Roadha Mihaaru
މުވާސަލާތީ ހިދުމަތަށް އިތުރު ކުންފުންޏެއް ގެންނަނީ

މުވާސަލާތީ ހިދުމަތް ދޭން އިތުރު ކުންފުންޏަކަށް ހުއްދަ ދެނީ

09 ނޮވެމްބަރ 2020

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދިނުމަށްޓަކައި އިތުރު ކުންފުންޏަކަށް ހުއްދަ ދިނުމަށް ސަރުކާރުން ނިންމައިފި އެވެ. އެކަން މިއަދު އިއުލާންކޮށް، އަންނަ އަހަރުގެ ބަޖެޓްގައި ވެސް ވަނީ ހިމަނައިފަ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދިނުމަށްޓަކައި އިތުރު ކުންފުންޏަކަށް ހުއްދަ ދިނުމަށް ސަރުކާރުން ނިންމައިފި އެވެ. އެކަން މިއަދު އިއުލާންކޮށް، އަންނަ އަހަރުގެ ބަޖެޓްގައި ވެސް ވަނީ ހިމަނައިފަ އެވެ.

އެކަމާ ބެހޭ ގޮތުން "މިހާރު" އަށް އިތުރު މައުލޫމާތު ދެއްވަމުން ޓެކްނޮލޮޖީ މިނިސްޓަރު މުހަންމަދު މަލީހު ޖަމާލު ވިދާޅުވީ އިތުރު ކުންފުންޏެއް ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.

"ރައްޔިތުން ބޭނުންވާ ފެންވަރަށް ހިދުމަތް ރަނގަޅު ކުރުމަށް އާ ޓެލެކޮމް ކުންފުންޏަކަށް ފުރުސަތު ދިނުމަށް އިކޮނޮމިކް ކައުންްސިލުން ވަނީ ނިންމަވައިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ޓެލެކޮމްގެ ހިދުމަތް ދިނުމަށް މިހާރު އޮތް ތިން ކުންފުނި ކަމަށްވާ، ދިރާގު، އުރީދޫ އަދި ރާއްޖެ އޮންލައިން އިތުރުން ހަތަރު ވަނަ ކުންފުންޏަކަށް ހުއްދަ ދޭން ނިންމި މައިގަނޑު ސަބަބަކީ ހިދުމަތުގެ ވާދަވެރިކަން ބޮޑުކޮށް ރަނގަޅު ހިދުމަތެއް ދިނުމަށެވެ.

"ޓެލެކޮމްގެ ހިދުމަތަކީ އަތްފޯރާ އަގުތަކެއްގައި ދޭ ހިދުމަތަކަށް ހެދުން އެއީ މި ސަރުކާރުގެ އަމާޒެއް. ދިރާގަށް ފަހު އުރީދޫ އައުމުން ވެސް އަގުތަކަށް ބަދަލު އައި. އެކަމަކު އޭގެ ފަހުން ތިން ވަނަ ކުންފުންޏެއް އަޔަސް އޭގެ މާ ބޮޑު ނަތީޖާއެއް ނުނިކުތް،" މަލީހު ވިދާޅުވި އެވެ.

"އަލަށް ހުޅުވާލާ ފުރުސަތަކީ އިންޓަނެޓާއި ފޯނުގެ ހިދުމަތް ވެސް ދޭ ގޮތަށް ހުޅުވާލާ ފުރުސަތެއް."

ޓެލެކޮމްއާ ބެހޭ ގާނޫނު ބުނާ ގޮތުން އިތުރު ކުންފުންޏަކަށް ހުއްދަ ދިނުމަކީ ހަމައެކަނި ރައީސަށް ކުރެއްވޭ ކަމެކެވެ.

އަންނަ އަހަރަށް ލަފާ ކުރަ ބަޖެޓް ހުށަހައްޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އާމްދަނީ ހޯދަން އިތުރަށް ކުރަން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ޓެލެކޮމް ލައިސަންސަށް ގެންނަ ބަދަލާއި ފުރިކުއެންސީ ސްޕެކްޓަމް ޗާޖެއް ނަގަން ނިންމާފައިވާ ކަމަށެވެ.

މި ބަދަލުގެ ސަބަބުން އަންނަ އަހަރު އިތުރު 300 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފަ އެވެ.

"އިރާދަ ކުރެއްވިއްޔާ އަންނަ އަހަރުގެ ކުރީކޮޅު އާ ކުންފުންޏަށް ލައިސަންސް ދޭން ޓެންޑަރަށް ހުޅުވާލާނަން،" އަމީރު ވިދާޅުވި އެވެ.