Roadha Mihaaru
ސައިފްގެ "ބޫތު ޕޮލިސް" ގެ ސީކްއެލްއެއް

ސައިފްގެ "ބޫތު ޕޮލިސް" ގެ ސީކްއެލްއެއް

24 ސެޕްޓެމްބަރ 2021

މި މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި ސައިފް އަލީ ޚާންގެ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގެ ދެވަނަ ބައެއް ވެސް ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި ސައިފް އަލީ ޚާންގެ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގެ ދެވަނަ ބައެއް ވެސް ހަދަން ނިންމައިފި އެވެ.

ފިލްމި ރިލީޒްކުރި ދަނޑިވަޅާ ދިމާކޮށް ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ވެސް ސީކްއެލްއެއްގެ އިޝާރާތެއް ދީފައި ވަނިކޮށް، ސައިފް މިހާރު ވަނި އެކަން ކަށަވަރުކޮށް ދީފަ އެވެ.

ބޮލީވުޑް ހަންގާމާ އަށް އޭނާ ބުނީ ޑައިރެކްޓަރު ޕަވަން ކިރްޕަލާނީ މިހާރު ވެސް "ބޫތު ޕޮލިސް 2" ގެ ސްކްރީންޕްލޭގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެކަމަކު ފިލްމުގެ ދެވަނަ ބައިގެ ކުރިން އޭނާ ހަދަން އޮތް ފިލްމަކީ އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ތާވަލުކޮށްފައިވާ "ގޭސްލައިޓް" އެވެ. މި ފިލްމުގެ ކާސްޓުންނަކީ ސައިފްގެ ދަރިފުޅު ސާރާ އަލީ ޚާނާއި ވިކްރާންތު މަސީގެ އިތުރުން ޗިތުރަންގަދާ ސިންގް އެވެ.

ސައިފް ބުނީ ގޮތުގައި "ބޫތު ޕޮލިސް" ގެ ދެވަނަ ބައެއް ހެދުމަކީ ވަރަށް ބޮޑު އުފަލެކެވެ. ސަބަބަކީ މި ފިލްމަކީ އޭނާގެ ފުރަތަމަ ހޮރޯ-ކޮމެޑީއަށްވެފައި، ފިލްމު ހިތާ ވެސް ގާތްކަމުންނެވެ.

"އަހަރެން ވަރަށް ގަޔާވެގެން މަސައްކަތްކުރި ފިލްމެއް މިއީ. އެހެންވީމަ މީގެ ވާހަކަ އިތުރު ބަޔަކަށް ދަންމަން ނިންމުމަކީ ވަކިން ބޮޑު އުފަލެއް،" އޭނާ ބުންޏެވެ.

ބިރުވެރި ކަންތައްތަކެއް މަޖާ ގޮތަކަށް ދައްކުވައިދިން "ބޫތު ޕޮލިސް" ގެ ކާސްޓްގައި އަރުޖުން ކަޕޫރާއި ޖެކްލީން ފެނަންޑޭޒްގެ އިތުރުން ޔާމީ ގޯތަމް ވެސް ހިމެނެ އެވެ. މި ފިލްމަކީ މީގެ މައިގަނޑު ހުރިހާ ކާސްޓުންގެ ވެސް ފުރަތަމަ ހޮރޯ-ކޮމެޑީ ޖޯންރާ ފިލްމެވެ. މިއީ ފަހުން ބޮލީވުޑްގައި އެންމެ މަގުބޫލު އެއް ޖޯންރާ އެވެ.

"ބޫތު ޕޮލިސް" ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރީ މި މަހުގެ 10 ގަ އެވެ.