Roadha Mihaaru
އިނާން: މުލީގެ އާ ޖޫނިއާ ޗެމްޕިއަން

އިނާން: މުލީގެ އާ ޖޫނިއާ ޗެމްޕިއަން

27 ޖުލައި 2024

މުލީކޮޅު ރާޅުގަނޑު މުބާރާތުގެ 18 އަހަރުން ދަށުގެ ޖޫނިއާ ޗެމްޕިއަންކަން މުހައްމަދު އިނާން އަބްދުލް ހަންނާން ހޯދައިފި އެވެ.

މުލީކޮޅު ރާޅުގަނޑު މުބާރާތުގެ 18 އަހަރުން ދަށުގެ ޖޫނިއާ ޗެމްޕިއަންކަން މުހައްމަދު އިނާން އަބްދުލް ހަންނާން ހޯދައިފި އެވެ.

އިނާން ޗެމްޕިއަންކަން ހޯދީ މިއަދު އޮތް ފައިނަލް ހީޓުގައި ޔަސީން އަހުމަދު ނާޝިދާ ވާދަކޮށް، ފަހު ރާޅުގައި 5.50 ޕޮއިންޓް ސްކޯ ކޮށްގެން ޖުމްލަ 10.50 ޕޮއިންޓް ހަމަކޮށްގެންނެވެ. ޔަސީން އަށް ލިބުނީ ޖުމްލަ 7.67 ޕޮއިންޓެވެ. އޭނާގެ ދެވަނަ ރާޅަށް 3.50 ޕޮއިންޓް ހޯދި އިރު ތިންވަނަ ރާޅުގައި 4.17 ޕޮއިންޓް ހޯދި އެވެ.

މިއީ އިނާން، ލީގުގެ މުބާރާތަކުން ހޯދި ފުރަތަމަ ކާމިޔާބީ އެވެ. އެންމެ ފަހުން ލީގުގައި ބޭއްވި ދެ މުބާރާތުގައި އޭނާ ވަނީ ފައިނަލް ހީޓުގައި ރާޅާ އަޅައިފަ އެވެ. މިއަހަރުގެ ކަޅެގަލެކޮޑާ އާއި މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖުގެ ފައިނަލްގައި ވެސް އޭނާ ބަލިވީ ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) އާ ވާދަކޮށެވެ.

މި އަހަރުގެ ދިވެހި ސާފް ލީގުގެ ޖޫނިއާ ބައިގެ އެންމެ ކުރީގައި އިނާން މިވަގުތު އޮތީ ޖުމްލަ 1،860 ޕޮއިންޓް ހޯދައިގެންނެވެ.

ފައިނަލަށް އިނާން ދަތުރު ކުރީ ސެމީގައި، މުލީގައި މިހާތަނަށް ބޭއްވި ދެ މުބާރާތުގެ ވެސް ޗެމްޕިއަންކަން ހޯދި ޝާނިފް ޝަފީގް ބަލިކޮށްފަ އެވެ. ސެމީގެ ހީޓުގައި ޝާނިފް އަށް ޖުމްލަ 7.50 ޕޮއިންޓް ލިބުނުއިރު، އިނާން ވަނީ 11.83 ޕޮއިންޓް ހޯދައިފަ އެވެ.

ގާމާދޫކޮޅުގެ ޖޫނިއާ ޗެމްޕިއަންކަން ހޯދި، އެންމެ ފަހުގެ ލީގުގެ ވެސް ޗެމްޕިއަން ކައިޕުޓީ ވަނީ ސެމީގައި ޔަސީންއާ ވާދަކޮށް ބަލިވެފަ އެވެ. ސެމީގައި ޔަސީން، 14.50 ޕޮއިންޓް ހޯދިއިރު ކައިޕުޓީ އަށް ލިބުނީ 8.66 ޕޮއިންޓެވެ.

މުލީ މުބާރާތުގެ އޯޕަން ބައިގެ ފައިނަލުގައި ވާދަކުރި ޖޫނިއާ ރާޅާއެޅުންތެރިޔާ، ޔޫސުފް ކަޔާން ހަމްދާން (ކައި ޒަކީ) ކެޓީ ކުއާޓާ ފައިނަލްގެ ހީޓުން ޝާނިފް އާއި ޔަސީންއާ ވާދަކޮށެވެ. ކައިޕުޓީ އާއި އިނާން ސެމީ އަށް ދަތުރުކުރީ ކުއާޓާގެ ހީޓުގައި ސައްޔިދު ސަލާހުއްދީން ފަހަތަށް ޖައްސާލައިފަ އެވެ.

އޯޕަން ބައިގައި އިނާން ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކޮށްފަ އެވެ. އޭނާ ކެޓީ އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދި ސްމައިލީއާ ވާދަކޮށެވެ. އެ ހީޓުގައި ސްމައިލީ 11.10 ޕޮއިންޓް ހޯދި އިރު އިނާނަށް ލިބުނީ 7.90 ޕޮއިންޓެވެ.

ލީގުގައި ދެން އޮންނާނީ އޮގަސްޓް 27 އިން 30 އަށް ކ. ތުލުސްދޫގައި ބާއްވާ ރަންދާ ރާޅުގަނޑު މުބާރާތާއި މާލޭ ރާޅުގަނޑު ސަރަހައްދުގައި އޮކްޓޫބަރު 27 އިން ނޮވެމްބަރު 2 އަށް ބާއްވަން ހަމަޖެހިފައިވާ ރަންނަމާރި ޗެލެންޖެވެ.