Roadha Mihaaru
ރަންދާ ރާޅުގަނޑުގެ ޗެމްޕިއަންކަން އިއްސެއާއި އިނާންއަށް

ރަންދާ ރާޅުގަނޑުގެ ޗެމްޕިއަންކަން ކުޑަ އިއްސެ އާއި އިނާން އަށް

30 އޯގަސްޓް 2024

ދިވެހި ސާފް ލީގުގެ ރަންދާ ރާޅުގަނޑު މުބާރާތުން އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އާއި މުހައްމަދު އިނާން އަބްދުލް ހަންނާން ޗެމްޕިއަންކަން ހޯދައިފި އެވެ.

ދިވެހި ސާފް ލީގުގެ ރަންދާ ރާޅުގަނޑު މުބާރާތުން އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އާއި މުހައްމަދު އިނާން އަބްދުލް ހަންނާން ޗެމްޕިއަންކަން ހޯދައިފި އެވެ.

މިގްލާލް ޗެމްޕިއަންކަން ހޯދާފައި ވަނީ އިއްޔެ ކުރިއަށް ގެންދިޔަ އޯޕަން ބައިގެ ފައިނަލް ހީޓުގައި އަހުމަދު އާގިލް (އަންމަޑޭ) އާ ވާދަކޮށް، 15.67 ޕޮއިންޓް ހޯދައިގެންނެވެ. އޭނާ މި ސްކޯ ހަމަކުރީ ހަތް ވަނަ ރާޅުގައި ނުވަ ޕޮއިންޓް ސްކޯ ކޮށްގެންނެވެ. އަންމަޑޭ އަށް ލިބުނީ ޖުމްލަ 11.36 ޕޮއިންޓެވެ.

އަންމަޑޭ ވަނީ ސެމީ ފައިނަލް ހީޓުގައި ހޫދު އަހުމަދު (ހޫބްޒް) އާ ވާދަކޮށް 16.84 ޕޮއިންޓް ހޯދައިގެން ކުރި ހޯދައިފަ އެވެ. އޭނާ މި ސްކޯ ހޯދީ 7.17 އަކާއި 9.67 ޕޮއިންޓްގެ ރާޅަކުންނެވެ. ހޫދު ހޯދި އަށް ޕޮއިންޓާއި 7.33 ޕޮއިންޓްގެ ރާޅާ އެކު ލިބުނީ ޖުމްލަ 15.33 ޕޮއިންޓެވެ.

މިއީ ކުރިން ތިން ފަހަރު ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ މިގްލާލް، 42، އެމްއެސްއޭއިން 2022 ވަނަ އަހަރު ގައުމީ ލީގެއް ތައާރަފް ކުރި ފަހުން، ލީގު އިވެންޓަކުން ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ޖޫނިއާ 18 އަހަރުން ދަށުގެ ބައިގައި އިނާން ޗެމްޕިއަންކަން ހޯދީ، ކަޔާން އަބްދުﷲ އަރީފް އާ ވާދަކޮށް، ދެ ޖުމްލަ 14.67 ޕޮއިންޓް ހޯދައިގެންނެވެ.

އިއްޔެގެ ފައިނަލް ހީޓުގައި އޭނާ ވަނީ 6.17 އަކާއި 8.50 ޕޮއިންޓްގެ ރާޅެއް ދުއްވާލައިފަ އެވެ. ހަތަރު ވަނަ ރާޅަށާއި ފަސްވަނަ ރާޅަށް 7.50 އަދި 6.60 ހޯދި ކަޔާން އަރީފް އަށް ލިބުނީ ޖުމްލަ 14 ޕޮއިންޓެވެ.

ކަޔާން ވަނީ ސެމީ ފައިނަލްގެ ހީޓުގައި 15.35 ޕޮއިންޓް ހޯދައިފަ އެވެ. އޭނާއާ ވާދަކުރި ޔަސީން އަހުމަދު ނާޝިދަށް ލިބުނީ 12 ޕޮއިންޓެވެ.

އިނާން ވަނީ މި އަހަރުގެ ސާފް ލީގުގައި އެންމެ ފަހުން ބޭއްވި މުލީކޮޅު ރާޅުގަނޑު މުބާރާތުގެ ޖޫނިއާ ބައިން ވެސް ޗެމްޕިއަންކަން ހޯދައިފަ އެވެ.

ޖޫނިއާ ސާފަރު ޔޫސުފް ކަޔާން ހަމްދާން ޒަކީ ވަނީ ރަންދާ ރާޅުގަނޑުގައި އޯޕަން އަދި ޖޫނިއާ ބައިގެ ސެމީ ފައިނަލްގައި ވެސް ވާދަ ކޮށްފަ އެވެ.

ޖޫނިއާ ސެމީގައި އިނާން އާ ވާދަކޮށް ބަލިވި އިރު، އޯޕަން ބައިގެ ސެމީން ވެސް ކެޓީ ޗެމްޕިއަންކަން ހޯދި މިގްލާލް އާ ވާދަކޮށެވެ.