Roadha Mihaaru
ބީއެމްއެލްގެ އެހީ އއ. އަތޮޅު ތައުލީމީ މަރުކަޒަށް

ބީއެމްއެލްގެ އެހީ އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީ އަށް

23 ނޮވެމްބަރ 2020

ބީއެމްްއެލްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދަށުުން އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީ އަށް ގިނަ ސާމާނު ހަދިޔާކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބީއެމްްއެލްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދަށުުން އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީ އަށް ގިނަ ސާމާނު ހަދިޔާކޮށްފި އެވެ.

މި ފަންޑުގެ ދަށުން ހަދިޔާ ކުރި ސާމާނުގެ ތެރޭގައި ލައިބްރަރީ އަށް ބޭނުންވާ ފޮތާއި ފޮތް ހަރުގަނޑާއި ފަރުނީޗަރު ހިމެނެ އެވެ. ލައިބްރަރީ އަށް ހަދިޔާ ކުރި 1000 އަށްވުރެ ގިނަ ފޮތްތަކުގެ ތެރެއިން 500 އަށްވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުން ގަތް ފޮތްތަކެވެ.

މި ޕްރޮޖެކްޓް ކާމިޔާބު ކުރި ޝިމާއު ބުނީ ސްކޫލުގެ ހާލަތަށް ބަލާއިރު ލައިބްރަރީގައި ހުރި ގިނަ ފޮތްތަކަކީ ބާވެފައި ހުރި ފޮތްތައް ކަމަށެވެ. އެހެންކަމުން ކޮމިއުނިޓީ ފަންޑުގެ އެހީގައި ލައިބްރަރީ ތަރައްގީ ކުރުމަށް ނިންމީ ލައިބްރަރީގައި ހުރި ފޮތްތައް އާ ކޮށް ފޮތް ކިޔުމަށް ކުދިން ޝައުގުވެރިކުރުވުމަށް ކަމަށް އޭނާ ބުންޏެވެ.

"ކޮމިނިއުޓީ ފަންޑުގެ ދަށުން އަޅުގަނޑު ބޭނުންވީ ލައިބްރަރީއަށް އިތުރު ފުރިހަމަކަމެއް ގެނެސް ކުދިން ފޮތް ކިޔުމަށް ސަމާލުކަންދީ މިކަމަށް ޝައުގުވެރިކުރުވަން. މިގޮތުން ފޮތް ރެކުތައް އާ ކުރުމާއެކު ކުދިން ކިޔާނެ އާ ފޮތްތަކާއި ފޮތް ކިޔަން ތިބެވޭނެ ފަސޭހަ ގޮތް ގާއިމް ކުރުމަށް ބޭނުންވީ. މިއީ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުން އަންނަ ކުދިންނަށް ލިބުނު ވަރަށް އަގުބޮޑު ހަދިޔާއަކަށް ވެގެންދާނެ،" ޝިމާއު ބުންޏެވެ.

އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީ-- ފޮޓޯ: ބީއެމްއެލް

އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީ-- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ތައުލީމީ ދާއިރާއަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީފޯރުކޮށްދިނުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭ އެއް ދާއިރާ ކަމަށެވެ. އެގޮތުން، އއ. އަތޮޅު ތައުލީމީ މަރުކަޒަށް ފޯރުކޮށްދިން އެހީއަކީ ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް ފައިދާކުރާނެ ކަމެއް ކަމުގައި އުއްމީދު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މި އަހަރުގެ މިހާތަނަށް 10 ޕްރޮޖެކްޓެއް ހިންގުމަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި މިހާރު ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން 10 ޕްރޮޖެކްޓެއް ހޮވާނެ އެވެ. ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000ރ. ދޭނެ އެވެ.