17 ނޮވެމްބަރ 2020
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ގުދުރަތީ ވަސީލަތްތައް ކަތިލަމުންދިޔަ އިރު ކަރުނައެޅި މީހުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ވައުދަކީ އަދި ދައުރު ފެއްޓެވި އިރު ދެއްވި ޔަގީންކަމަކީ އެމަނިކުފާނުގެ ސަރުކާރު ތަފާތުވާނެ ކަމެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ގުދުރަތީ ވަސީލަތްތައް ކަތިލަމުންދިޔަ އިރު ކަރުނައެޅި މީހުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ވައުދަކީ އަދި ދައުރު ފެއްޓެވި އިރު ދެއްވި ޔަގީންކަމަކީ އެމަނިކުފާނުގެ ސަރުކާރު ތަފާތުވާނެ ކަމެވެ.
"އިރާދަކުރެއްވިއްޔާ މި ރާއްޖެއަށް އަޅުގަނޑުމެން ގެންނަ ތަރައްގީ ވެގެންދާނީ ތިމާވެށްޓާ އެއްކީލިކޮށް ގެނެވޭ ތަރައްގީއަކަށް،" ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ޚިތޯބުގައި ރައީސް ވިދާޅުވި އެވެ.
"ތަރައްގީގެ ނަމުގައި، ރާއްޖޭގެ މި ގުދުރަތީ ވެށި ސުންނާފަތި ކުރުމަކީ އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރީންނަށް ވެވޭ ބޮޑުވެގެންވާ ޚިޔާނާތަކަށް މެނުވީ ނުވާނެ."
އެ "ޚިޔާނާތް" ނުވާނެ ކަމުގެ ޔަގީންކަމާ އެކު، މި ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތުތަކުގެ ތެރޭގައި ތިމާވެށި ސިޔާސަތު ވަނީ ހިމަނައިފަ އެވެ. ރައީސް މިހާރު ވެސް ގެންދަވަނީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމުގެ މުހިއްމުކަން އެތެރެ އާއި ބޭރުގެ އެކި ފޯރަމްތަކުގައި ތަކުރާރު ކުރައްވަމުންނެވެ.
އެކަމަކު ވެރިކަމަށް ދެ އަހަރު ފުރުނު އިރު ތިމާވެށީގެ ހަރަކާތްތެރިންނަށް ސަރުކާރުގެ އަމަލުތައް ފެންނަނީ ބުނާ ބަހާ ދިމާ އިދިކޮޅަށެވެ.
"ކިޔަނީ މި ސަރުކާރުން އެންމެ އިސްކަންދޭ ކަމަކަށް ވާނީ ޖަޒީރާވަންތަކަން ދެމެހެއްޓުމޭ. ދައްކާ ވާހަކައަކާއި ކުރާ ކަމަކާ ހަމަ މުޅިން ދެ ދުނިޔެއެއް ފަދަ،" ތިމާވެށީގެ ހިމާޔަތަށް މަސައްކަތްކުރާ ހަރަކާތް ސޭވް މޯލްޑިވްސްގެ ހުމޭދާ އަބްދުލްޣަފޫރު ވިދާޅުވި އެވެ.
"މުޅި ރާއްޖެ ކޮނުމުގެ މައްސަލައަކީ އެންމެ ބޮޑު އެއް މައްސަލަ. ރުއްގަސް އުފުރުން ވެސް ހަމަ އަދިވެސް ކުރިއަށް ދަނީ."
ދެމެހެއްޓެނިވި ތަރައްގީގެ މާހިރެއް ކަމަށްވާ އައިޝާ ނިޔާޒު ވިދާޅުވީ އަދިވެސް ފެންނަނީ ތަރައްގީގެ މަޝްރޫއުތަކުގައި ވަގުތީ ފައިދާ އިސްކުރާ ތަން ކަމަށެވެ.
"ދެމެހެއްޓެނިވި ތަރައްގީގެ މާނައަކީ މިހާރު ކުރާ ކަންތައްތަކުން އަންނަން އޮތް ޖީލު މަހުރޫމް ނުވުން. އެކަމަކު މިއަދުގެ އަމަލުތަކުން، އަންނަން އޮތް ޖީލު ރާއްޖޭގެ ގުދުރަތީ ރީތިކަމުން މަހުރޫމްވެގެންދާ މިސްރާބަށް އަދިވެސް ދާ ތަން ފެންނަނީ،" އޭނާ ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑު މައްސަލައަކަށްވި، ބިން ހިއްކަން ވެށި ހަލާކުކުރުމުގެ ފޯރި އަށް މަޑުޖެހުމެއް ނާދެ އެވެ. މިސާލަކަށް، މިދިޔަ ސަރުކާރުގައި ބޭރު ބަޔަކަށް އެނބޫދޫފަޅު ދީގެން ޓޫރިޒަމަށް ހިއްކި ގޮތަށް މި ސަރުކާރުގައި ވެސް މާލެ އަތޮޅުގެ ފަޅެއްގައި އަށް ރަށް ހަދައިގެން ހަތަރު ރިސޯޓާ އެކު ޓޫރިޒަމް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުއެއް ބޭރު ބަޔަކު އެ އުޅެނީ ފައްޓާށެވެ. ބިން ހިއްކުމުގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް މި އަހަރުގެ ބަޖެޓުން 972 މިލިއަން ރުފިޔާ ހަމަޖެއްސި އެވެ. އަދި އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި އެކަމަށް 620 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
ރާއްޖޭގެ މުއްސަނދި ފަޅުތަކާއި ފަރުތަކާއި ކުޅިތައް ނުހިއްކާ، ދެމެހެއްޓެނިވި ތަރައްގީ އިޚްތިޔާރުކޮށް އެހެން ގޮތްތައް ހޯދެން އެބަ އޮތް ކަމަށް ތިމާވެއްޓާ ދޭތެރޭ ކަންބޮޑުވުން ފާޅުކުރާ މީހުން އަބަދުވެސް ވަކާލާތުކުރެ އެވެ. އެކަމަކު ރިސޯޓުތަކާއި އެއާޕޯޓުތަކާއި ގެދޮރު އަޅަން ބިން ހިއްކުމަކީ ސަރުކާރުތަކުން އަވަސް ސިޔާސީ މަންފާ ހޯދާ ކުރު މަގަކަށް އޮންނަނީ ވެފަ އެވެ. ހުމޭދާ ވިދާޅުވީ މިއީ ރައްޔިތުންނަށް ފެންނަ ތަރައްގީގެ ތަސައްވުރު، ވެށި ހަލާކުކުރުމާ ގުޅުވައިދީފައި އޮތުމުގެ ނަތީޖާ ކަމަށެވެ.
"މީހުންނަށް ވިސްނައިދީފައި އޮންނަނީ ބިން ހިއްކައިގެންނޭ، މިސާލަކަށް، އެ މީހުންނަށް ގެދޮރު އެޅޭނީ،" އޭނާ ވިދާޅުވި އެވެ. "އެކަމަކު މިހާރު ހިއްކާފައި ހުރި އެތައް ރަށެއްގައި އެ ތަންތަން ހުރީ ބޭނުން ނުކުރެވި. މިއީ ކޮން ބައެއް ދިރިއުޅެން ހިއްކާ ތަންތަނެއް ބާ؟ ކުއްލިއަކަށް މި ރަށްރަށުގައި މީހުން ގިނަވާނީ ބާ؟ ރާއްޖޭގެ އާބާދީ ލަފާކޮށްފައި ހުރި ގޮތަށް ބަލާ އިރު ގިނަ ރަށްރަށުގެ އާބާދީ ދަނީ ދަށަށް."
އައިޝާ ވިދާޅުވީ ދުނިޔެ ހޫނުވުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަރުތައް ނެތިގެން ހިނގައިދާނެކަން ކަށަވަރުވާ އިރު ވެސް އެ ނުރައްކަލަށް ބެލުމެއް ނެތުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"ސައިންސްގެ އަލީގައި އެކަނި ކަން ކުރާ ކަމުގައި ވިޔަސް، ބިން ހިއްކާ، ފަރުތަކަށް ގެއްލުންވާ ކަހަލަ ގޮތަކަށް މިހާރު އަމަލުކޮށްގެން ނުވާނެ. އެހާ ވެސް ނާޒުކު ފައްތަރެއްގައި އަހަރެމެންގެ ފަރުތައް މި ހުރީ،" އޭނާ ވިދާޅުވި އެވެ.
އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން ވިދާޅުވީ ރަށް ބޮޑުކޮށް، ރިސޯޓު ތަރައްގީކޮށް، އެއާޕޯޓުގެ އެޅުމުގެ ބޭނުން އޮތް ރާއްޖެ ކަހަލަ ބިން ކުޑަ ގައުމަކަށް ބިން ނުހިއްކާ ފަރުޖެއްސޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ދެން އޮތީ ރަށް ބޮޑު ނުކޮށް، ނުހިއްކާ ކިހިނެއް ހެއްޔޭ ހެދޭނީ؟ ދެން ހަމަ އެބަހުރި ދުނިޔޭގެ އެހެން ތަންތަނުގައި ނުހިއްކާ، ފަޅުގައި ގެ އަޅައިގެން އުޅެވޭނެ ގޮތްތައް. ފްލޯޓިން ހައުސެސް ވެސް އެޅިދާނެ ނޫނިއްޔާ ސްޓިލްޓް މަތީގައި ވެސް އުޅެވިދާނެ. ދެން މިކަހަލަ ވާހަކައެއް މީހަކު ދެއްކީމާ އަޅުގަނޑުމެން އާއްމު މީހުން ހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"ފަރު ހިއްކަންޏާ ގެއްލުންވާނެ. ބިން ހިއްކަންޏާ ގެއްލުންވާނެ. އެކަމަކު އެ ގެއްލުން އެއީ އަޅުގަނޑުމެންނަށް އަދާކުރެވޭ ވަރުގެ، ބަލައިގަނެވޭ ވަރުގެ ގެއްލުމެއްތޯ، ހިއްކައިގެން އެ ލިބޭ މާއްދީ ފައިދާއާ އަޅާބަލާ އިރު. އެހެންވީމާ [ގެއްލުމާއި ފައިދާ އަޅާކިޔުމުގެ ދިރާސާއެއް] އަސްލު އަޅުގަނޑުމެން ހަދަން ޖެހެނީ ވަރަށް އޮބްޖެކްޓިވްކޮށް. އެ އަށް ބަލާފައި އަޅުގަނޑުމެން ނިންމަން ޖެހޭނެ އެއީ ކުރާނެ ކަމެއްތޯ ނޫންތޯ."
މަޝްރޫއުތަކުން ތިމާވެށި ހަލާކުވުމުގެ ނުރައްކަލަށް ހުށަހެޅޭ ބޮޑު އެއް ސަބަބަކީ ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމުގެ ދިރާސާ ނުވަތަ އީއައިއޭގެ އުސޫލުތައް ހުރި ގޮތެވެ. ރާވައި ފައިސާ ހަމަޖައްސާފައި ހުންނަ މަޝްރޫއުތަކެއްގައި ރަބަރު ސްޓޭމްޕް ޖަހައިދޭ ކަމެއްގެ ގޮތުގައި އީއައިއޭ ހެދުން އޮތް އޮތުން ބަދަލުވާނީ، ފަންނީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ހިންގާނެ މަޝްރޫއުތައް ސަރުކާރުން ދުރާލާ ކަނޑައަޅާފައި އޮންނަ ސްޓްރެޓީޖިކް އެންވަޔަރްމެންޓް އިމްޕެކްޓް އޮނިގަނޑެއް ތައާރަފްކޮށްގެންނެވެ. އެއީ ސަރުކާރުގެ ވައުދެކެވެ. ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް)ގައި އެކަން ކުރަން އޮތީ އަންނަ އަހަރުގެ ނިޔަލަށެވެ.
"ދުނިޔޭގެ އެކި ތަންތަނަށް ގޮސް ރާއްޖެ ސަލާމަތްކުރަން ވަކާލާތުކުރާ އިރު ރާއްޖެ އަށް ރާއްޖޭގެ ފަރާތުން ދެމުންދާ ގެއްލުމަކީ ދުވަހަކު ވެސް ފޫނުބެއްދޭ ވަރުގެ ގެއްލުން. އެހެންވީމާ އެހެން ގައުމުތަކަށް ރާއްޖެ ސަލާމަތް ކުރެވޭނީ ކިހިނެއް؟"
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ ޕްލޭން ތަންފީޒުކުރަން ރައީސް މި މަހު ވަނީ ނިންމަވައިފަ އެވެ. އެ ފިޔަވަޅާ އެކު 2023 ނިމޭ އިރު ރާއްޖެއަކީ އެފަދަ ޕްލާސްޓިކް އެއްގޮތަކަށް ވެސް ބޭނުން ނުކުރާ ގައުމަކަށް ވެގެންދާނެ އެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެޅި ތިމާވެށި ހިމާޔަތްކުރުމުގެ އެންމެ ބޮޑު ފިޔަވަޅެވެ. އަމަލުކުރަން ފަށައިގަންނަ އިރު ވިޔަފާރި އަށާއި އާއްމު ދިރިއުޅުމަށް އަންނާނެ ބަދަލަށް ބަލާ އިރު ހިތްވަރުގަދަ ނިންމުމެއް ވެސް މެ އެވެ.
ތިމާވެށި ހިމާޔަތްކުރުމުގައި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ މައިގަނޑު ކާމިޔާބީތަކުގެ ތެރޭގައި ޑރ. ހުސެން ހިމަނުއްވާ އެއް ކަމަކީ ޓޫރިޒަމް މަޝްރޫއުތަކުގެ އީއައިއޭ ހެދުން ޔާމީންގެ ސަރުކާރުން ޓޫރިޒަމް މިނިސްޓްރީގެ ބެލެނިވެރިކަމަށް ގެންގޮސްފައި އޮއްވާ އަނބުރާ އީޕީއޭއާ ހަވާލުކުރުމެވެ.
ސަރުކާރުގެ މަސައްކަތުން އައްޑު އާއި ފުވައްމުލައް ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ހަމަޖެހުނުކަމާއި ތިމާވެށި ނާޒުކު ތަންތަން ހިމާޔަތްކުރުމުގެ ވައުދު ފުއްދަމުން އަންނަކަން ވެސް ޑރ. ހުސެން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ވެރިކަމުގައި މިހާތަނަށް 16،800 ހެކްޓަރު ހިމާޔަތްކޮށްފި އެވެ.
ސޭވް މޯލްޑިވްސް އިން ސަރުކާރުގެ މިފަދަ މަސައްކަތްތައް ސިފަކުރަނީ ކަންދެއްކުމުގެ ކަންތައްތަކެއްގެ ގޮތުގަ އެވެ.
"އައްޑޫގައި ވެސް، އެއްކޮޅުން ބަޔޮސްފިއާ ރިޒާވް ހަދަނީ، އަނެއްކޮޅުން ހިއްކަނީ،" ހުމޭދާ ވިދާޅުވި އެވެ.
"ބަޔޮސްފިއާ ރިޒާވް ހަދާފައި، އޭގެ އަޑުފައްގަނޑުގެ ތެރޭގައި، އަސްލު ކުރާ ކަންތައް ހިންދަން އުޅުނީމަ އެއީ ވަރަށް ބޮޑު މައްސަލައެއް."
ސޭވް މޯލްޑިވްސް އިން ބުނިގޮތުގައި ސަރުކާރުގެ އަމަލުތަކުން ފެންނަނީ އާ ސަރަހައްދުތަކެއް "ކަރުދާހުގައި" ހިމާޔަތްކޮށްފައި، ކުރިން ހިމާޔާތްކޮށްފައި ހުރި ތަންތަން ގަސްދުގައި ސުންނާފަތިކުރަމުންދާ ތަނެވެ. އޭގެ ތެރޭގައި ގުޅިފަޅު ހިއްކައިގެން ހިންގާ މަޝްރޫއުގައި، 1995ގައި ހިމާޔަތްކޮށްފައިވާ ފީނާ ސަރަހައްދު "ހާންސް ހާސް ޕްލޭސް" ހަލާކުވުމާއި ތިރީހަކަށް ޑައިވް ސައިޓަށް އަސަރު ފޯރުން ހިމެނެ އެވެ.
"ގުޅިފަޅުގެ މައްސަލަ އެކަނި ވެސް އެއީ އީކޯސައިޑްގެ ބޮޑު މައްސަލައެއް،" ހުމޭދާ ވިދާޅުވި އެވެ.
ސޭވް މޯލްޑިވްސްގެ އަނެއް ޝަކުވާއަކީ ގިނަ އަދަދެއްގެ ކުޅި، ފާ، ޗަސްބިން (މެންގްރޫވް) މަރުވަމުންދާ މައްސަލަ އަށް އެންވަޔަރްމެންޓް މިނިސްޓްރީގެ މާ ބޮޑު އަޅާލުމެއް ނެތް ކަމެވެ. ވޭތުވެދިޔަ އެއް އަހަރުގެ މުއްދަތުގައި 11 ރަށެއްގެ މެންގްރޫވް މަރުވަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ. އެކަމަކު އޭގެ ސަބަބުތަކާއި ހައްލު ހޯދަން މިނިސްޓްރީން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް، އެ މެންގްރޫވްތަކުގެ ހާލަތު ބަލައި ދިރާސާކުރަމުން އަންނަ ސޭވް މޯލްޑިވްސް އިން ބުނެ އެވެ. ބޮޑު ބައެއް މަރުވަމުންދާ ހދ. ނޭކުރެންދޫ ކަނޑޫފަލަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި މި ސަރުކާރުން ކަނޑައެޅިތާ އަންނަ މަހު ދެ އަހަރު ފުރޭ އިރު، އެ ތަން ބަލަަހައްޓާނެ މެނޭޖުމެންޓް ޕްލޭނެއް، ފައިސާއެއް ނެތް ކަމުގެ ކަންބޮޑުވުން އެ ހަރަކާތުން ފާޅުކުރެ އެވެ.
ސޭވް މޯލްޑިވްސް އިން ބުނިގޮތުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓަން މެނޭޖުމެންޓް ޕްލޭންތަކެއް ހަދައި ތަންފީޒުކުރުން އަވަސްކުރަން ޖެހިފައި އޮތް އިރު އެކަން ކުރާ ތަނެއް ނުފެނެ އެވެ.
ޑރ. ހުސެން ވިދާޅުވީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާ ގުޅޭ މަސައްކަތަށް މި އަހަރު ހަމަޖެއްސި ބަޖެޓު، ކޮވިޑްގެ ހާލަތާ ގުޅިގެން، ބޭނުންކުރެވޭ ގޮތް ނުވުމާއި ދަތުރުފަތުރު ހުއްޓުމަކަށް އައުމުގެ ސަބަބުން އެކަން ކުރިއަށް ގެންދެވޭ ގޮތް ނުވީ ކަމަށެވެ.
"ދެން އަޅުގަނޑުމެން އުއްމީދުކޮށްގެން މި ތިބެނީ 2021ގައި އިތުރު މެނޭޖްމެންޓް ޕްލޭންތައް އުފައްދައި ކައުންސިލްތަކާ ގުޅިގެން މި ތަންތަން މެނޭޖުކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް. އަދި މި ތަންތަނުގައި އިންފްރާސްޓްރަކްޗާ ގާއިމްކުރުމަށް އިންވެސްޓްކުރާނެ ލާރި ވެސް ލިބޭނެ ކަމަށް މި ބަލަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މެންގްރޫވްތައް މަރުވާ މައްސަލައިގައި ވެސް ޑރ. ހުސެން ވިދާޅުވީ އެގްރިކަލްޗާ މިނިސްޓްރީއާ ގުޅިގެން ހެދި ދިރާސާ އިން އެކަމުގެ ސީދާ ސަބަބު ދެނެގަނެވިފައި ނުވާތީ އިންޑިއާ އަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ބޭރުގެ މާހިރުން ގެނެސްގެން ދިރާސާކުރަން އެޅިފައި އޮތީ ދަތުރުފަތުރު ނުކުރެވުމުގެ ހުރަސް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން ތަންތަން ހިމާޔަތްކުރަމުންދަނީ ކޮންމެ އަތޮޅަކުން އެއް ރަށް، އެއް ފަރު އަދި އެއް މެންގްރޫވް ހިމާޔަތްކުރުމުގެ ސިޔާސަތެއްގެ ދަށުންނެވެ. ހުމޭދާ ވިދާޅުވީ މިއީ ރާއްޖެ އަށާއި ދުނިޔެ އަށް ކުރިމަތިވެފައި އޮތް މޫސުމީ ކާރިސާގެ ތެރޭގައި ބަލައިގަނެވޭ ވަރަށް ވުރެ ފަގީރު، ހަމަނުޖެހޭ ސިޔާސަތެއް ކަމަށެވެ.
"މި ގައުމުގައި އޮތް 20 އަތޮޅުން ކޮންމެ އަތޮޅެއްގައި އެއް ރަށާއި އެއް ފަރާއި އެއް ކުޅި ހިމާޔަތްކުރަން ސިޔާސަތު ހެދީމަ އޭގެ މާނައަކީ މި ގައުމުގެ ބޮޑު ބައި ފަނާކުރުމޭ އޮތީ،" އޭނާ ވިދާޅުވި އެވެ.
ނަމެއްގައި ކުރާ އަނެއް ކަމަކީ، އައިޝާ ވިދާޅުވި ގޮތުގައި، އާއްމުންގެ މަޝްވަރާ އާއި ބައިވެރިވުން ހޯދުމެވެ. ގިނަ ބަޔެއްގެ ޚިޔާލު ހޯދޭނެ ގޮތަށް އެކަން ނުކުރާ ކަމާއި ޚިޔާލު ހޯދަން ހުޅުވާލާ ލިޔެކިޔުންތަކަށް ފަސޭހަ އިން ކޮމެންޓްކުރެވެން ނުހުންނަ ކަމާއި ހުށަހަޅާ ޚިޔާލުތައް ލިބުނުކަން ވެސް އަންގާނުލާކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތަކަށް ޚިޔާލު ހޯދުން ވެސް ހިމެނެ އެވެ.
"އަދިވެސް މި ފެންނަނީ ޚިޔާލު ހޯދީމޭ ބުނަން ވެގެން، ނޫނިއްޔާ ބައިވެރިކުރީމޭ ބުނަން ވެގެން ކުރާ ކަހަލަ ގޮތަކަށް. އެއްވެސް މާނަވީ ގޮތަކަށް ނޫން އެކަން ކުރަނީ. ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމަކާ ނުލާ ކަންކަން ނިންމަނީ،" އައިޝާ ވިދާޅުވި އެވެ.
"ތިމާވެށީގެ ކަންކަމުގައި އަޑުއުފުލާ ފަރާތްތަކާއި އާއްމު ރައްޔިތުން، ޒުވާނުން އަދި ފަންނީ މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ބަދަލުގައި އެ ފަރާތްތައް އެކަހެރިކޮށް ބާކީކުރެވޭ ތަން ފެންނަނީ. އެންމެ ބޮޑަށް ކަންބޮޑުވަނީ މި ކަންކަމަށް އަޑުއުފުލާ މީހުންނަކީ ހަތުރުން ކަމަށް ނުވަތަ އެއީ އެއްވެސް ބައެއް ނޫން ކަމަށް ދެކޭތީ."
އުމްރާނީ މަޝްރޫއުތަކާއި ބިން ބޭނުންކުރުމާއި ތަރައްގީގެ ޕްލޭންތަކުގެ ތެރެއަށް ތިމާވެށި ހިމާޔަތްކުރުމާއި ދިރުންތައް ރައްކާތެރިކުރުން ވެއްދުމަކީ މި އަހަރުގެ ނިޔަލަށް ސަރުކާރުން ހާސިލްކުރަން ކަނޑައަޅާފައިވާ އަމާޒެކެވެ. އެކަމަކު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ފަރުމާކޮށްފައި އޮތީ އެ ރޫހުގައި ކަމަކަށް އައިޝާ ދެކެވަޑައެއް ނުގަންނަވަ އެވެ.
"ރަށެއްގެ ވިލުންވެރިކަން އިތުރުކުރަން ކޮންމެހެން ވެސް ހުންނަން ޖެހޭ ކަންތައްތަކެއް އޭގައި އެކުލެވިފައެއް ނެތް. ތިމާވެށީގެ އެންގަލްއަކުން ވެސް އަދި ހަމަ މޫސުމީ ހިރާސް ކުޑަކުރުމަށް ކުރަން ޖެހޭ އެއްވެސް ކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ޑރ. ހުސެން ފާހަގަކުރެއްވި ގޮތުގައި މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބިލުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުރުމުގެ ޕްލޭންތައް ހަދަން ދައުލަތުގެ މައްޗަށް ލާޒިމްކުރެ އެވެ.
ތަރައްގީކުރާނީ ތިމާވެށްޓާ އެއްކީލިކޮށް ކަމަށް ރައީސް ވިދާޅުވި ނަމަވެސް މިދިޔަ އަހަރު އެމަނިކުފާނު ވިދާޅުވެފައި ވަނީ ތިމާވެށި ހިމާޔަތްކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އޭގެ އެއް ސަބަބެއް ކަމަށް ރައީސް ވިދާޅުވީ ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމަކަށް ވެފައި ތަރައްގީކުރަން ބޭނުންވާތީ އެވެ. އެކަމަކު، އެއް ފަޅިން ތިމާވެށި ހިމާޔަތްކުރަން ގޮވާލާ އިރު އަނެއް ފަޅިން ވިޔަފާރިވެރިންގެ ޕްރެޝަރު ވެސް އަންނަކަން ހާމަކުރައްވަމުން "އަދި ޚާއްސަކޮށް، އަޅުގަނޑު މި ގޮނޑީގައި އިންނައިރުގައި މި ދަތި އާދޭ" ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ މިސާލެއް ވެސް ދެއްކެވި އެވެ.
"އިއްޔެ ނޫން އިހަށް ދުވަހު އަޅުގަނޑުމެން ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއް އިނގޭތޯ. އޭގައި މި ބުނީ، އެއްވެސް ރަށެއް، ގޮނޑުދޮށް ހިމާޔަތްކުރުމަށް ވެސް، އެއްވެސް ކަމަކަށް އެހެން ފަޅަކުން، އެހެން ތަނަކުން ވެލި ނަގައިގެން ނުވާނެއޭ. މި ހިސާބުން ފެށިގެން މަނާކުރީއޭ. އަޅުގަނޑަށް އޮފީހަށް ނުވަދެވޭ، އޭގެ ޝަކުވާތައް އެބަ އާދޭ އިނގޭތޯ،" ޖޫން 2019ގައި ބޭއްވި ތިމާވެށީގެ ވަޒީރުންގެ ޖަލްސާގައި އެ ބޭފުޅުންނަށް ރައީސް ވިދާޅުވި އެވެ.
ހުމޭދާ ވިދާޅުވި ގޮތުގައި މިހާރު ތިބި މީހުންގެ ދަރިންނާއި ދަރިންގެ ދަރިންނަށް ރާއްޖޭގައި އުޅެވޭނީ ގުދުރަތީ ތަންތަން ސަލާމަތްކުރެވޭނެ ގޮތްތަކަކަށް ސިޔާސަތުތައް އަނބުރާލައިގެންނެވެ. އެކަމަކު މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ކުރާނެ އަސަރު ސަރުކާރުން ދެނެގަނެގެން އުޅޭ ކަމަށް ވެސް ގަބޫލުނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދުނިޔޭގެ އެކި ތަންތަނަށް ގޮސް ރާއްޖެ ސަލާމަތްކުރަން ވަކާލާތުކުރާ އިރު ރާއްޖެ އަށް ރާއްޖޭގެ ފަރާތުން ދެމުންދާ ގެއްލުމަކީ ދުވަހަކު ވެސް ފޫނުބެއްދޭ ވަރުގެ ގެއްލުން. އެހެންވީމާ އެހެން ގައުމުތަކަށް ރާއްޖެ ސަލާމަތް ކުރެވޭނީ ކިހިނެއް؟" ހުމޭދާ ވިދާޅުވި އެވެ.
ގުޅިފަޅުން 6،000 ފްލެޓަށް ބިން ޚާއްސަކުރަން އެދެފި
ގުޅިފަޅު ހިއްކައި ނިމޭއިރު 1.8 ބިލިއަން ހަރަދުވާނެ
ހިއްކުމުން ގުޅީފަޅާއި ދިރުންތަކަށް ގެއްލުންތަކެއް ލިބޭނެ
ކުޅި ހިއްކައިގެން އެއާޕޯޓު ހަދާތީ ކަންބޮޑުވެއްޖެ
ގުޅިފަޅު ހިއްކުމުގެ މައްސަލަ އަނެއްކާވެސް ކޯޓަށް
ރާއްޖޭގެ ތިމާވެއްޓާ ގުޅޭ ގައުމީ ދިރާސާއެއް ބޭނުންވޭ!
ގުޅިފަޅު ހިއްކުން ހުއްޓުވަން ނެރުނު އަމުރު ބާތިލްކޮށްފި
އަންބަރާގެ ގެއްލުމަށް ވެރިފަރާތް ޒިންމާވާކަށް ނުޖެހޭ
އީއައިއޭ ނުހެދުމުން 28 މިލިއަނުން ޖޫރިމަނާކޮށްފި
އެންމެ ގިނައީ ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުން