Roadha Mihaaru
ހަނިމާދޫ އެގްރިކަލްޗާ ރިސާޗް ސެންޓަރު ތަރައްގީކުރަނީ

އިންޑިއާގެ އެހީގައި ހަނިމާދޫ އެގްރިކަލްޗާ ރިސާޗް ސެންޓަރު ތަރައްގީކުރަނީ

12 ނޮވެމްބަރ 2020

ހދ. ހަނިމާދޫގައި ހިންގާ އެގްރިކަލްޗަ ރިސާޗް ސެންޓަރު ތަރައްގީކުރަން އިންޑިއާއާ އެކުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ހދ. ހަނިމާދޫގައި ހިންގާ އެގްރިކަލްޗަ ރިސާޗް ސެންޓަރު ތަރައްގީކުރަން އިންޑިއާއާ އެކުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި މިދިޔަ އާދިއްތަ ދުވަހު ސޮއިކުރެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގަ އެވެ. މި މަޝްރޫއު ކުރިއަށް ގެންދާނީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުންނެވެ. މި މަސައްކަތަށް 1،711،434.60ރ. ކަނޑައަޅާފައިވެ އެވެ.

އިންޑިއާގެ އެހީގެ ދަށުން ގެންނަ ބަދަލުތަކުގެ ތެރޭގައި ސޮއިލް އެނާލިލިސް އަދި ޕްލާންޓް ޓިޝޫ ޓެސްޓިން ލެބޮރަޓަރީއެއް ހަދަން ނިންމާފައިވެ އެވެ. އެއާ އެކު ދަނޑުވެރިންނާއި ދިރާސާ އާއި އަދި ތައުލީމީ ކަންކަމަށް މި ލެބް ބޭނުންކުރެވޭނެ އެވެ.

މިއީ 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރެއްވި އެގްރިކަލްޗާ އެމްއޯޔޫ ފްރޭމްވޯކްގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެޗްއައިސީޑީޕީ 11 މަޝްރޫއެއް ރާއްޖޭގައި މިވަގުތު ކުރިއަށް ދެ އެވެ. އޭގެ ތެރޭގައި އައްޑޫގައި މަސް ޕްރޮސެސިން ޕްލާންޓުތަކެއް ހެދުމުގެ އިތުރުން އީކޯ ޓޫރިޒަމަށް ފަސް ޒޯން ހަމަޖެއްސުން ހިމެނެ އެވެ.