Roadha Mihaaru
މާލޭގެ އާ ޕާކަށް ވަންނަ މީހުންގެ ދަބަސް ޗެކު ކުރަނީ

ލޮނުޒިޔާރަތްކޮޅު ޕާކަށް ވަންނަ މީހުންގެ ދަބަސް ޗެކްކުރާނެ، ތޫނު އެއްޗެހި މަނާ

12 ނޮވެމްބަރ 2020

މާލޭގައި އިއްޔެ ހުޅުވި ހިތްގައިމު ލޮނުޒިޔާރަތްކޮޅު ޕާކަށް ވަންނަ މީހުންގެ އަތްދަބަސް ޗެކް ކުރާ ގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

މާލޭގައި އިއްޔެ ހުޅުވި ހިތްގައިމު ލޮނުޒިޔާރަތްކޮޅު ޕާކަށް ވަންނަ މީހުންގެ އަތްދަބަސް ޗެކް ކުރާ ގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.

ކައުންސިލުން ހަމަޖައްސާފައިވާ ގޮތުން، ޕާކު ހުޅުވާފައި ހުންނަނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 4 އިން ހެނދުނު 9:30 އަށް ހަވީރު 4 އިން ރޭގަނޑު 9:30 އަށެވެ.

ޕާކަށް ދާ މީހުން އަމަލު ކުރާ އުސޫލުގައިވާ ގޮތުން، އެތަނުގެ ތެރެއަށް ކާބޯތަކެތި ވައްދައިގެން ކެއުމާއި އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކާއި އެއްވެސް ކަހަލަ ތޫނު އެއްޗެއް ވެއްދުން މަނަލެވެ.

ޕާކުތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި އެ ތަނުގައި ހުންނަ ގަސްތަކަށާއި އިމާރާތްތަކަށް އެއްވެސް ކަހަލަ ގެއްލުމެއް ދީގެން ވެސް ނުވާނެ އެވެ. އެފަދަ ގެއްލުމެއް ދީފި ނަމަ އެކަމަކަށް ފިޔަވަޅު އަޅާނެ ކަމަށް އުސޫލުގައި ވެ އެވެ.

ލޮނުގެ ތެރެއިން "ބަހާރު" މޫސުމެއް

ލޮނުގެ ތެރެއިން "ބަހާރު" މޫސުމެއް

ސިޓީ ކައުންސިލުން ވަނީ ހުސްފުޅި އަމިއްލަ އަށް ގެންގޮސްގެން، ޕާކު ތެރެއިން ފެން އަޅައިގެން ފެން ބޮވޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ. އަދި ކުނި ވެސް އަޅަން ވާނީ އެ ކަމަކަށް ހާއްސަކޮށްފައިވާ ވަކި ޑަސްބިނަކަށް ކަމަށް ބުންޏެވެ.

އެޗްޕީއޭ އިން އިއްޔެ ނެރުނު ޕާކުތަކުގެ އުސޫލުގައިވާ ގޮޮތުން ޕާކުތަކުގައި އާންމު ކުނި އަދި މާސްކާއި އަންގި ފަދަ ތަކެތި އަޅަން ވަކިން ލޭބަލް ކޮށްފައި ޑަސްބިން ބަހައްޓަން ޖެހެ އެވެ.

ލޮނުޒިޔާރާތްކޮޅު ޕާކުގައި އުޅޭ އިރު އާންމު އަހުލާގީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން އެކަކު އަނެކަކަށް އިހްތިރާމުކޮށް، އެއްވެސް މީހެއްގެ ނުރުހުމުގައި މީހެއްގެ ގައިގަ އަތްލުން، ފޮށުން އަދި ބުލީކުރުން ފަދަ ކަންކަން ވެސް މަނާކޮށްފައި ވެ އެވެ.

ކޮވިޑް-19ގެ މި ހާލަތުގައި އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލާ އެއްގޮތަށް މާސްކު އެޅުމާއި ބަލީގެ އަލާމާތެއް ހުރި ނަމަ ޕާކަށް ނުދިއުމަށް ވެސް އިލްތިމާސް ކޮށްފައި ވެ އެވެ. އެޗްޕީއޭއިން އާންމުކުރި އުސޫލުގައިވާގޮތުން ކޮންމެ ޕާކަކަށް ވެސް ވަނުމުގެ ކުރިން ކޮވިޑުގެ އަލާމާތްތައް ހުރިތޯ ބަލަން ޗެކު ކުރަން ޖެހެ އެވެ.

ދައުލަތުން 16.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ލޮނުޒިޔާރަތްކޮޅު ޕާކު ތަރައްގީ ކޮށްފައިވަނީ އެކި މާލަންތައް ހިމަނައިގެންނެވެ. އޭގެ ތެރޭގައި މެދު ބަގީޗާ، ވަރުނުލާ ރާޅުގަނޑު، އުސްބަގީޗާ އަދި މާމެލާމެލި ހިމެނެ އެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި މާމެލާމެލި ޒީނަތްތެރިކޮށްފައިވަނީ ކައިވެނި ޕާޓީތަކާއި ހާއްސަ ހަފުލާތަކަށެވެ.