Roadha Mihaaru
މާލެ ނާދެވިފައި ތިބި މީހުން އަންގަން އެދެފި

ލޮކްޑައުންގެ ސަބަބުން މާލެ ނާދެވިފައި ތިބި މީހުން ކައުންސިލަށް އަންގަން އެދެފި

30 އެޕްރީލް 2020

އެކި ރަށްރަށުގައި މި ވަގުތު މާލެ ނާދެވިފައި ތިބި، މާލޭގައި ދިރިއުޅޭ ރައްޔިތުން އެކަން މާލެ ސިޓީ ކައުންސިލަށް އަންގަން އެދިއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އެކި ރަށްރަށުގައި މި ވަގުތު މާލެ ނާދެވިފައި ތިބި، މާލޭގައި ދިރިއުޅޭ ރައްޔިތުން އެކަން މާލެ ސިޓީ ކައުންސިލަށް އަންގަން އެދިއްޖެ އެވެ.

ކޮވިޑް-19 ޖެހިފައިވާ މީހަކު މާލެއިން ފެނުމުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މި މަހުގެ ނިޔަލަށް މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި ވަނިކޮށް، އެ މުއްދަތަށް 14 ދުވަސް އިތުރުކުރީ އިއްޔެ އެވެ. ކުއްލިއަކަށް މާލެ ލޮކްޑައުން ކުރުމާ އެކު މާލެ އެރުން ވެސް މަނާވެ، ގިނަ ބަޔަކު ތާށިވި އެވެ.

ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މާލޭގައި ދިރިއުޅޭ ނަމަވެސް އެކި ކަންކަމަށް މާލެއިން ބޭރަށް ގޮސްފައިވާ މީހުން، މާލެ އަންނަން ބޭނުން ނަމަ އަންނަ އާދިއްތަ ދުވަހުގެ ކުރިން ކައުންސިލަށް އަންގަން ޖެހޭނެ ކަމަށެވެ. އެ ދުވަހުގެ 14:00 ގެ ކުރިން، 9955788 އަށް ގުޅައކ، އެކަން ހިއްސާ ކުރަން އެދިފައި ވެ އެވެ.

އެކަން ކައުންސިލަށް ހިއްސާ ކުރާ އިރު، އެ މީހެއްގެ ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރާއި އަތޮޅާއި ރަށާ އެކު އެ މީހެއްގެ ދާއިމީ އެޑްރެހާއި އެ މީހަކު މިހާރު ދިރިއުޅޭ އެޑްރެސް ހިމަނަން ޖެހޭނެ އެވެ. އަދި އެ މީހެއްގެ ފޯނު ނަންބަރާއި މާލެއިން ފުރި ތާރީހާއި ދަތުރުކުރަން ބޭނުންވާ ސަބަބާއި އެ މީހެއްގެ އީމެއިލް އެޑްރެސް ހިމަނަން ވެސް ބުނެފައި ވެ އެވެ.

މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުންގައި ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅު ވެސް ހިމެނެ އެވެ.

ރާއްޖެއިން މިހާތަނަށް 280 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާ އިރު، މި ބަލި ޖެހިފައިވާ 83 އަހަރުގެ އަންހެނަކު އިއްޔެ މަރުވެފައި ވެ އެވެ. އޭނާއަށް ކޮވިޑް ޖެހިފައި ހުރި ކަން ޔަގީންވީ، އޭނާ މަރުވި ފަހުންނެވެ. މާލެ ނޫން ރަށްރަށުން ވެސް މި ބަލި ފެންނަމުން ދާތީ، ހެލްތު ޕްރޮޓެކްޝަން އަންނަނީ އެ ރަށްރަށް ބަލާ، މޮނިޓާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.