Roadha Mihaaru
ޑެލިވަރީކުރަން ބޭނުން ވިޔަފާރިތައް ރަޖިސްޓްރީވާން އެދެފި

ލޮކްޑައުންގައި ޑެލިވަރީކުރަން ބޭނުންވާ ތަންތަން ރަޖިސްޓްރީކުރަން އަންގައިފި

15 އެޕްރީލް 2020

ކޮވިޑް-19 އަށް މާލެ އިން ދިވެއްސަކު ފުރަތަމަ ފަހަރަށް ޕޮޒިޓިވް ވުމުން، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މާލެ ލޮކްޑައުންކޮށްފައިވާ ވަގުތު ޑެލިވަރީގެ ހިދުމަތް ދޭން ބޭނުންވާ ވިޔަފާރިތައް ރަޖިސްޓްރީ ވާން މާލެ ސިޓީ ކައުންސިލުން މިއަދު އަންގައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 އަށް މާލެ އިން ދިވެއްސަކު ފުރަތަމަ ފަހަރަށް ޕޮޒިޓިވް ވުމުން، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މާލެ ލޮކްޑައުންކޮށްފައިވާ ވަގުތު ޑެލިވަރީގެ ހިދުމަތް ދޭން ބޭނުންވާ ވިޔަފާރިތައް ރަޖިސްޓްރީ ވާން މާލެ ސިޓީ ކައުންސިލުން މިއަދު އަންގައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ، މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅިފަރު 24 ގަޑިއިރަށް ލޮކްޑައުންކޮށްފަ އެވެ.

މާލެ ބަންދުކޮށްފި ހާލަތެއްގައި، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އުޅޭ މީހުންނަށް ގޭގެއަށް ތަކެތި ފޯރުކޮށްދޭނެ ފިހާރަތަކުގެ މައުލޫމާތު އެއްކޮށްފައި ވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ވެސް ބުނެފައި ވެ އެވެ. އަދި މި ސަރަހައްދަށް މި މަހު ކުރީކޮޅު ތިން ގަޑި އިރުގެ ކާފިއުއެއް ހިިންގި އިރު ޑެލިވަރީކުރަން ރަޖިސްޓްރީ ވާން ބޭނުންކުރި ޕޯޓަލް ބޭނުންކޮށްގެން މިހާރު ވެސް ރަޖިސްޓްރީ ވެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީދު "މިިހާރު" އަށް މިއަދު ވިދާޅުވި އެވެ. އެ ޕޯޓަލް، ކައުންސިލްގެ ވެބްސައިޓުން ފެންނާނެ އެވެ.

"ލޮކްޑައުން ހާލަތެއްގައި ހުރިހާ ފަރާތަކަށް ވެސް އެންމެ ރަނގަޅުވާނީ ވިޔަފާރިތައް ރަޖިސްޓްރީކޮށްފައި ހުރި ނަމަ،" ޒަމީރު ވިދާޅުވި އެވެ.

މިފަދަ ހާލަތަކަށް ތައްޔާރުވެފައިވާ ކަމަށް މާލެ ސިޓީ ކައުންސިލާއި ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން (އެންޑީއެމްއޭ) މީގެ ކުރިން ބުނެފައި ވެ އެވެ. އަދި އެފަދަ ހާލަތެއްގައި ހަރަކާތްތެރިވެވޭނެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ވެސް ބުނެފައި ވެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑަށް މިއަދު ޕޮޒިޓިވްވި މީހާ ބައްޔަށް ޓެސްޓުކުރީ ރޯގާ ޖެހިގެން އިއްޔެ ފްލޫ ކްލިނިކަށް ދިއުމުން ކަމަށެވެ. އަދި އެ ޓެސްޓުގެ ނަތީޖާ ލިބުނީ މިއަދު ކަމަށެވެ. މި ބައްޔަށް ޕޮޒިޓިވްވި އެ މީހާ، އެއްވެސް ގައުމަކަށް މިދުވަސްވަރު ދަތުރުކޮށްފައި ނުވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

މުޖްތަމައުގެ ތެރެއިން މީހަކު މި ބައްޔަށް ޕޮޒިޓިވް ވުމަށް ފަހު، ސަލާމަތީ ފިޔަވަޅުތައް ނާޅައިފި ނަމަ 98،000 ވަރަކަށް މީހުން މި ބައްޔަށް ޕޮޒިޓިވްވުން އެކަށީގެންވާ ކަމަށް ސަރުކާރުން ރޭ ބުނެފައި ވެ އެވެ. ސިއްހީ އިދާރާތަކުންނާއި މިކަމާ ގުޅޭ އެހެން އިދާރާތަކުން ވެސް މިވަގުތު އިލްތިމާސްކުރަނީ، ޕޭނިކްނުވެ، ރަސްމީ އިދާރާތަކުގެ އިރްޝާދާ އެއްގޮތަށް އަމަލުކުރާށެވެ. އަދި ހާސްކަން އުފެދޭނެ ގޮތަށް ދޮގު ހަބަރު ނުފަތުރާން ވެސް އެތަންތަނުން އަންނަނީ އަންގަމުންނެވެ.

އެންޑީއެމްއޭ އިން މިއަދު ކުރި ޓްވީޓެއް

ޗައިނާގެ ވުހާން ސިޓީ އަށް އުފަން މި ބަލި، ރާއްޖެއިން އެންމެ ފުރަތަމަ ފެނުނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހެވެ. އޭގެ ފަހުން 30 ދުވަހަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު މިދިޔަ މަހުގެ 12 ގައި ސަރުކާރުން އިއުލާން ކުރުމަށް ފަހު، މި މަހުގެ ނިޔަލަށް އެ މުއްދަތު އިތުރު ކުރީ މިދިޔަ ހުކުރު ދުވަހެވެ.