Roadha Mihaaru
ލޮނުޒިޔާރަތްކޮޅު ސަރަހައްދު ޕާކުގައި ކެފޭއެއް ނުހަދާ

ރާޅާ އެޅުންތެރިންގެ ޝަކުވާއާ އެކު، ކައުންސިލުން ބުނީ ލޮނުޒިޔާތްކޮޅުގައި ހަދަނީ ކެފޭއެއް ނޫން ކަމަށް

06 ޖޫން 2023

ލޮނުޒިޔާރަތް ޕާކުގެ މޫދާ ވީ ފަޅީގައި އޮންނަ ބިމުގައި ކެފޭއެއް ހިންގަން ބަޔަކަށް ދީފައިވާ ކަމަށް ބުނެ މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކުރުމުން މާލޭ ސިޓީ ކައުންސިލުން މިއަދު އެ ވާހަކަ ދޮގުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ލޮނުޒިޔާރަތް ޕާކުގެ މޫދާ ވީ ފަޅީގައި އޮންނަ ބިމުގައި ކެފޭއެއް ހިންގަން ބަޔަކަށް ދީފައިވާ ކަމަށް ބުނެ މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކުރުމުން މާލޭ ސިޓީ ކައުންސިލުން މިއަދު އެ ވާހަކަ ދޮގުކޮށްފި އެވެ.

އެ އެސޯސިއޭޝަންގެ ކަންބޮޑުވުމަކީ ރާޅުގަނޑު ސަރަހައްދުގައި މިހާރު ވެސް ރަޅާ އެޅުންތެރިންނަށް އެ މީހުންގެ ހަރަކާތްތައް ބާއްވަން ލިބިފައި އޮތް ޖާގަ ކުޑައިރު، އަނެއްކާވެސް އެ ސަރަހައްދުން ބައެއް ބަޔަކަށް ދިނުމެވެ. އެ ކަންބޮޑުވުންތަކާ އެކު އެ އެސޯސިއޭޝަނުން ވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އިއްޔެ ސިޓީއެއް ވެސް ފޮނުވާފައިފަ އެވެ.

އެކަމުގައި ސާފިން އެސޯސިއޭޝަންގެ ކަންބޮޑުވުންތަކެއް އޮތީމަ މޭޔަރު ވަނީ އެ ބޭފުޅުންނާ ބައްދަލުކޮށް، އެ ކަންކަން އޮޅުން ފިލުވަން ވެސް ނިންމަވައިފައި: ޝިއުނާ، ސިޓީ ކައުންސިލުގެ ތަރުޖަމާން

އެކަމަކު، ސިޓީ ކައުންސިލުގެ ތަރުޖަމާން މަރިޔަމް ޝިއުނާ "މިހާރު" އަށް ވިދާޅުވީ އެ ތަނުގައި ކެފޭއެއް ހަދަން އުޅޭ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް ކަމަށެވެ. އޭގެ ބަދަލުގައި އެ ބިމުގައި މިހާރު ކުރާ ކަމަކީ އެ ތަނާއި ލޮނުޒިޔާރަތް ޕާކު އެއްކޮށްލައި، އިވެންޓުތައް ބޭއްވޭނެ ގޮތަށް ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމުގައި ސާފިން އެސޯސިއޭޝަންގެ ކަންބޮޑުވުންތަކެއް އޮތީމާ މޭޔަރު ވަނީ އެ ބޭފުޅުންނާ ބައްދަލުކޮށް، އެ ކަންކަން އޮޅުން ފިލުވަން ވެސް ނިންމަވައިފައި،" އޭނާ ވިދާޅުވި އެވެ.

ލޮނުޒިޔާރަތްކޮޅުން ކެފޭ ހަދަން ދޭން އުޅޭ ކަމަށް ބުނާ ބިމުގައި މަސައްކަތް ކުރިއަށް ދަނީ.

ލޮނުޒިޔާރަތްކޮޅުން ކެފޭ ހަދަން ދޭން އުޅޭ ކަމަށް ބުނާ ބިމުގައި މަސައްކަތް ކުރިއަށް ދަނީ.

ލޮނުޒިރާތް ޕާކުގެ ފަހަތުގައި ތަން ކޮޅެއް އުސްކޮށް އޮންނަ އެ ބިމުގައި ހުންނަ "ވޮޗް ޓަވަަރަކީ" ރާޅާ އެޅުންތެރިން ލޭންޑްމާކެއްގެ ގޮތުގައި ދެކޭ ތަނެކެވެ. މިދިޔަ އަހަރުތަކުގައި ރާޅުގަނޑު ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް ގެނައި ނަމަވެސް، އެ ވޮޗް ޓަވަރު އަދިވެސް އެ ތަނުގައި ހުރެ އެވެ. މިހާރު އެތަނުގައި ބީޗު ހަޓުތަކެއް ވެސް ޖަހައިފައި ހުރެ އެވެ.

ސާފިން އެސޯސިއޭޝަނުން މޭޔަރަށް ފޮނުވި ސިޓީގައި ބުނީ ރާޅާ އަޅާތަން ބެލުމަށާއި ބޯޑު ބެހެއްޓުމަށާއި ރާޅު މުބާރާތްތައް ބޭއްވުމަށް ފުޅާ ދާއިރާއެއްގައި އެ ސަރަހައްދު މިހާރު ވެސް ބޭނުންކުރާ ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި އެ ސަރަހައްދަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން ރާޅާ އެޅުމަށާއި މުބާރާތްތައް ބޭއްވުމަށް ވަރަށް ބޮޑަށް އުނދަގޫވެފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

"ކަންމިހެން ވަނިކޮށް މިހާރު އަޅުގަނޑުމެންނަށް ފެންނަމުން ދަނީ ލޮނުޒިޔާރަތް ޕާކުގެ އިރުމަތިން އޮތް ހުސްބިމުގައި ހުރި ހަޓުތައް ނަގާ އަދި އަޑުތައް އިވޭ ގޮތުން ނަމަ އެ ސަރަހައްދު ވަނީ ކެފޭއެއް ހެދުމަށްޓަކައި ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށެވެ،" އެ ސިޓީގައިވެ އެވެ.

އެހެންވެ، އެ ސަރަހައްދަށް ގެންނަ ބަދަލުތަކާއި އެކަމަށް ޕްލޭންކޮށްފައިވާ ގޮތް އެ އެސޯސިއޭޝަންއާ ހިއްސާކޮށްދިނުމަށް ސިޓީގައި އެދިފައިވެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެތަނުގައި ހުރި ހަޓުތައް ނަގައި، ކޮނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެތަނުގައި ހުރި ރާޅާ އެޅުންތެރިންގެ އައުޓް ޑޯ ޝަވަރު ވެސް ވަނީ ނަގައިފަ އެވެ.

ސިޓީ ކައުންސިލުން އެ ވާހަކަ ދޮގުކުރި ނަމަވެސް، މާލޭގެ ޕާކުތަކާއި މައިޒާންތަކުގައި ކެފޭ ހިންގަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދޭން އޮތީ ނިންމައިފަ އެވެ. އަދި އެކަމުގައި އަމަލުކުރާނެ އުސޫލެއް ވެސް ސިޓީ ކައުންސިލުން ވަނީ ހަދައިފަ އެވެ.