Roadha Mihaaru
އަދިވެސް އެންމެ އާންމު ޕާސްވޯޑަކީ 123456

އަދިވެސް އެންމެ އާންމު ޕާސްވޯޑަކީ 123456

23 ނޮވެމްބަރ 2020

ޕާސްވޯޑަކަށް 123456 ބޭނުންކުރާ މީހުން އަދިވެސް ވަރަށް ގިނަ ކަމަށާއި އެފަދަ ޕާސްވޯޑް ނުގެންގުޅުމަށް އިލްތިމާސްކުރިޔަސް އެކަމަށް ސަމާލުކަންދޭ މިންވަރު ކުޑަ ކަމަށް، ޕާސްވޯޑް މެޖޭމަންޓް ކުންފުނި ނޯޑްޕާސް އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕާސްވޯޑަކަށް 123456 ބޭނުންކުރާ މީހުން އަދިވެސް ވަރަށް ގިނަ ކަމަށާއި އެފަދަ ޕާސްވޯޑް ނުގެންގުޅުމަށް އިލްތިމާސްކުރިޔަސް އެކަމަށް ސަމާލުކަންދޭ މިންވަރު ކުޑަ ކަމަށް، ޕާސްވޯޑް މެޖޭމަންޓް ކުންފުނި ނޯޑްޕާސް އިން ބުނެފި އެވެ.

އެތަނުން ބުނީ 123456 ކަހަލަ ޕާސްވޯޑްތައް ގިނަ ބަޔަކު ބޭނުންކުރަނީ ކަންފަސޭހައަކަށް ކަމަށެވެ. އެކަމަކު ޓެކްނޮލޮޖީ ކުރިއަރާފައިވާ އޮތް މިންވަރަށް ބަލާއިރު ހެކަރުންގެ ތުރާތައް ވެސް އިންތިހާ އަށް ބޮޑުވެފައި ވާތީ، "ބަލިކަށި" ޕާސްވޯޑްތަކުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިދާނެ ކަމަށް ބުންޏެވެ. މިކަން މިދިޔަ އަހަރު ވެސް އާންމުންގެ ސަމާލުކަމަށް ނޯޑްޕާސް އިން ގެނައި ނަމަވެސް އެކަމަށް އަދިވެސް ގިނަ ބަޔަކު ސަމާލުކަން ނުދޭ ކަމަށް، މި އަހަރުގެ ޕާސްވޯޑް ލިސްޓާ އެކު ގެނެސްދިން ރިޕޯޓްގައި ބުންޏެވެ.

މި އަހަރުގެ ޕާސްވޯޑް ލިސްޓް އެންމެ އާންމު 200 ޕާސްވޯޑާ އެކު ގެނެސްދިން އިރު، ލިސްޓްގެ ކުރީގައި އޮތީ 123456 އެވެ. އެ ބޭނުންކުރާ މީހުންގެ އަދަދު 2,543,285 އަށް އަރަ އެވެ.

މި އަހަރުގެ އެންމެ އާންމު 10 ޕާސްވޯޑްގެ ތެރޭގައި ދެން ހިމެނެނީ 123456789، ޕިކްޗާ1، ޕާސްވޯޑް، 12345678، 111111، 123123، 12345، 1234567890 އަދި ސެނާ އެވެ.

ނޯޑްޕާސް އިން ބުނި ގޮތުގައި ރައްކާތެރި ގޮތަކީ މިފަދަ ޕާސްވޯޑްތައް ބޭނުންކުރާ ނަމަ އަދިވެސް އެކަމާ ދޭތެރޭ ސީރިއަސްކޮށް ވިސްނާލައި، ޕާސްވޯޑް ބަދަލުކުރުމެވެ. އެތަނުން ބުނީ އެންމެ ރައްކާތެރި ގޮތަކީ ރަސްމީ ލަފުޒުގެ ގޮތުގައި ހުންނަ ބަސްތަކާއި ނަމްބަރުތައް ޕާސްވޯޑްގެ ގޮތުގައި ބޭނުން ނުކޮށް އަމިއްލަ އަށް އަކުރުތަކާއި ނަމްބަރުތައް މަސްހުނިކޮށްލައިގެން ޕާސްވޯޑް ގެންގުޅުން ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އަމިއްލަ ފޯނު ނަމްބަރާއި އުފަން ދުވަހާއި ނަން ފަދަ އެއްޗެހި ޕާސްވޯޑަށް ބޭނުންނުކުރުން ބުއްދިވެރި ކަމަށް ވެސް ނޯޑްޕާސް އިން ބުންޏެވެ.

އެތަނުން ދޭ އަނެއް އިރުޝާދަކީ ކޮންމެ 90 ދުވަހަކުން ނުވަތަ ތިން މަހަކުން ޕާސްވޯޑަށް ބަދަލެއް ގެނައުމެވެ. އަދި އެއް ޕާސްވޯޑެއް އެކި ކަންކަމަށް ބޭނުން ނުކުރުމެވެ.

މި އަހަރު އެންމެ އާންމު 200 ޕާސްވޯޑްގެ ލިސްޓްގައި، އަލަށް ބޭނުންކުރަން ފެށި ގިނަ އަދަދެއްގެ ޕާސްވޯޑްތައް ވެސް ހިމެނެ އެވެ. ލިސްޓްގެ އެންމެ ފުލުގައި އޮތީ އެންޖެލް1 އެވެ. އެއީ މި އަހަރު އަލަށް ބޭނުންކުރަން ފެށި ޕާސްވޯޑެކެވެ.