Roadha Mihaaru
އާބަން ގާޑެނިން ޕްރޮގްރާމް އައިލެންޑާސްއެކު ހިންގަނީ

އާބަން ގާޑެނިން ޕްރޮގްރާމް ހިންގަން އައިލެންޑާސްއެކު ސޮއިކޮށްފި

28 އޮކްޓޯބަރ 2020

އާބަން ގާޑެނިން ޕްރޮގްރާމް ކުރިއަށްގެންދަން ފިޝަރީޒް މިނިސްޓްރީ އާއި އައިލެންޑާސް އެޑިއުކޭޝަނުން އިއްޔެ ސޮއިކޮށްފި އެވެ.

އާބަން ގާޑެނިން ޕްރޮގްރާމް ކުރިއަށްގެންދަން ފިޝަރީޒް މިނިސްޓްރީ އާއި އައިލެންޑާސް އެޑިއުކޭޝަނުން އިއްޔެ ސޮއިކޮށްފި އެވެ.

އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރި އެއްބަސްވުމުން، ކާނާގެ ޔަގީންކަން ކަށަވަރުކުރަން އާބަން ގާޑެނިން މޮޑެލްއެއް ތައާރަފުކުރާނެ އެވެ. އޭގެ ދަށުން ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލު ޓެރަސްގެ 1،094 އަކަފޫޓުގެ ސަރަހައްދެއްގައި މިނިސްޓްރީގެ ފަންނީ ލަފަ އާއި އިރުޝާދުގެ ދަށުން އާބަން ގާޑެނިން މޮޑެލްއެއް ތައްޔާރުކުރަން ވަނީ ހަމަޖެހިފަ އެވެ.

އެންމެ އެކަށީގެންވާ ގޮތުގައި ކުދި ޖާގަތަކުގެ ބޭނުން ހިފޭނެހެން ބައްޓަންކުރާ މި މޮޑެލްގައި ގަސް ހައްދަން، ވިހަ ކެމިކަލް އެކުލެވޭ ބާރުގަދަ ބޭސް ބޭނުން ނުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެ ބަދަލުގައި ގަސް ކާނާގެ ގޮތުގައި ބޭނުންކުރާނީ އޯގަނިކް ކޮމްޕޯސްޓުގެ ބާވަތްތަކެވެ. ގޭބިސީތަކުން އުކާލާ ތަކެތި ބޭނުންކޮށްގެން ގަސްކާނާ އުފައްދައި އެ ތަކެތި ބޭނުންކުރުން ވެސް މި ޕްރޮގްރާމުގައި ހިމަނާފައިވެ އެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދާނީ އައިލެންޑާސް އެޑިއުކޭޝަނުން ކުރިއަށްގެންދާ "ވަން އާތު އެކަޑަމީ" އާ ގުޅުވާލައިގެންނެވެ.

އެ ކުންފުނިން ބުނީ ދިވެހިން އާއްމުކޮށް ކާން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ގިނަ ބާވަތްތަކަކީ އަމިއްލައަށް އުފެއްދޭނެ ތަކެއްޗެވެ. އެހެންވެ މާލެ ފަދަ ޖާގައިގެ ގޮތުން ދަތި ތަންތަނުގައި ގޭގެ ޓެރަސް ނުވަތަ ބެލްކަނީގައި ވެސް ވަރަށް ފަސޭހައިން ކުރެވޭނެ ކަމެއްކަން އަމަލީގޮތުން ދައްކުވައިދިނުމަކީ އެއް ބޭނުން ކަމަށް ބުންޏެވެ.

"އާބަން ގާޑަނިންގެ މި ޕްރޮގްރާމުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި މިކަންކުރެވޭނެ ގޮތުގެ މައުލޫމާތާއި މިކަމުގައި ހުރި ސިއްހީ އަދި އިޖުތިމާއީ ފައިދާތައް އާއްމުންނަށް އަންގައިދިނުން ހިމެނޭ،" އައިލެންޑާސް އެޑިއުކޭޝަނުން ބުންޏެވެ.

އެފަދަ ބާވަތްތައް ހައްދައި އާލާކުރާނެ ގޮތްތައް ދަސްކޮށްދީ އަދި އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދަރިވަރުންނާއި މުވައްޒަފުންނަށް ދިނުމާއި އެހެން ސްކޫލުތަކަށާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ވީހާ ވެސް ގިނަ ބަޔަކަށް އެކަން ތައާރަފުކުރުން ހިމެނެ އެވެ.