Roadha Mihaaru
"މިއީ ކޮންކްރީޓް ޕްރޮޖެކްޓް ހިންގަންވީ ވަގުތެއް ނޫން"

މިއީ ކޮންކްރީޓް ޕްރޮޖެކްޓްތައް ހިންގަންވީ ވަގުތެއް ނޫން: ނަޝީދު

01 ޖޫން 2022

މިއީ "ކޮންކްރީޓުގެ ޕްރޮޖެކްޓުތައް" ހިންގަންވީ ވަގުތު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ސަރުކާރުގެ ވައުދުތައް ފުއްދުން މި ވަގުތަށް މަޑުޖައްސާލުން މުހިންމު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

މިއީ "ކޮންކްރީޓުގެ ޕްރޮޖެކްޓުތައް" ހިންގަންވީ ވަގުތު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ސަރުކާރުގެ ވައުދުތައް ފުއްދުން މި ވަގުތަށް މަޑުޖައްސާލުން މުހިންމު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމާ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ކުރެއްވި ސުވާލަކާ ގުޅުވައި، ނަޝީދު ވިދާޅުވީ ދުނިޔޭގެ އިގްތިސާދީ ހާލަތާއި ރާއްޖޭގެ މާލީ ހާލަތަށް ބަލައި، ވައުދުތައް ފުއްދުން މަޑުޖައްސާލުން މުހިންމު ކަމަށެވެ.

"ހާއްސަކޮށް ތެލުގެ އަގު ސަތޭކަ އެކާވީސް ރުފިޔާއަށް އިއްޔެގައި އަރައިފި. އަދި އަޅުގަނޑުމެންގެ އަވަށްޓެރި ގައުމެއް އެ އުޅެނީ ދަރަނީގައި ވަރަށް ބޮޑަށް. މިއީ އަޅުގަނޑުމެން ވިސްނުންތެރިކަމާ އެކު ތިބެންވީ ވަގުތެއް،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ތަރައްގީގެ ޕްރޮޖެކްޓުތައް މަޑުޖައްސާލަން މެންބަރުންނާއި ސަރުކާރަށް ވެސް ދަތިވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، އެއީ މި ވަގުތަށް ކުރަން އެންމެ މުހިންމުކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެެ.

"މިއީ ބާރަށް ކޮންކްރީޓުގެ ޕްރޮޖެކްޓުތައް ހިންގަންވީ ވަގުތު ކަމަކަށް އަޅުގަނޑަކަށް ނުފެނޭ،" ނަޝީދު ވިދާޅުވި އެވެ.

ސަލީމް މިނިސްޓަރާ ސުވާލުކުރެއްވީ ރައީސްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން މިނިސްޓްރީއާ ގުޅޭ ވައުދުތައް ފުއްދޭނެކަމުގެ ޔަގީންކަން އެބައޮތްތޯ އެވެ.

އެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ ވައުދެއް ވެއްޖެ ނަމަ އެ ވައުދެއް ފުއްދަން ސަރުކާރުން ވެސް، މިނިސްޓްރީން ވެސް އަދި މެންބަރުން ވެސް މަސައްކަތް ކުރައްވާ ކަމަށެވެ. ބައެއް ފަހަރަށް މަސައްކަތްތައް ނުނިންމޭ ފަހަރުތައް އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެއީ ކަމެއް ނުކުރުމަށް ނިޔަތްގަނެގެން ކުރާ ކަންކަމެއް ނޫން ކަމަށެވެ.