Roadha Mihaaru
ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

20 ނޮވެމްބަރ 2020

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.

ނޮވެމްބަރު 20، 2019 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި، ބޮޑެތި މީހުންގެ މައްޗަށް ހިންގާ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ކުޑަކުދިން ވަނުމުގެ ސަބަބުން ކުއްޖާއަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުވުމާއި ކުއްޖާ ކުރާ ގާނޫނާ ހިލާފު އަމަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުމަށް އެ ކުއްޖާ ޖަވާބުދާރީވާން ބާރުއެޅުން ހިމެނެ އެވެ.

އެ ގާނޫނު ބުނާ ގޮތުން ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރަކީ 15 އަހަރެވެ. ގާނޫނުލް އުގޫބާތު ވުޖޫދަށް އައި އިރު، ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރަކީ 15 އަހަރު ކަމަށް ބަލަން ފެށި އެވެ. އޭގެ ކުރިން، 2006 ވަނަ އަހަރު އެކުލަވައިލި ގަވާއިދެއްގައި ބުނާ ގޮތުން، 10-15 އާ ދެމެދުގެ އުމުރުގައި ކުށުގެ ޒިންމާ ފަސް ބާވަތެއްގެ ކުށެއްގައި އުފުލަން ޖެހެ އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ގާނޫނާ ހިލާފުވާ ކުޑައްކުއްޖަކާ މެދު ފިޔަވަޅު އަޅާއިރު އެ ކުއްޖަކު ހައްޔަރުކުރަންވާނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުންނެވެ. އަދި އެގޮތަށް ކުއްޖަކު ހައްޔަރުކުރެވޭނީ ހާލަތު ލާޒިމްކުރާ އެންމެ ކުރު މުއްދަތަށް ކަމަށް ވެސް އޮވެ އެވެ. ކުޑަކުއްޖަކު ބަންދުކުރަން ނިންމާ ހާލަތުގައި، އެ ނިންމުމަކީ ކުއްޖާގެ ހާލަތަށް ރިއާޔަތްކޮށް ގަވައިދުން މުރާޖައާކުރެވޭނެ ނިންމުމަކަށް ވާންޖެހެ އެވެ.

ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ކުޑަކުދިން ކުރާ ގާނޫނާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް ބަލައި އެ ކުދިން ހެޔޮ ގޮތުގައި މުޖުތަމައުއަށް ރުޖޫއަކުރުމުގައި އިސްދައުރެއް އަދާކުރުމަށް "ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް' ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަންޖެހެ އެވެ. ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) ޑިޕާޓްމަންޓަކަށް ބަދަލުކޮށް މިއަދު ވަނީ އަލުން ހުޅުވައިފަ އެވެ.

ދިވެހިރާއްޖޭގެ ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ހިނގާ ކުޑަކުދިންގެ ޝަރީއަތްތައް އެ ކޯޓުތަކުގައި ހިންގަންވާނީ ބޮޑެތި މީހުންނާ ވަކިންނެވެ. އޭގެ އިތުރުން ކުޑަކުދިންގެ މައްސަލަތައް ބަލާ ކޯޓުތަކުގައި މަސައްކަތްކުރަންވާނީ، ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން އަދި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ގުޅޭގޮތުން ހާއްސަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުން ކަމަށް އެ ގާނޫނުގައި ބުނެ އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރުގެ ތެރޭގައި، ކުޑަކުދިންގެ މައްސަލަތައް ބަލާ ކޯޓުތަކުގައި މަސައްކަތްކުރާ ފަނޑިޔާރުން ހާއްސަ ތަމްރީނު ފުރިހަމަކުރަންޖެހެ އެވެ. ހަމައެއާއެކު، ޖުވެނަލް ކޯޓުގެ ސަރަހައްދީ ގޮފިތައް، ގާނޫނަށް އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ގާއިމްކުރަން ޖެހެ އެވެ.

މައްސަލައެއްގައި ފުުލުހުންގެ މަރުކަޒަކަށް ގެންދާ ކުޑަކުއްޖަކާ ސުވާލުކުރެވޭނީ ގިނަ ވެގެން ދެ ގަޑިއިރަށްވުރެ އިތުރުނުވާ ގޮތަށެވެ.

ކުރު މުއްދަތަށް ނުވަތަ ދިގު މުއްދަތަށް އެކަހެރިކޮށްގެން ފަރުވާދޭންޖެހޭ ކުޑަކުދިންނާއި އިސްލާހީ ފިޔަވަޅުއެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުދިން ބޭތިއްބުމަށްޓަކައި ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކާއި ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތައް ގާއިމްކުރަންޖެހެ އެވެ.