Roadha Mihaaru
ރަސްމާދޫ ފަހަތަށް ޖައްސާލައި މަރުހަބާ ކަޕް ގައްދުއަށް

ރަސްމާދޫ ފަހަތަށް ޖައްސާލައި މަރުހަބާ ކަޕް ޗެމްޕިއަންކަން ގައްދުއަށް

04 ނޮވެމްބަރ 2023

ރަންނަމާރި ޗެލެންޖް 1445 ގެ ޓީމް އިވެންޓް ކަމަށްވާ މަރުހަބާ ކަޕްގެ ޗެމްޕިއަންކަން ގދ. ގައްދޫ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރަންނަމާރި ޗެލެންޖް 1445 ގެ ޓީމް އިވެންޓް ކަމަށްވާ މަރުހަބާ ކަޕްގެ ޗެމްޕިއަންކަން ގދ. ގައްދޫ ހޯދައިފި އެވެ.

މަރުހަބާ ކަޕްގައި ހަ ޓީމެއް ވާދަކުރިއިރު، ގައްދުއާއި ރ. ރަސްމާދޫ އަދި ކ. ތުލުސްދުއާއި ކ.މާލެ ޓީމު ވަނީ ސެމީ ފައިނަލަށް ހޮވިފަ އެވެ. ނަމަވެސް މޫސުން ތަން ނުދޭތީ މުބާރާތުގެ އެންމެ ފަހު ދުވަހު ހަތަރު ޓީމު ވާދަކުރާ ފައިނަލް ހީޓެއް ކުރިއަށް ގެންދަން ނިންމީ އެވެ.

ހީޓް ނިމެން އަށްވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ވެސް އެއްވަނައިގައި އޮތީ ރަސްމާދޫ ޓީމެވެ. އޭރު ރަސްމާދޫ ޓީމުގެ ހަތަރު ރާޅާއެޅުންތެރިން ވެސް ވަނީ ރާޅު ހަމަކޮށް، ޖުމްލަ 30.07 ޕޮއިންޓް ހޯދައިފަ އެވެ. ހުސެއިން އަރީފް (އިބޫ) ފަސް ޕޮއިންޓަކާއި 6.50 ޕޮއިންޓް ހޯދައިދިން އިރު، ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) ވަނީ 2.77 އަކާއި 2.73 ޕޮއިންޓެއް ހޯދައިދީފަ އެވެ. ރިފާޝް އަހުމަދު 1.67 ޕޮއިންޓަާއި 1.37 ޕޮއިންޓެއް ހޯދައިދީފައި ވަނިކޮށް އެންމެ ފަހުން ރާޅަށް ފޭބި އަބްދުﷲ އަރީފް (ފުކޫ)، 4.80 އަކާއި 5.23 ޕޮއިންޓް ހޯދައިދިނެވެ.

ރަސްމާދޫ ޓީމުގެ ރާޅާއެޅުންތެރިންގެ ރާޅު ހަމަވިއިރު ގައްދޫ ޓީމު ދެވަނައިގައި އޮތީތިން ރާޅާއެޅުންތެރިންގެ ސްކޯތަކާ އެކު 25.07 ޕޮއިންޓް ހޯދައިގެންނެވެ. ނަތީޖާ އަނބުރާލީ އެންމެ ފަހުން ފޭބި އެތުލީޓް އިސްމާއިލް ރަޝީދު ހޯދައިދިން 4.40 ޕޮއިންޓާއި 8.33 ޕޮއިންޓާ އެކު ޖުމްލަ 37.80 ޕޮއިންޓް ހަމަކޮށްގެންނެވެ.

ގައްދޫ ޓީމު މޮޅުކޮށްދީ އެއްގަމަށް އެރުމާ އެކު ޓީމު ބައިވެރިންނާއި ސަޕޯޓަރުން ސްމައިލީ އުފުލާލައިގެން އުފާފާޅު ކުރަނީ.-- ފޮޓޯ: ޔޫތު މިނިސްޓްރީ

ގައްދޫ ޓީމު މޮޅުކޮށްދީ އެއްގަމަށް އެރުމާ އެކު ޓީމު ބައިވެރިންނާއި ސަޕޯޓަރުން ސްމައިލީ އުފުލާލައިގެން އުފާފާޅު ކުރަނީ.-- ފޮޓޯ: ޔޫތު މިނިސްޓްރީ

ގައްދޫ ޓީމުން ފުރަތަމަ ރާޅާ އަޅާލި ޖައިލަމް ނިޒާރު، ތިން ޕޮއިންޓަކާއި 3.33 ޕޮއިންޓް ހޯދިއިރު، ދެވަނައަށް ރާޅާއެޅި ހޫދު އަހުމަދު (ހޫބްޒް) ވަނީ 4.37 އަކާއި 7.17 ޕޮއިންޓްގެ ރާޅެއް ދުއްވާލައިފަ އެވެ. އަދި ނަޖާހު މުހައްމަދު (ކަބޯ) ވަނީ 3.30 ޕޮއިންޓަކާއި 3.90 ޕޮއިންޓް ހޯދައިފަ އެވެ.

ތިންވަނައަށް ދިޔަ މާލޭ ޓީމުން ވަނީ ޖުމްލަ 20.76 ޕޮއިންޓް ހޯދައިފަ އެވެ. މާލޭ ޓީމުގެ އެތުލީޓުންނަކީ ސައްޔިދު ސަލާހުއްދީނާއި ޔަސީން އަހުމަދު ނާޝިދުގެ އިތުރުން އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އަދި ހުސެއިން ފަޔާޒް (ފަޔާނީ) އެވެ.

މުހައްމަދު އިނާން އަބްދުލް ހަންނާނާއި ހަސަން ނާސިހު (ޗިކާ) އަދި އާދަމް މުއީން އިބްރާހިމާއި އަހުމަދު އާގިލް (އަންމަޑޭ) އާއެކު ހަތަރުވަނައިގައި ނިންމި ތުލުސްދޫ ޓީމަށް ލިބުނީ ޖުމްލަ 16.69 ޕޮއިންޓެވެ.

މިދިޔަ އަހަރުގެ މަރުހަބާ ކަޕްގެ ފައިނަލްގައި ގައްދޫ ޓީމުގެ މައްޗަށް ކުރި ހޯދައި ޗެމްޕިއަންކަން ހޯދާފައި ވަނީ ރަސްމާދޫ ޓީމެވެ.