Roadha Mihaaru
މާލެ ހިތްފަސޭހަ ތަނަކަށް ހެދޭނެ: ރައީސް

މާލެ ހިތްފަސޭހަ ތަނަކަށް ހެދޭނެ: ރައީސް

11 ނޮވެމްބަރ 2020

މާލެ މިހާރު އޮތް ހާލަތުގައި ވެސް މީހުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދައިދިނުމަކީ، ލޮނުޒިޔާރަތް ޕާކަށް ގެނައި ބޮޑު ބަދަލުން ގަބޫލުފުޅުކުރެއްވޭ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ މިހާރު އޮތް ހާލަތުގައި ވެސް މީހުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދައިދިނުމަކީ، ލޮނުޒިޔާރަތް ޕާކަށް ގެނައި ބޮޑު ބަދަލުން ގަބޫލުފުޅުކުރެއްވޭ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ އެންމެ ހިތްގައިމު ޕާކު، ލޮނުޒިރާޔަތް ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ސަރަހައްދަކީ މާލޭގައި ދިރިއުޅޭ މީހުންގެ ހިތްފަސޭހަކަމާއި ހިތްހަމަޖެހުމާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް ކަމަށެވެ. ލޮނުޒިޔާރަތް ބިމުގައި ފެންވަރުގެ ޕާކެއް ނެތްއިރު ވެސް އެއީ މާލޭގެ އެންމެ ގިނަ މީހުން އެއްވެ ހިތް އުފާކުރި ތަން ކަމަށް ވިދާޅުވި އެވެ.

"ފަތިހުގެ ފިނިކަމުގެ ތެރޭގައި އިރު އަރައިގެން އަންނަ މަންޒަރު ބަލަން އެންމެ ގިނަ މީހުން އެއްވެ ތިބެނީ މި ޕާކުތެރޭގައި. ދުވާލުގެ ގަދަ ހޫނަށްފަހު ހަވީރުގެ ފިނި ރޯޅިތައް ޖައްވަށް ފެތުރި ގަންނަ ވަގުތު ވެސް ހިތް އުފާކޮށްލުމަށް އެންމެ ގިނަ ބަޔަކު އެއްވެ ތިބެނީ މި ބިމަށް،" ރައީސް ވިދާޅުވި އެވެ.

"އެހެންކަމުން، އަޅުގަނޑަށް ގަބޫލުކުރެވެނީ، މާލޭގެ ލޮނުޒިޔާރަތްކޮޅުގައި މިހާ ނަލަ، މިހާ ހިތްގައިމު ޕާކެއް ތަރައްގީ ކުރުމުން ނުތަނަވަސްކަމާއި ހާސްކަން ފިލުވާލައި ނަފްސު ތާޒާކޮށްލުމަށް މި ތަނަށް އަންނަ މީހުންގެ އަދަދު ވަރަށް ބޮޑު ތަނުން އިތުރުވެގެންދާނެ ކަމަށް،"

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަނީ މާލޭގައި ދިރިއުޅޭ މީހުންނަށް މާލެއިން ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމުގެ ކަންކަމެވެ. ލޮނުޒިޔާރަތް ޕާކަކީ، އެ މަސައްކަތުގެ ދަށުން ކުރެވުނު ވަރަށް އެއް މަސައްކަތް ކަމަށް ވިދާޅުވި އެވެ.

"މާލެ ހިތްފަސޭހަ ކުރުމުގެ މަސައްކަތުގެ ދަށުން މާލޭގެ ކިތައްމެ ސަރަހައްދެއްގައި މިހާރު ވާނީ އުޅަނދުފަހަރު ޕާކް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ ހިނގާ މީހުންނަށާއި އެއްގަމު އުޅަނދުތަކަށް މަގުމަތިން ޖާގަ ހޯދައިދީފައި. މާލޭގެ ބިމުގެ ދަތިކަން ބޮޑުކަމުން އަޅުގަނޑުމެން ބޭނުންވާ މިންވަރަށް މިކަން ނުކުރެވުނަސް މާލޭގައި ހުސް ބިންތައް އުފެއްދުމަށްޓަކައި، ސަރުކާރުގެ އިތުރު އިމާރާތްތައް މާލޭގައި ހެދުން މި އަންނަނީ މަދުކުރަމުން،" ރައީސް ވިދާޅުވި އެވެ.

މާލެފަދަ ކުޑަކުޑަ ބިމެއްގައި ގިނަ ބަޔަކު ތޮއްޖެހިގެން އުޅެން ޖެހުމަކީ އާއްމު ސިއްހަތަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ނޭދެވޭ އަސަރު ފޯރާ ކަމެއް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން މާލޭގައި ހުސް ބިންތައް އުފައްދައި އާއިލާ މީހުން އެކުގައި ހިތް އުފާކޮށްލަން ނުކުމެ އުޅޭނެ މައިޒާންތަކާއި ޕާކުތައް ހުރުމަކީ، ރައީސް ވިދާޅުވި ގޮތުގައި، އާއްމު ސިއްހަތު ރައްކާތެރިކުރުމަށް ވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ސަބަބުން އެތައް ބަޔަކަށް ނަފްސާނީ ބަލީގެ އަސަރުކޮށްފައިވާއިރު ޕާކުތަކާއި ހުސް ބިންތަކަށް ނުކުމެ ވަގުތު ހޭދަކުރުމަކީ ހާސްކަމާއި ކަންބޮޑުވުންތަކަށް ލިބޭ ވަރަށް ރަނގަޅު ފަރުވާއަކަށްވާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މާލޭގެ ނުތަނަވަސްކަން ފިލުވައި ހިތްފަސޭހަ މާހައުލަކަށް ހެދުމަށްޓަކައި، ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އަދިވެސް އެބަހުރި. އެއީ ހަމައެކަނި ޕާކުތައް ހެދުމާއި، ޕާކް ކުރާނެ ޖަގަހަތައް ހެދުމެއް ވެސް ނޫން. މާލެއަށް އުފަން ރައްޔިތުންނަށް، މާލޭގެ ސަރަހައްދުން ބޯހިޔާވަހިކަން ހޯދައިދިނުމަކީ ވެސް، މާލޭގެ މައްސަލަތަކަށް ބޭނުންވާ ވަރަށް އަވަސް ހައްލެއް،" ރައީސް ވިދާޅުވި އެވެ.

މާލޭގެ ހިތްފަސޭހަކަން އިތުރުކޮށް ހިނގާ މީހުންނަށާއި އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ރައްކާތެރި ތަނަކަށް ހެދުމަށް އިތުރު މަޝްރޫއުތައް ރާވާފައި އެބަހުރި ކަމަށާއި އަންނަ އަހަރުގެ ތެރޭގައި މާލޭގެ ހިތްފަސޭހަކަމާ ގުޅިފައިވާ ކިތައްމެ ކަމެއް ފެންނާނެ ކަމަށް ރަައީސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވަނީ، މާލެ ތަރައްގީކުރުމުގައި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެގޮތުން މާލޭގެ ބިން ހިއްކުމުގެ މަޝްރޫއާއި މާލޭގެ އަޑިގުޑަން މަގުތަކުގައި ގާ އަތުރައި ރަނގަޅު ފެންވަރަކަށް ތަރައްގީކުރުމާއި މަގުތަކުގައި ގަސް އިންދައި ޕާކުތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ރައީސް ފާހަގަކުރެއްވި އެވެ.