Roadha Mihaaru
ތަފާތުކުރުން ގެންގުޅޭތީ ނަޝީދުގެ ނަސޭހަތް އަސްލަމަށް

ތަފާތުކުރާކަމުގެ ތުހުމަތާ އެކު އަސްލަމަށް ނަޝީދު "ނަސޭހަތް" ދެއްވައިފި

04 ނޮވެމްބަރ 2020

ތަރަައްގީގެ މަޝްރޫއުތައް ހިންގުމުގައި ޕްލޭނިން މިނިސްޓަރު އަހުމަދު އަސްލަމް އިންތިހާބީ އެކި ދާއިރާތައް ތަފާތުކުރާކަމުގެ ތުހުމަތުތަކެއް ބައެއް މެމްބަރުން ކުރެއްވުމުން، އެކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ނަސޭހަތުގެ ބަސްތަކުން" އަސްލަމް މިއަދު ހިމޭންކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ތަރަައްގީގެ މަޝްރޫއުތައް ހިންގުމުގައި ޕްލޭނިން މިނިސްޓަރު އަހުމަދު އަސްލަމް އިންތިހާބީ އެކި ދާއިރާތައް ތަފާތުކުރާކަމުގެ ތުހުމަތުތަކެއް ބައެއް މެމްބަރުން ކުރެއްވުމުން، އެކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ނަސޭހަތުގެ ބަސްތަކުން" އަސްލަމް މިއަދު ހިމޭންކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އަސްލަމާ ކުރެއްވީ "ކޮވިޑް-19އާ ހެދި މަޝްރޫއުތައް މަޑުޖައްސާލާފައިވާ ވަގުތެއްގައި ބަޖެޓްގައި ނުވެސް ނެތް މަޝްރޫއެއްގެ އެއްބަސްވުމެއްގައި ސޮއިކުރީ ކީއްވެތޯ" އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ފުރަތަމަ އުޅުއްވީ އެއީ ސީދާ ކޮން މަޝްރޫއެއްކަން އެނގިވަޑައިނުގަންނަވާކަން ދައްކަވާށެވެ. އެހިސާބުން ރިޔާސަަތުުން ނަޝީދު ވިދާޅުވީ "މެމްބަރު އެކުރެއްވި ސުވާލުގެ މަފްހޫމް ވަޒީރަށް އެނގިވަޑައިގަންނަވާނެ" ކަމަށެވެ. އަދި ޓެކްނިކަލިޓީގައި ނުހިފެހެއްޓެވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

ނަޝީދު އެހެން ވިދާޅުވުމުން އަސްލަމް ވިދާޅުވީ ސިރާޖު ސުވާލު އެކުރެއްވީ ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫއަށް ބައެއް މަސައްކަތްތައް އިތުރުކުރިކުރުމާ ބެހޭ ގޮތުން ކަމަށެވެ. އެކަމަކު އެއީ އާ މަޝްރޫއުއެއް ނޫން ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ދުވާފަރުގެ މަޝްރޫއު ހަވާލުކުރީ ކުރިން ނުހިމެނޭ މަގުތަކެއް އިތުރުކޮށްފައި ކަމަށް ވިޔަސް ކަނޑައެޅި ބަޖެޓަށް ވުރެ ބޮޑެއް ނުވާނެ އެވެ.

އެގޮތަށް އަސްލަމް ޖަވާބު ދެއްވުމުން ސިރާޖު ވިދާޅުވީ ހިނގަމުން އަންނަ މަޝްރޫއަކަށް ބައެއް އިތުރުކުރަނީ އެ އިތުރުކުރާ ބައިގެ އަގު، މަޝްރޫއުގެ ފުރިހަމަ އަގުގެ 10 ޕަސެންޓަށް ވުރެ އިތުރު ނުވާ ހާލަތުގައި ކަމަށެވެ. އެހެންކަމުން ދުވާފަރުގެ މަޝްރޫއު ކުރިއަށް ގެންދާ ގޮތް ސާފުވެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސަތުން ނަޝީދު ވަނީ ސިރާޖުގެ ސުވާލު އަނެއްކާ "ތަރުޖަމާކޮށްދެއްވައިފަ" އެވެ. އެމަނިކުފާނު ވިދާޅުވީ އެ ސުވާލުކުރައްވަނީ އެ މެމްބަރުގެ ދާއިރާގެ މަސައްކަތެއް ދޫކޮށްލާފައި އެހެން ދާއިރާގެ މަސައްކަތަކަށް ވަޑައިގެންނެވީ ކީއްވެތޯ ކަމަށެވެ.

އަސްލަމް ދެން ވެސް ވިދާޅުވީ ދުވާފަރުގެ ޕްރޮޖެކްޓަށް ބައެއް އިތުރުކުރީ އެ މަސައްކަތުގެ ކޯޑުގެ ދަށުން ކަމަށެވެ.

ސިރާޖުގެ އިތުރުން އަސްލަމްގެ ޖަވާބާ މެދު ހިތްހަމަޖެހިވަޑައިނުގެން، ސުވާލު ކުރެއްވި އަނެއް މެމްބަރަކީ ވިލުފުށީ ދާއިރާގެ ހަސަން އަފީފެވެ. އެކަމަކު އޭނާ ސުވާލުކުރެއްވީ ސަރުކާރުން ސަމާލުކަން ދޭ ކަންކަން ހޯއްދަވާށެވެ.

"ދައުލަތުން މުހިއްމުކަން ދޭ ކަންތައްތަކަކީ ކޮބައިތޯ އަޅުގަނޑު ސާފުކޮށްލަން ބޭނުންވީ. އެކަންތައްތަކަކީ ރަށްރަށުގެ މަގު ހެދުންތޯ، މިހާރު އެބަހުރި ބައެއް ރަށްރަށް ގިރަމުން ވެސް އެބަދޭ، ގިރަމުން ދާއިރުގައި އެއީ މުހިއްމު ކަމަކަށް ނުވެފައި މަގު ހެދުން އެއީ މުހިއްމުކަމަކަށް ވަނީ ކޮން އުސޫލަކުންތޯ؟" އަފީފް ސުވާލުކުރެއްވި އެވެ.

އަޅުގަނޑުމެންނަށް އެނގޭ އިއްޒަތްތެރި ވަޒީރު ވިދާޅުވާނީ ތިޔަހެންކަން އަދި އިއްޒަތްތެރި މެމްބަރަށް ވެސް އެނގިވަޑައިގަންނަވާނެ. އެހެން ނަމަވެސް މިތަނުގައި މިވާ ގޮތަކީ އެކަން އެ ފާހަގަކުރައްވަނީ. ކުރިއަށް އޮތް ތަނުގައި ވެސް ވިސްނަވައްޗޭ. އެކަން އެބޭފުޅުން އެ ފާހަގަކުރައްވަނީ. ވަކި މެމްބަރުންކޮޅެއް އެދިވަޑައިގަންނަވާ ކަންކަން މާ ބާރަކަށް ވެފައި. އެހެން ބައެއް މެމްބަރުން އެދިވަޑައިގަންނަވާ ކަންކަން ނުވާ ކަމުގެ ޝަކުވާ މިއަންނަނީ،-- ރައީސް ނަޝީދު

ނަޝީދު ވިދާޅުވީ މަޖިލީހުގެ އެކި މެމްބަރުންގެ ދާއިރާތަކާ މެދު މިނިސްޓަރު އެކި ގޮތްގޮތަށް ކަންތައްތައްް ކުރައްވާ ކަމުގެ ޝަކުވާ މަޖިލީހުގެ ސައި ކޮޓަރީގަޔާއި ކުޑަދަށުގެ އިތުރުން ތަޅުމުގައި ވެސް އުފުލާ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އޭގެ ވާނުވާ އޮޅިފައި އޮވެދާނެ ކަމަށް ވިދާޅުވި އެވެ.

"އިއްޒަތްތެރި ވަޒީރު، މަޖިލީހުގެ ވަކި އިއްޒަތްތެރި މެމްބަރަކަށް ހެޔޮކޮށް ހައްދަވަނީތޯއޭ އެހެން މެމްްބަރަކަށް ނުހައްްދަވާ؟" ނަޝީދު އެއްސެވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ރިޔާސަތު ނަޝީދު ބަލަަހައްޓަވަނީ. ޕްލޭނިން މިނިސްޓަރު އަސްލަމް ދާއިރާތަކަށް ތަފާތުކުރައްވާ ކަމަށް އެމަނިކުފާނު މިއަދު ތުހުމަތުކުރެއްވި---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ރިޔާސަތު ނަޝީދު ބަލަަހައްޓަވަނީ. ޕްލޭނިން މިނިސްޓަރު އަސްލަމް ދާއިރާތަކަށް ތަފާތުކުރައްވާ ކަމަށް އެމަނިކުފާނު މިއަދު ތުހުމަތުކުރެއްވި---ފޮޓޯ: މަޖިލިސް

އެކަން ހިނގާ ގޮތް ސާފުކޮށްދެއްވަން އެދިވަޑައިގަތުމުން އަސްލަމް ވިދާޅުވީ އެގޮތަށް ކަންތައް ނުކުރައްވާ ކަމަށެވެެ. އޭނާ ވިދާޅުވި ގޮތުގައި އެއްވެސް މެމްބަރަކާ މެދު ތަފާތެއް ނުގެންގުޅުއްވަ އެވެ.

އިރުއިރުކޮޅުން ނަޝީދުގެ ނަސޭހަތް

މިނިސްޓަރުގެ ވާހަކަ ނުނިންމަވަނީ ވެސް ނަޝީދު ވިދާޅުވީ އަސްލަމް އެގޮތަށް ޖަވާބު ދެއްވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ޝަކުވާ އެ އަންނަނީ އެގޮތަށް ކަންތައް ހިނގާތީ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގޭ އިއްޒަތްތެރި ވަޒީރު ވިދާޅުވާނީ ތިޔަހެންކަން އަދި އިއްޒަތްތެރި މެމްބަރަށް ވެސް އެނގިވަޑައިގަންނަވާނެ. އެހެން ނަމަވެސް މިތަނުގައި މިވާ ގޮތަކީ އެކަން އެ ފާހަގަކުރައްވަނީ،" ނަޝީދު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް ވިސްނަވައްޗޭ. އެކަން އެބޭފުޅުން އެ ފާހަގަކުރައްވަނީ. ވަކި މެމްބަރުންކޮޅެއް އެދިވަޑައިގަންނަވާ ކަންކަން މާ ބާރަކަށް ވެފައި، އެހެން ބައެއް މެމްބަރުން އެދިވަޑައިގަންނަވާ ކަންކަން ނުވާ ކަމުގެ ޝަކުވާ މިއަންނަނީ."

އެކި މެމްބަރުންގެ ސުވާލުތަކަށް އަސްލަމް ޖަވާބު ދެއްވުމުގެ ކުރިން ނަޝީދު ނަސޭހަތްތެރިވެވަޑައިގެންނެވީ ތަފާތުކުރުމެއް ނުގެންގުޅުއްވުމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިނިސްޓަރަށް ކޮންމެވެސް ނުފޫޒެއް އައިސްގެން ބައެއް މެމްބަރުންނަށް މާ ބޮޑު ބުރަދަނެއް ދެއްވާކަން ބައެއް މެމްބަރުން ފާހަގަކުރައްވަ އެވެ.

"އެ ވެދާނެ އެބޭފުޅުންނަކީ އެކިއެކި ބޭފުޅުންނާ އެކި ގޮތްގޮތަށް ގާތް ބޭފުޅުންނަށް ވެގެން ނުވަތަ އެހެން ކަހަލަ ކަންކަން ވެގެން، މިކަންތައްތައް ވެގެން މަސައްކަތްތައް، ބައެއް ދާއިރާތަކުގައި މާ ބާރަށް ދާކަމަށް. ދެން އިއްޒަތްތެރި ވަޒީރު ނޫނެކޭ ވިދާޅުވިޔަސް އަޅުގަނޑަށް އެކަމާ އެއްބަސްވެވޭ މިހާރު،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެގޮތަށް ކަންތައް ކުރައްވާ ނަމަ ވަރަށް ބޮޑެތި މައްސަލަތައް އުފެދޭނެ ކަމަށެވެ. އަދި ވަޒީރުން އެގޮތަށް ކަންތައް ނުކުރެއްވުމަށް އިލްތިމާސްކުރެއްވި އެވެ.

މީގެ ކުރިން ނަޝިދު ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ވެސް އެފަދަ ތުހުމަތުތަކެއް ކުރައްވައިފަ އެވެ. މަޖިލީހުގެ އެކި މެމްބަރުންނަށް ފައްޔާޒު ވަކިން ނުފޫޒު ފޯރުއްވައި "ބްރޯ ހެދެން" އުޅުއްވާ ކަމުގެ ތުހުމަތުކުރައްވައި، ވަޒީރުކަމުން ދުރުކުރުމުގެ މަސައްކަތް ވެސް ފެއްޓެވި އެވެ.