Roadha Mihaaru
ކަމެއް ކުރާނަމޭ ވިދާޅުވިޔަސް ވައުދަކަށް ނުވޭ: ނަޝީދު

ރަށްރަަށަށް ގޮސް ކުރާނަމޭ ވިދާޅުވާ ކަންކަމަކީ ވައުދެއް ނޫން: ނަޝީދު

21 ސެޕްޓެމްބަރ 2022

ކެމްޕެއިނެއްގެ ތެރެއިން ރަށްރަށަށް ވަޑައިގެން ކުރައްވާނެ ކަމަށް ވިދާޅުވާ ކަންކަމަކީ ވައުދެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކެމްޕެއިނެއްގެ ތެރެއިން ރަށްރަށަށް ވަޑައިގެން ކުރައްވާނެ ކަމަށް ވިދާޅުވާ ކަންކަމަކީ ވައުދެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ބައެއް މެމްބަރުން ވަނީ އެ ދާއިރާތަކަށް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެފައިވާ ކަންކަން ނުފުއްދާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ އާންމު އުސޫލެއްގެ ގޮތުން ސިޔާސީ ވެފައިވާ ވައުދުތަކަކީ އެ ޕާޓީތަކުގެ މެނިފެސްޓޯތަކުގައި ލިޔެފައިވާ ވާހަކަތައް ކަމަށެވެ.

"އިއްޒަތްތެރި މެމްބަރުން ވިދާޅުވޭ އެވެނި ރަށަަކަށް މިވެނި ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން މިވެނި ވާހަކައެއް ވިދާޅުވި ކަމަށް، އެއީ ވައުދެއް ކަމަށް. އެހެން ނަމަވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި ވައުދެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަން މި ޖެހެނީ މެނިފެސްޓޯގައި ލިޔެފައިވާ ވައުދު،" ނަޝީދު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ މި ސަރުކާރުގެ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ވަކި ރަށަކަށް ތަރައްގީގެ މަޝްރޫއެއް ހިންގާނެ ކަމަށް ލިޔެފައެއް ނެތެވެ. މެނިފެސްޓޯގައި ވަނީ ވަކިވަކި ދާއިރާތަކާ ގުޅޭ ގޮތުން މި ސަރުކާރުގެ ސިޔާސަތުތަކާއި ނިޒާމުގެ ތެރެއިން ގެންނަވާނެ ބައެއް ބަދަލުތަކެވެ.

މަޖިލީހުގައި އަސްލަމް އާ މިއަދު ސުވާލު ކުރެއްވި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވެސް ވަނީ މަހިބަދޫ ބިން ހިއްކުމަށް ރައީސް ވައުދުވެފައިވާ ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް ފަށާނީ ކޮން އިރަކުތޯ ސުވާލު ކުރައްވައިފަ އެވެ.

އަސްލަމް ވިދާޅުވީ މަހިބަދޫ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ ބަޖެޓުގައި ނުހިމެނޭ ކަމަށާއި މިހާތަނަށް އެ ރަށުގައި ބިން ހިއްކުމުގެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެ މަސައްކަތް ހިމަނާނެ ކަމުގެ ޔަގީން ކަމެއް އަސްލަމް ނުދެއްވަ އެވެ.