Roadha Mihaaru
"ހިމޮއިންސާ" ބްރޭންޑުގެ އުފެއްދުންތައް ރާއްޖެއަށް

"ހިމޮއިންސާ" ބްރޭންޑުގެ އުފެއްދުންތައް ރާއްޖެއަށް

29 އޮކްޓޯބަރ 2020

އިންޖީނު ހެދުމުގައި ދުނިޔޭގެ އެންމެ މަގުބޫލު ކުންފުނި، ޔަންމާގެ 77 ޕަސެންޓް ހިއްސާ އޮންނަ "ހިމޮއިންސާ" ބްރޭންޑުގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފު ކޮށްފި އެވެ.

އިންޖީނު ހެދުމުގައި ދުނިޔޭގެ އެންމެ މަގުބޫލު ކުންފުނި، ޔަންމާގެ 77 ޕަސެންޓް ހިއްސާ އޮންނަ "ހިމޮއިންސާ" ބްރޭންޑުގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފު ކޮށްފި އެވެ.

މި ބްރޭންޑު ރާއްޖެއަށް ތައާރަފު ކުރީ ޕްރައިމް އެންޓަޕްރައިސަސް އިންނެވެ. އެ ކުންފުނިން ވަނީ މި ބްރޭންޑުގެ އުފެއްދުންތައް ވިއްކުމަށް "ޕްރައިމް ޕަވާ"ގެ ނަމުގައި ފިހާރައެއް ވެސް ހުޅުވައިފަ އެވެ. މި ފިހާރަ ހުންނާނީ ހަވީރީ ހިނގުމުން ޕްރައިމް ޕްލަސް ފިހާރަ ކައިރީގަ އެވެ. މި ފިހާރައިން މައިގަނޑު ގޮތެއްގައި ވިއްކަނީ ހަކަތަ އުފައްދަން ބޭނުންވާ ސާމާނެވެ. އެގޮތުން، ހިމޮންސިއާ ބްރޭންޑުގެ ޖަނަރޭޓަރާއި އެއާ ގުޅުން ހުރި ސްޕެއާ ޕާޓުތަކާއި އަޑީތެޔޮ މިހާރު ލިބެން ހުންނާނެ އެވެ.

ހިމޮއިންސާއަކީ ހަކަތަ އުފެއްދުމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު އުފައްދާ ކުންފުންޏެކެވެ. އެހެންނަމަވެސް ޕްރައިމް ޕަވާ އިން ރާއްޖެ އަށް ތައާރަފު ކޮށްފައިވަނީ އިންޑަސްޓްރިއަލް ރޭންޖުގެ އުފެއްދުންތަކެވެ. މީގެ ތެރޭގައި ކަނޑުގައި ދުއްވާ އުޅަނދުތަކަށް ހާއްސަ 4.5-45 ކިލޯވޮޓާއި ދެމެދުގެ މެރިން ޖަނަރޭޓަރާއި އާދައިގެ ޖަނަރޭޓަރު ވެސް ހިމެނެ އެވެ.

މި ޖަނަރޭޓަރުތަކަކީ ކަނޑު އުޅަނދުފަހަރުގެ އިތުރުން ރަށްރަށުގައި ކަރަންޓު ދިނުމަށް ވެސް ބޭނުން ކުރެވޭނެ، ފަސޭހައިން އޮޕަރޭޓް ކުރެވޭ ޖަނަރޭޓަރުތަކެކެވެ. އެގޮތުން، ފަޅު ރަށްރަށަށް ކަރަންޓު ދިނުމާއި ރިސޯޓު ހަދާ ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމުގައި މި ޖަނަރޭޓަރުތައް ބޭނުން ކުރެވޭނެ އެވެ.

ސްޕެއިންގެ ހިމޮއިންސާ ބްރޭންޑުގެ ޖަނަރޭޓަރެއް -- ފޮޓޯ؛ ޕްރައިމް ޕަވާ

ސްޕެއިންގެ ހިމޮއިންސާ ބްރޭންޑުގެ ޖަނަރޭޓަރެއް -- ފޮޓޯ؛ ޕްރައިމް ޕަވާ

ދިވެހިންނަކީ ޒަމާނުއްސުރެ ޔަންމާ އިންޖީނު ގެންގުޅޭ ބަޔަކަށްވުމުން ޕްރައިމް ޕަވާއިން މިހާރު ލިބެން ހުރި ހުރިހާ ޖަނަރޭޓަރެއްގައި ވެސް ބޭނުން ކޮށްފައިވަނީ ޔަންމާ އިންޖީނެވެ. އެހެންކަމުން ދިވެހިންނަށް މި ޖަނަރޭޓަރުތައް ގެންގުޅެން ވަރަށް ބޮޑަށް ފަސޭހަވާނެ އެވެ. އަދި މި އިންޖީނުތަކުގައި މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި ސްޕެއާ ޕާޓުތައް ހޯދަން ވެސް ފަސޭހަ ވާނެ އެވެ.

ޕްރައިމް ޕަވާއިން މިވަގުތު މަދު އުފެއްދުންތަކެއް ލިބެން ހުރި ނަމަވެސް ކުރިއަށް އޮތްތާނގައި ހޮމޮއިންސާގެ ގިނަ އުފެއްދުންތައް އެ ފިހާރައިން ލިބެން ހުންނާނެ ކަމަށް ޕްރައިމް އެންޓަޕްރައިސަސްގެ ޑިރެކްޓަރު ނިޔާޒު އިބްރާހިމް ވިދާޅުވި އެވެ. އަދި މިވަގުތު ފިހާރައިން ލިބެން ނެތް އުފެއްދުމެއް ބޭނުންވާ ނަމަ ކަސްޓަމަރުގެ އެދުމުގެ މަތިން އެ އުފެއްދުމެއް ގެނެސްދިނުމުގެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަސްޓަމަރަކު އެދިވަޑައިގަންނަވާ ނަމަ ހިމޮއިންސާއާ އެކު އަޅުގަނޑުމެން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ބްރޭންޑުގެ ކޮންމެ އުފެއްދުމެއް ވެސް ގެނެސްދެވޭނެ. އޭގެ ތެރޭގައި އެންމެ ކުދި ޖެނެރޭޓަރުން ފެށިގެން ތިން މެގަވޮޓްގެ ޖެނެރޭޓަރާ ހަމަޔަށް ވެސް ގެނެސްދެވޭނެ.،"

ސްޕެއިންގެ ހިމޮއިންސާ ބްރޭންޑުގެ ސައިލެންޓް ޖަނަރޭޓަރެއް-- ފޮޓޯ؛ ޕްރައިމް ޕަވާ

ސްޕެއިންގެ ހިމޮއިންސާ ބްރޭންޑުގެ ސައިލެންޓް ޖަނަރޭޓަރެއް-- ފޮޓޯ؛ ޕްރައިމް ޕަވާ

ހިމޮއިންސާ ބްރޭންޑުގެ އުފެއްދުންތައް ގަންނަ ކަސްޓަމަރުންނަށް އެއް އަހަރުގެ ދުވަހުގެ ވޮރެންޓީ ލިބޭނެ އެވެ. އަދި ތަކެއްޗަށް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި މެއިންޓެނަންސްގެ ހިދުމަތް ދިނުމަށް، އެކަމަށް ހާއްސަ ކަސްޓަމާ ކެއާ ސެންޓަރެއް ހުޅުވުމަށް ވެސް ޕްރައިމް އިން އަންނަނީ ތައްޔާރުވަމުންނެވެ. މި ސެންޓަރު ހުޅުވުމުން ކަސްޓަމަރުން ބޭނުންވާ ހުރިހާ ސްޕެއާ ޕާޓުތަކެއް އެ ސެންޓަރުން ލިބެން ހުންނާނެ އެވެ.

ޕްރައިމް ޕަވާއިން ވިއްކާ ހިމޮއިންސާ ބްރޭންޑުގެ ހުރިހާ އުފެއްދުމެއް ވެސް ރާއްޖޭގެ ބާޒާރުގައި މިވަގުތު ހުރި އެންމެ ހެޔޮ އަގުގައި ލިބޭނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

ހިމޮއިންސާ އަކީ ފުޅާ ދާއިރާއެއްގައި ޕަވާ ޖެނެރޭޝަން އިކުއިޕްމަންޓު އުފެއްދުމުގެ އިތުރުން އެއާ ގުޅުންހުރި ގިނަ އަދަދެއްގެ ސާމަނު ވެސް އުފައްދާ ކުންފުންޏެކެވެ. މީގެތެރޭގައި އަޑީ ތެލާއި ޕަވާ ޕެނެލާއި ކޮންޓްރޯލް ޕެނެލާއި ލައިޓިން ޓަވަރު ވެސް ހިމެނެ އެވެ. ހިމޮއިންސާއިން އުފައްދާ ޖެނެރޭޓަރުތައް މައިގަނޑު ގޮތެއްގައި އުފައްދަނީ ޔަންމާ، އެފްޕީޓީ، އައިވެކޯ، ސްކޭނިއާ، ވޮލްވޯ، އެމްޓީޔޫ އަދި ލެމްބޯޑިނީ އިންޖީނު ބޭނުންކޮށްގެންނެވެ. ދުނިޔޭގެ ފަސް ބައްރުގައި ހިމޮއިންސާގެ ހަތް ޕްރޮޑަކްޝަން ޕްލާންޓެއް ހުރެ އެވެ.