެން ކޯޓަކަށް ބަދަލު ނުވެވޭނެ

ދެ އަހަރު ނުވަނީސް އަމިއްލައަށް އެެދިގެން އެހެން ކޯޓަކަށް ބަދަލު ނުވެވޭ ގޮތަށް ހަމަޖައްސައިފި

02 ޑިސެމްބަރ 2020

ދެ އަހަރުވުމުން ނޫނީ ފަނޑިޔާރުން އެއް މަރުހަލާގެ އެހެން ކޯޓަކަށް އަމިއްލައަށް އެދިގެން ބަދަލު ނުކުރެވޭ ގޮތަށާއި އެހެން ކޯޓަކަށް ބަދަލު ކުރާއިރު އިންޓަވިއު ކުރާ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދެ އަހަރުވުމުން ނޫނީ ފަނޑިޔާރުން އެއް މަރުހަލާގެ އެހެން ކޯޓަކަށް އަމިއްލައަށް އެދިގެން ބަދަލު ނުކުރެވޭ ގޮތަށާއި އެހެން ކޯޓަކަށް ބަދަލު ކުރާއިރު އިންޓަވިއު ކުރާ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފި އެވެ.

ޖޭއެސްސީގެ ގާނޫނަށް މިދިޔަ އަހަރު ގެނެސްފައިވާ އިސްލާހު އޮންނަ ގޮތުން ފަނޑިޔާރަކު އަމިއްލައަށް އެދިގެން ނޫން ގޮތަކަށް އެ މަރުހަލާގެ އެހެން ކޯޓަކަށް ބަދަލެއް ނުކުރެވޭނެ އެވެ.

އެކަމާ ގުޅޭގޮތުން ޖޭއެސްސީން އެކުލަވާލައި، މިއަދުން ފެށިގެން އަމަލުކުރަން ފެށި ގަވާއިދު ބުނާގޮތުން އެ މަރުހަލާގެ އެހެން ކޯޓަކަށް ފަނޑިޔާރަކު ބަދަލު ކުރެވޭނީ އެ ފަނޑިޔާރަކު އަމިއްލައަށް އެދިގެން ނުވަތަ އެހެން ކޯޓަކަށް ބަދަލުވުމުގެ ފުރުސަތު ޖޭއެސްސީން ފަނޑިޔާރުންނަށް ހުޅުވާލުމުންނެވެ. އެކަމަކު އެގޮތަށް ފަނޑިޔާރަކު ބަދަލުކޮށް ދެވޭނީ އެ ފަނޑިޔާރަކު އެވަގުތު މަސައްކަތް ކުރާ ކޯޓުގަައި ދެ އަހަރު ވެފައިވާ ނަމަ ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދުގައިވާ ގޮތުން އެހެން ކޯޓަކަށް ބަދަލު ކުރާ ނަމަ އެ ފަނޑިޔާރަކާ އިންޓަވިއު ކުރާނެ އެވެ. އަދި ބަދަލުވާން އެދޭ ކޯޓުގައި ހުސް މަގާމެއް އޮތުމާއި އަދި ގާނޫނަކުން ވަކި އަދަދަކަށް ފަނޑިޔާރުން ތިބުން ލާޒިމްވާ ކަނޑައަޅާފައިވާ ކޯޓުތަކުގައި އެ އަދަދަށް ވުރެ މަދުވެގެން ނުވާނެ ގޮތަށް ފަނޑިޔާރުން ބަދަލު ކުރާއިރު ބަލަން ޖެހޭ ގޮތަށް އެ ގަވާއިދުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން އެހެން ކޯޓަކަށް ބަދަލުވާން އެދޭ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ނަމަ، އެކަމަށް ރިއާޔަތް ކުރުމުގެ އިތުރުން ބަދަލުވާން އެދޭ ސަބަބަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި ބަދަލުވާން އެދޭ ކޯޓުގައި ހުރި މައްސަލަތަކުގެ އަދަދާއި ވޭތުވެދިޔަ ދެ އަހަރު އެ ފަނޑިޔާރަކު ބެލި މައްސަލަތަކާއި ނިންމި މައްސަލަތަކުގެ އަދަދާއި ނުނިމި ހުރި މައްސަލަތަކާއި އޭގެ ސަބަބަށް ވެސް ޖޭއެސްސީން ރިއާޔަތް ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދުގައިވަނީ ފަނޑިޔާރު އެހެން ކޯޓަކަށް ބަދަލުކުރަން ޖޭއެސްސީން ނިންމައިފި ނަމަ، ރަސްމީ 15 ދުވަސް ތެރޭގައި އެ ފަނޑިޔާރު އެވަގުތު ހުރި ކޯޓުގައި ހުރި މަސައްކަތްތައް ނިންމަން ޖެހޭނެ އެވެ. އެގޮތުން ހުކުމް ކޮށްފައިވާ މައްސަލަތައް ނިމުނު ގޮތުގެ ރިޕޯޓުގައި ސޮއި ކުރުމާއި ލިޔެކިޔުންތައް ފުރިހަމަ ކުރުމާއި އަވަހަށް ފިޔަވަޅު އަޅަންޖެހޭ މައްސަލަތަކުގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.

މީގެކުރިން މާލޭގެ ސުޕީރިއާ ކޯޓުތަކުގެ ބައެއް ފަނޑިޔާރުން އަމިއްލައަށް އެދިގެން އެ މަރުހަލާގެ އެހެން ކޯޓުތަކަށް ބަދަލުވެފައި ވާއިރު، ޖޭއެސްސީން އަމިއްލަ އިސް ނެގުމުގައި ވެސް ކުއްލި ގޮތަކަށް ބައެއް ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލު ކޮށްފައިވެ އެވެ.