Roadha Mihaaru
މޮޑެލް ބަދަލުކޮށްގެން ވިޔަސް ހަ އެއާޕޯޓް އަޅާނެ

ހަ އެއާޕޯޓު އަދި ހަވާލެއް ނުކުރޭ, މޮޑެލް ބަދަލުކޮށްގެން ވެސް އަޅާނެ: މިނިސްޓަރު

16 މާޗް 2022

ހަ ސަރަހައްދެއްގައި އެއާޕޯޓް އަޅަން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކުރި އިއުލާނާ ގުޅިގެން އެއްވެސް ތަނެއް ބަޔަކާ ހަވާލުނުކުރާ ކަމަށާއި މޮޑެލް ބަދަލުކޮށްގެން ވިޔަސް އެއާޕޯޓްތައް އަޅާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހަ ސަރަހައްދެއްގައި އެއާޕޯޓް އަޅަން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކުރި އިއުލާނާ ގުޅިގެން އެއްވެސް ތަނެއް ބަޔަކާ ހަވާލުނުކުރާ ކަމަށާއި މޮޑެލް ބަދަލުކޮށްގެން ވިޔަސް އެއާޕޯޓްތައް އަޅާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ އެއާޕޯޓްތަކަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އެއްވެސް ތަނެއް އަދި އެއްބަސްވުމަކާ ހަމައަށް ނާންނަ ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި އަމާޒަކީ މި އަހަރުގެ ތެރޭގައި ދެ އެއާޕޯޓެއް ހުޅުވުމެވެ. މީގެ ތެރޭގައި ހިމެނޭ ފ. މަގޫދޫ އެއާޕޯޓް އަންނަ އަހަރުގެ ތެރޭގައި އޮޕަރޭޓްކުރަން ފެށޭނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ނުވާ ނަމަ ދައުލަތުގެ ބަޖެޓުން ވެސް އެކަން ކުރާނެ ކަމަށެވެ.

"އިއުލާންކޮށްފައި އޮތް ހަ އެއާޕޯޓް އަޅުގަނޑުމެން މަސައްކަތް ކުރާނަން އެއް މޮޑެލް އިން ނުވެއްޖިއްޔާ އަނެއް މޮޑެލް އިން ވެސް ކުރިއަށް ގެންދަން," މިނިސްޓަރު ވިދާޅުވި އެވެ.

އެއާޕޯޓްތައް ހުޅުވާލައި މިނިސްޓްރީން އެންމެ ފަހުން އިއުލާނުކޮށްފައިވާ ބީލަމުގައިވާ ގޮތުން، އެއާޕޯޓް ތަރައްގީކުރަން ހުށަހަޅާ އިންވެސްޓްމަންޓްގެ އަދަދު އެ މަޝްރޫއުގެ މުގާބިލުގައި ޓޫރިޒަމަށް ކުއްޔަށް ދޫކުރާނެ ރަށް/ ބިން ނުވަތަ ފަޅުގެ އިކްއިޒިޝަން ކޮސްޓާއި އެތަނުގެ ބިމު ކުލީގެ ގޮތުގައި ކަނޑައަޅާ ފައިސާގެ އަދަދުން އުނިކޮށްދޭނެ އެވެ.

އެއާޕޯޓް އަޅާ ރަށްތަކާއި ލަފާކުރާ ހަރަދު

• ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު

• ށ. ބިލެއްފަހި - 23.6 މިލިއަން ޑޮލަރު

• ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު

• ތ. ވިލުފުށި - 33.3 މިލިއަން ޑޮލަރު

• ފ. މަގޫދޫ - 8.2 މިލިއަން ޑޮލަރު

• ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއް - 23.6 މިލިއަން ޑޮލަރު

ރ. އަތޮޅު ދެކުނުގައި އެއާޕޯޓް އަޅާނެ ރަށެއް އަދިވެސް ނުނިންމަ އެވެ. އެކަމަކު ޕޮލިސީ ލެވެލްގައި އެ މަޝްވަރާތައް ކުރިއަށް އެބަދާ ކަމަށް ވިދާޅުވި އެވެ.

ދާއިރާތަކުގެ މަޝްރޫއުތަކާ ގުޅިގެން މިނިސްޓަރު ދެއްވި ޖަވާބު

ލ. ހިތަދޫގެ ނަރުދަމާ: 540 ދުވަހުގެ ތެރޭގައި ނިންމަން 69 މިލިއަނަށް ހަވާލުކޮށް ޑިޒައިން ނިމިއްޖެ. މޮބިލައިޒްކުރަން ލަސްވީ އީއައޭގައި މައްސަލަ ހުރެގެން. މި މަސް ނިމުމުގެ ކުރިން މަސައްކަތް ފަށާނެ.

ހިތަދު އާއި ކުނަހަންދޫ ކޯޒްވޭ: ކުރިއަށްދާ ޑިޒައިނާއި އީއައިއޭ ޖޫން މަހު ނިމޭނެ.

ދ. މާއެނބޫދޫ ފެނާއި ބިން ހިއްކުން: ފެނުގެ މަޝްރޫއު އޮންނާނީ ހަވާލުކޮށްފައި. ބިން ހިއްކަން ސޮއިނުކުރެވި ވަނީ އެމްޓީސީސީގެ ކެޕޭސިޓީ ބޮޑުކުރުމަށް ފަހު ހަވާލުކުރަންވެގެން.

ދ. ކުޑަހުވަދޫ ބަނދަރު: ބަޖެޓުގައި ހިމަނާފައި ނެތް. އެހެންވީމާ ކުރިއަކަށް ނުދާނެ.

ހދ. މަކުނުދޫގެ ސްލިޕްވޭ: ދައުލަތުގެ ބަޖެޓުން ސްލިޕްވޭ ނުހަދާ. ދޯނި އެހެލާނެ ސަރަހައްދުތައް ހަދަނީ.

ފ. ބިލެތްދޫ ނަރުދަމާ: ލަސްވެއްޖެ, އެކަމަކު މިހާރު ނިމުމަކާ ގާތުގައި ވަނީ.

ތ. މަޑިފުށީގެ ފެނުގެ ނިޒާމް: ފެނަކައާ ހަވާލުކޮށްފައިވާ މަސައްކަތް ކުރިއަށް ނުދާ ސަބަބު ބަލާނަން.

ށ. މިލަންދޫ ހައުސިން ޔުނިޓް: ޓެންޑާ މަރުހަލާގައި

ކުޅުދުއްފުށީ ބަނދަރު: ބަނދަރުގައި ބައެއް މަސައްކަތް ނިންމަން ހުއްޓަސް މިހާރު ބޭނުންކުރެވޭނެ.