Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

03 ނޮވެމްބަރ 2020

ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށް، ޕަވަން ކިރްޕަލާނީ ޑައިރެކްޓްކުރާ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގެ ޝޫޓިން އަށް ފިލްމުގެ ކާސްޓާއި ކްރޫ ހިމާޗަލް ޕްރަދޭޝް އަށް ހޮނިހިރު ދުވަހު ހިނގައްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރަމޭޝް ތައުރާނީ ޕްރޮޑިއުސްކޮށް، ޕަވަން ކިރްޕަލާނީ ޑައިރެކްޓްކުރާ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގެ ޝޫޓިން އަށް ފިލްމުގެ ކާސްޓާއި ކްރޫ ހިމާޗަލް ޕްރަދޭޝް އަށް ހޮނިހިރު ދުވަހު ހިނގައްޖެ އެވެ.

ފިލްމުގެ ޓީމު ފުރުމުގެ ކުރިން ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. "ބޫތު ޕޮލިސް" ގެ ތަރިންނަކީ ސައިފް އަލީ ޚާނާއި ޖެކްލިން ފެނަންޑޭޒާއި އަރުޖުން ކަޕޫރްގެ އިތުރުން ޔާމީ ގޯތަމެވެ. މި ފިލްމުވެގެން ދާނީ ރަމޭޝް 2013 ގައި ގެނެސްދިން "ރޭސް 2" އަށް ފަހު ސައިފާއި ޖެކްލިން އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމަށެވެ. "ބޫތު ޕޮލިސް" ގެ ކާސްޓްގައި ދެން ހިމެނެނީ ސައިފާއި ޖެކްލިންއާ އެކު މުޅިން އަލަށް މަސައްކަތްކުރާ ތަރިންނެވެ.

މި ފިލްމުގެ މަންޒަރުތައް ނަގާނީ ހިމާޗަލް ޕްރަދޭޝްގެ ދަލްހޫސީގަ އެވެ. އެތަނުގައި ޝޫޓިން އަންނަ މަހާ ހަމައަށް ކުރިއަށް ދާނެ ކަމަށްވެ އެވެ.

"ބޫތު ޕޮލިސް" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

އަކްޝޭގެ ފިލްމުގެ އާ ޕޯސްޓަރެއް

މި މަހުގެ ނުވައެއްގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ އަކްޝޭ ކުމާރުގެ ހޮރޯ-ކޮމެޑީ "ލަކްޝްމީ ބޮމް" ގެ ނަން "ލަކްޝްމީ" އަށް ބަދަލުކޮށް އާ ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.

ފިލްމު ރިލީޒްކުރަން ގާތްވެފައި ވަނިކޮށް ނަން ބަދަލުކުރަން ޖެހުނީ ލަކްޝްމީ އަކީ ހިންދޫންގެ ވަރަށް ހާއްސަ ނަމަކަށްވެފައި އޭގެ ފަހަތަށް ބޮމް ގެނެސްފައިވާތީ އެކަމާ ގުޅިގެން ހިންދޫންގެ ބައެއް ޖަމާއަތްތަކުން ފިލްމާ ދެކޮޅަށް އަޑުއުފުލައި، ބޮއިކޮޓްކުރަން ގޮވާލަން ފެށުމުންނެވެ.

"ލަކްޝްމީ" އަކީ ތަމަޅަ ޑައިރެކްޓަރު ރަގަވާ ލޯރެންސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގައި އަކްޝޭއާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ އަކްޝޭއާ އެކު މިދިޔަ އަހަރު "ގުޑް ނިއުސް" ގައި ވެސް ރޯލެއް ކުޅުނު ކިއާރާ އަދުވާނީ އެވެ.

ކަންގަނާ "ތޭޖާސް" ގެ ތައްޔާރީތަކުގައި

ކަންގަނާ ރަނާވަތި އިންޑިއާގެ ވައިގެ އަސްކަރީ އޮފިސަރެއްގެ ރޯލް ކުޅެން ހަމަޖެހިފައިވާ ފިލްމު "ތޭޖާސް" ގެ ޝޫޓިން ފެށުމުގެ ގޮތުން އެންމެ ފަހުގެ ތައްޔާރީތައްވާން ފަށައިފަ އެވެ.

ހުނަރުވެރި ބަތަލާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އަންނަނީ ފިލްމުގެ ޓީމާ އެކު ކުރިއަށްދާ ކަންކަމުގެ ފޮޓޯތައް ވެސް ހިއްސާކުރަމުންނެވެ "ތޭޖާސް" ގެ ޝޫޓިން ފަށާނީ އަންނަ މަހުގެ ތެރޭގަ އެވެ. ކަންގަނާ ބުނެފައިވާ ގޮތުގައި އިންޑިއާގެ އަސްކަރީ އޮފިސަރެއްގެ ރޯލް ކުޅެން ލިބުމަކީ ވަރަށް ބޮޑު ޝަރަފެކެވެ. އަދި މި ފިލްމަކީ އަސްކަރިއްޔާ އިން ގައުމުގެ ދިފާއުގައި ކުރާ މަސައްކަތުގެ އަގުވަޒަންކުރާކަން ދައްކުވައިދޭނެ ފިލްމެއް ކަމަށް ބުންޏެވެ.

ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުކުރާ "ތޭޖާސް" އަކީ ސަރްވޭޝް މެވާރާ ޑައިރެކްޓްކުރާ ފިލްމެކެވެ.

ކަންގަނާގެ ކުރިއަށް އޮތް ފިލްމަކީ "ތަލައިވީ" އެވެ. އަދި "ތޭޖާސް" އަށް ފަހު ޝޫޓިން ފަށާނެ ފިލްމަކީ އެކްޝަން ފިލްމު "ދާކަޅް" އެވެ.

"އަތުރަންގީ ރޭ" ގައި ދަނޫޝްގެ ލަވައެއް

އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވި ލަވައެއް ކަމަށްވާ "ކޮލަވަރީ ޑީ" ކިޔައިގެން ސަމާލުކަން ލިބުނު އެކްޓަރު ދަނޫޝް މިހާރު މަސައްކަތް ފަށާފައި އޮތް ހިންދީ ފިލްމު "އަތުރަންގީ ރޭ" އަށް ވެސް އަމިއްލަ އަޑުން ލަވައެއް ރެކޯޑްކޮށްފި އެވެ.

އެ ވާހަކަ އޭނާ ވަނީ ފިލްމުގެ މިއުޒިކް ޑައިރެކްޓަރު އޭރް ރަހްމާނާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު، އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. "އަތުރަންގީ ރޭ" އަކީ ދަނޫޝް އާއި ސޯނަމް ކަޕޫރާ އެކު 2013 ގައި "ރާންޖަނާ" ގެނެސްދިން ޑައިރެކްޓަރު އާނަންދު އެލް ރާއީ ހަދާ ފިލްމެކެވެ. މީގެ ކާސްޓްގައި އަކްޝޭ ކުމާރާއި ސާރާ އަލީ ޚާން ވެސް ހިމެނެ އެވެ.

ސުޕަސްޓާރު ރަޖްނީކާންތުގެ ދަނބިދަރިފުޅު ދަނޫޝް އަކީ އާންމުކޮށް އިންޑިއާގެ ތަމަޅަ ފިލްމުތަކުން ފެންނަ މަޝްހޫރު އެކްޓަރެކެވެ.