Roadha Mihaaru
ނޮވެމްބަރު 11 ގައި ދައުރު ފެށޭ ގޮތް ހަދާނަން:ރައީސް

ވެރިކަމުގެ ދައުރު ނޮވެމްބަރު 11 ގައި ފަށަން ގާނޫނީ ހައްލެއް ހޯދާނަން: ރައީސް

11 ނޮވެމްބަރ 2020

ޖުމްހޫރީ ދުވަސް ފާހަގަކުރާ ނޮވެމްބަރު 11 ގައި ރިއާސީ ދައުރު ފެށޭ ގޮތަށް ކުރިން އޮތުމަށް ފަހު 2013 ގެ ރިއާސީ ދައުރު ފެށުން ލަސްވުމުން އައި ފަރަގު ނައްތާލަން ގާނޫނީ ހައްލެއް ހޯއްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރާ ނޮވެމްބަރު 11 ގައި ރިއާސީ ދައުރު ފެށޭ ގޮތަށް ކުރިން އޮތުމަށް ފަހު 2013 ގެ ރިއާސީ ދައުރު ފެށުން ލަސްވުމުން އައި ފަރަގު ނައްތާލަން ގާނޫނީ ހައްލެއް ހޯއްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭ ޓީވީގެ "ފަށާއިރު" ޝޯގައި ހާއްސަ މެހްމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން، ރިއާސީ ދައުރު ފެށޭ ދުވަހާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ވިދާޅުވީ ރިއާސީ ދައުރު ފެށެން ޖެހޭނީ ނޮވެމްބަރު 11 ގައި ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި އަމަލުކުރައްވަނީ އެގޮތަށް ބައްލަވައިގެން ކަމަށެވެ.

ނޮވެމްބަރު 11 ވަނަ ދުވަސް ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ 1968 ގައި ފެށި ޖުމްހޫރީ ދެ ވަނަ ވެރިކަމާ ގުޅުވައިގެންނެވެ. ކޮންމެ ފަސް އަހަރަކުން މި ދުވަހަކީ ރާއްޖޭގެ ޖުމްހޫރިއްޔަތަށް އަހަރު ފުރޭ ދުވަހުގެ އިތުރުން އެ އިރަކު އޮންނަ ވެރިކަމަށް ވެސް އަހަރެއް ފުރޭ ދުވަހެވެ. އެކަމަކު 2013ގެ ރިއާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކުރުމުން އައި ލަސްވުމާ ހެދި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ފެށުނީ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. އެހެންވެ އޭގެ ފަހުން ވެރިކަމުގެ ދައުރު ގުނަމުން އަންނަނީ ނޮވެމްބަރު 17 އިން ފެށިގެންނެވެ.

ރައީސްގެ ވެރިކަމުގެ ދެ ވަނަ އަހަރު ފާހަގަކުރެއްވުން ނޮވެމްބަރު 11 އަށް ބަދަލުކުރެއްވީތޯ، ޝޯގެ ޕްރެޒެންޓަރު އާމިރު ސަލީމް ސުވާލުކުރެއްވުމުން ރައީސް ވިދާޅުވީ ރިއާސީ ކެމްޕޭނު ތެރޭގައި ވެސް އެ ވާހަކަ ދެއްކެވި ގޮތަށް، އެމަނިކުފާނު މިހާރު ވެސް ގަބޫލުފުޅުކުރައްވަނީ ނޮވެމްބަރު 11 ގައި ފާހަގަކުރާ ޖުމްހޫރީ ދުވަހަކީ ވެރިކަމުގެ ދައުރު ގުނާ ދުވަހުގެ ގޮތުގައި ކަމަށެވެ.

"ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން އޭރު ވެރިކަމުގައި ހުންނެވި ބޭފުޅަކު އެ އަމަލުކުރެއްވި ގޮތުން އެ ދުވަސް އަޅުގަނޑުމެންނަށް މި ވަނީ ކައްސާލައިގެން ހަ ދުވަސް ފަހަތަށް ގޮސްފައި. އެހެން ވިޔަސް ރާއްޖޭގައި ޖުމްހޫރީ ތާރީހަށް ބަލާއިރުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފާހަގަކުރުން އެންމެ އައުލާކަން ބޮޑީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު. އެހެންވީމަ އަޅުގަނޑު އެކަން އެގޮތަށް މި ކުރިއަށް ގެންދަނީ،" ރައީސް ވިދާޅުވި އެވެ.

ޔާމީން 2013 ގައި ރައީސްކަމުގެ ހުވާކުރެއްވީ ނޮވެމްބަރު 17 ގަ އެވެ. އެފަހަރު އެހެން ދިމާވީ ފުރަތަަމ ބުރުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ ހުށައެޅި މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުން އެ ވޯޓު ބާތިލްކުރުމުންނެވެ. އިންތިހާބުގެ ތެރޭގައި ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ވަހީދު ވަނީ ދައުރު ހަމަވުމުން ވެސް އިސްތިއުފާ ނުދެއްވައި، ސުޕްރީމް ކޯޓުގެ ލަފައާ އެކު، ވެރިކަމުގައި ހުންނަވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2018 ގައި ރިއާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ނޮވެމްބަރު 11 ގައި ހުވާކުރައްވަން ޖެހޭނެ ކަމަށް އެއްބަޔަކު ބުނި ނަމަވެސް އެންމެ ފަހުން ނިންމެވީ ނޮވެމްބަރު 17 ގައި މަގާމާ ހަވާލުވެވަޑައިގަތުމަށެވެ. އަދި އޭރު ވިދާޅުވީ ވެރިކަމުގެ ދައުރު ނޮވެމްބަރު 11 އިން ފެށިގެން ގުނުމުން އެމަނިކުފާނުގެ ވެރިކަމުގެ ދައުރުން ގެއްލޭ ހަ ދުވަސް ހިފަހައްޓަވައިގެން ނުހުންނަވާނެ ކަމަށެވެ. މިއަދު ވެސް ވިދާޅުވީ އެގޮތަށް އަމަލުކުރައްވާނެ ކަމަށެވެ. އެކަމަކު އެކަން ކުރައްވާނީ ގާނޫނީ ގޮތުން ކަމަށް ވިދާޅުވި އެވެ.

"ގާނޫނީ ހައްލެއް ހޯދުމުގެ މަސައްކަތް އަޅުގަނޑު ކުރާނަން. އަޅުގަނޑު ބޭނުންވަނީ ހަމަ ކުރިއެކޭ ވެސް އެއްގޮތަށް. ނޮވެމްބަރު 11 އަކީ ދައުރު ބަދަލުވާ ދުވަސް ކަމަށް ހަދަން. ނަމަވެސް އެކަން ކުރެވޭނީ ގާނޫނީ ގޮތުން ހުރި ހުރަސްތައް ނައްތާލައިގެން. އެހެންވެ އެހާ ހިސާބަށް ދާއިރު އަޅުގަނޑު އެ މަސައްކަތް ފަށާނަން،" ރައީސް ވިދާޅުވި އެވެ.

ޖުމްހޫރީ ދުވަހު ވެރިކަމުގެ ދައުރު ނުފެށޭތީ އެކަމުގެ ބަހުސް 2018ގެ ރިއާސީ އިންތިހާބަށް ފަހު ބޮޑުވި އެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުންނާއި އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ނިންމީ ރިއާސީ ދައުރު ފެށޭނީ ނޮވެމްބަރު 17 ގައި ކަމަށެވެ. އެއީ ރައީސް ވެސް އޭރު ބޭނުންފުޅުވި ގޮތެވެ.