Roadha Mihaaru
"މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރަން ޖެހިއްޖެ"

މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރަން ޖެހިއްޖެ: ނަޝީދު

16 މާޗް 2022

މުޅި ރާއްޖެ ތަމްސީލް ކުރާ މެމްބަރުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނުއަސާސީ އިސްލާހު ކުރަން ޖެހިއްޖެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މުޅި ރާއްޖެ ތަމްސީލް ކުރާ މެމްބަރުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނުއަސާސީ އިސްލާހު ކުރަން ޖެހިއްޖެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ނަޝީދު މިއަދު އާންމު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ 5000 މީހުން ހިމެނޭ އިންތިހާބީ ދާއިރާއެއްގެ މައްޗަށް މަޖިލިސް އެކުލެވިގެންވާއިރު ކޮންމެ މެމްބަރެއް ތަމްސީލް ކުރައްވަނީ ވަކި ސަރަހައްދެއް ނުވަތަ ވަކި ރަށްތަކެއް ކަމަށެވެ.

އެ އުސޫލުން ކުރިޔަށް ދިއުމުން ކޮންމެ ފަސް އަހަރަކުން މަޖިލިސް ގޮނޑީގެ އަދަދު އިތުރުވަމުންދާ ކަމަށާއި އެ މައްސަލަ އަށް ހައްލެއް ގެންނަން ޖެހޭ ކަމަށެވެ.

"ގާނޫނުއަސާސީ އަށް ގެނެވޭ ބަދަލުގައި ގޮނޑީގެ އަދަދު ވަކި އަދަދެއްގައި ހިފެހެއްޓޭނެ އުސޫލެއް ކަނޑައެޅުން ބޭނުންތެރި. މަޖިލިސްގެ އަދަދަށް ގެނެވޭ ބަދަލާއެކު މަޖިލިސް އެކުލެވޭ ގޮތުގެ އެހެން ބަދަލުތަކުގެ ވިސްނުން ހިންގުން ބޭނުންތެރި،" ނަޝީދު ވިދާޅުވި އެވެ.

ވަކި ސަރަހައްދެއްގެ ވޯޓް ލިބިގެން ތަމްސީލް ކުރާ މެމްބަރުންގެ އަސާސީ މަސައްކަތަކީ އެ މެމްބަރުގެ ސަރަހައްދުގެ ފަރާތުން ވަކާލާތު ކުރުން ކަމަށާއި މުޅި ރާއްޖެ ފަރާތުން ވަކާލާތު ކުރާނެ މެމްބަރުން މަދުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. ގައުމީ ނަޒަރަކުން ކަންކަމާއި ވަކާލާތު ކުރާނެ ބަޔަކު ބެތިއްބުމަށް ނޭޝަނަލް ލިސްޓުގެ މެމްބަރުން ތިބުން މުހިންމު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުވާން ޖެހޭ ކަމަށް މިއަދު ދެކުން މަޖުބޫރުވެއްޖެ -- ނަޝީދު

"އެތައް ގައުމެއްގެ ޕާލިމެންޓުތައް އެކުލެވިގެން ވަނީ ގައުމީ ލިސްޓެއްގެ މެމްބަރުން ހިމެނޭ ގޮތަށް. އެފަދަ މެމްބަރުން އިންތިހާބު ކުރުމުގައި އެކި ގޮތްގޮތް ބޭނުން ކުރޭ،" ނަޝީދު ވިދާޅުވި އެވެ.

ނޭޝަނަލް ލިސްޓަށް މެމްބަރުން އިންތިހާބު ކުރުމަށް ގިނަ ގައުމުތަކުން ގެންގުޅޭ އެއް ގޮތަކީ ރަޖިސްޓްރީ ވެފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ގޮނޑިއެއް ދީ އަދި ސިޔާސީ ޕާޓީތަކުން ކާމިޔާބު ކުރާ ގޮނޑީގެ އަދަދަށް މެމްބަރުން ކަނޑައެޅުމުގެ ފުރުސަތު ދިނުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މަޖިލިސްގައި ސިޔާސީ ޕާޓީތައް ތަމްސީލް ވާން ފެށުމުން މުޅި ރާއްޖޭގެ ވަކާލާތަށް ފަހިކަން ލިބޭ. މިއަދު ރާއްޖެ އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ކަމަކީ މުޅި ރާއްޖެ ފަރާތުން ވަކާލާތު ކުރާނެ މެމްބަރުން ނެތުން،" ނަޝީދު ވިިދާޅުވި އެވެ.

މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލު ކުރާ އިރު ގައުމީ ލިސްޓުގައި ވަކި އަދަދަކަށް އަންހެނުން ކަނޑައެޅުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި މީގެ ކުރިން ވާހަކަ ދައްކަވަމުން ވެސް ނަޝީދު ވަނީ ގާނޫނުއަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވި ގިނަ އިސްލާހުތަކެއް ވެސް ފާހަގަ ކުރައްވައިފަ އެވެ.