Roadha Mihaaru
މިފަހަރު ޖާބިރު ބޭނުންވީ ކޯލިޝަނުން މައުމޫން ބޭރުކުރަން

ޒަހާ ހާޒިރުކުރުމުގެ ނާކާމިޔާބީއާއެކު، ކޯލިޝަނުން މައުމޫން ބޭރުކުރަން ޖާބިރު ނުކުންނަވައިފި

07 ޖުލައި 2020

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާޓީ، އެމްއާރުއެމްގެ ސްލޮޓެއްގައި ވަޒީރުކަމަށް ވަޑައިގެންނެވި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރު ކުރައްވަން ކުރެއްވި މަސައްކަތް މިއަދު ނާކާމިޔާބުވެފައި ވަނިކޮށް، ސަރުކާރުގެ ކޯލިޝަނުން އެ ޕާޓީ ވަކިކުރުމުގެ މަސައްކަތް ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ފައްޓަވައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާޓީ، އެމްއާރުއެމްގެ ސްލޮޓެއްގައި ވަޒީރުކަމަށް ވަޑައިގެންނެވި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރު ކުރައްވަން ކުރެއްވި މަސައްކަތް މިއަދު ނާކާމިޔާބުވެފައި ވަނިކޮށް، ސަރުކާރުގެ ކޯލިޝަނުން އެ ޕާޓީ ވަކިކުރުމުގެ މަސައްކަތް ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ފައްޓަވައިފި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް މިނިސްޓަރު ޒަހާ ހާޒިރުކުރުމަށް ޖާބިރު ހުށަހެޅުއްވުމުން، ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަން މިއަދު ފެއިލްކޮށް، އެ ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހް، ޖާބިރަށް ނިސްބަތް ކުރައްވައި ދެއްކެވި ވާހަކަތަކުގެ މައްސަލައިގައި ޖާބިރު މިހާރު ހުންނެވީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެންފަ އެވެ. އެެހެންވެ، އެކަން ބައްލަވައި ދެއްވުމަށް އެދިވަޑައިގެން އޭނާ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވެސް ސިޓީއެއް ފޮނުއްވައިފަ އެވެ.

ކޮމިޓީގެ މުގައްރިރު ފަލާހާއި އެ ކޮމިޓީގައި ތިއްބަވާ، އެ ޕާޓީގެ އެހެން ބައެއް މެމްބަރުން ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ޒަހާ ހާޒިރު ކުރައްވަން ޖާބިރު އުޅުއްވަނީ އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއްގަ އެވެ. އެކަމަކު، އެ ތުހުމަތުތައް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޖާބިރު ދޮގުކުރެއްވި އެވެ.

މި މައްސަލަ ހޫނުވެފައި ވަނިކޮށް، ކުއްލި ގޮތަކަށް މައުމޫނަށް މިއަދު ފޮނުއްވި ސީޓީއެއްގައި އެ މަނިކުފާނުގެ އިސްތަށިފުޅުގައި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ވަނީ ބޮޑެތި ތުހުމަތުތަކެއް އަޅުއްވައިފަ އެވެ.

"...މަނިކުފާނަކީ ވައުދަށް ހުރުމަތްތެރިކޮށް ނުހިއްތަވާ އިތުރުފުޅު ހައްދަވާ، ހީލަތް ހައްދަވާ، ބަހުގައި ތެދުވެރިކަން ނެތް، ބޭފުޅެއްކަން ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެހައި ޕާޓީތަކަށް ސާބިތުކޮށްދީ، ދިވެހި ސަރުކާރު އެކުލެވިފައިވާ ކޯލިޝަނުން މަނިކުފާނުގެ ޕާޓީ ވަކިކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް، ދިވެހި ރައްޔިތުންގެ ޕާޓީ އިން މިހާރުން މިހާރަށް ފަށާފައިވާ ކަމަށް މަނިކުފާނުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އެ ސިޓީގައި ޖާބިރު ވިދާޅުވި އެވެ.

އާންމު އުސޫލުގެ މަތިން، މިއަދުގެ ސިޓީގައި ވެސް ޖާބިރު ވަނީ އަނބުރާ ދައްކަވާ ގޮތަށް އޭނާގެ އަތުން މައުމޫން ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާގެ މައްސަލަ މައުމޫނަށް ހަނދުމަކޮށް އަރުވައިފަ އެވެ. ޖާބިރު ވިދާޅުވީ، އޭނާގެ އަތުން "އޮޅުވާލައްވައިގެން" ނެންގެވި އެ ފައިސާގެ ހޯދުމުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދަވާ ކަމަށެވެ.

ޖާބިރު ވަނީ އެ ފައިސާ މާފުކުރެއްވި ކަމަށް ކުރިން އިއުލާން ކުރައްވައިފަ އެވެ. އެކަމަކު، 29 މިލިއަން ރުފިޔާ އަނބުރާ ހޯދަން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައި ވަނީ އެ ފައިސާ މައުމޫނަށް މާފުކުރެއްވިކަން އިއުލާން ކުރެއްވި ފަހުންނެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް މައުމޫން، ޖާބިރު އަތުން ނެންގެވި ކަމަށް ވިދާޅުވާ 29 މިލިއަން ރުފިޔާގެ ވާހަކަތައް މައުމޫނުގެ ޓީމުން ތަކުރާރުކޮށް ވަނީ ދޮގުކޮށްފަ އެވެ. އެ ޓީމުން ބުނާ ގޮތުގައި ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޖާބިރުގެ އަތުން އެއްވެސް ފައިސާއެއް މައުމޫން ނަންގަވާފައެއް ނޯންނާނެ އެވެ.

މައުމޫނަށް މިއަދު ފޮނުއްވި ސިޓީގައި ޖާބިރު ވިދާޅުވި ގޮތުގައި، އޭނާގެ އަތުން މައުމޫން ފައިސާ ނެންގެވީ މި ސަރުކާރުގެ މުހިންމު ނިންމުންތަކުގައި ސަރުކާރު ނެގެހެއްޓުމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި އޭނާ އަށް ފުރިހަމަ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ވައުދާ އެކު އެވެ. އަދި އެ ވައުދު ނުފުއްދިއްޖެ ނަމަ މައުމޫންގެ އަމިއްލަފުޅު ގެކޮޅު މއ. ކިނބިގަސްދޮށުގެ ދެއްވާނެ ކަމަށް ހެކިންގެ ހާޒިރުގައި މައުމޫން ވިދާޅުވެފައިވާ ކަން ހަނދުމަފުޅު ހުންނާނެ ކަމަށް ސިޓީގައި ޖާބިރު ވިދާޅުވި އެވެ.

"ނަމަވެސް ހިތާމައަކީ ދިވެހިރާއްޖޭގެ ވަލީޔުލްއަމްރުގެ މަގާމުގައި ދިގު 30 އަހަރު ހުންނަވާފައިވާ ތިޔަފަދަ ބޭފުޅަކު، ވެވަޑައިގެންފައިވާ ވައުދުތަކަށް އެއްވެސް ވަރަކަށް އިހުތިރާމް ކުރެއްވުމެއް ނެތި އަޅުގަނޑާ އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރައްވާ ކަމަށާއި އަޅުގަނޑުގެ އަތުން އެއްވެސް ފައިސާއެއް ނަންގަވާފައި ނުވާނެ ކަމަށް ވިދާޅުވެ ކަނޑައެޅިގެން އިތުރުފުޅު ހައްދަވައި އަޅުގަނޑުގެ ހައްގުތަކަށް އަރައިވަޑައިގެންފައިވާތީ އެވެ،" ޖާބިރު ވިދާޅުވި އެވެ.

މި ފައިސާގެ މައްސަލައިގައި މައުމޫން ދެކެ، ޖާބިރު ވަރަށް ބޮޑަށް ނުރުހުން ވެފައި ވަނިކޮށް، އޭނާގެ "ރުޅިގަނޑު" ފަޅައިގެން މި ދިޔައީ ބެލެވޭ ގޮތުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ޒަހާ ހާޒިރު ކުރައްވަން ކުރެއްވި މަސައްކަތް ނާކާމިޔާބު ވުމުންނެވެ.

ޒަހާ، ކޮމިޓީ އަށް ހާޒިރުކުރަން ޖާބިރު ބޭނުންވާ ސަބަބެއް ކަމަށް ފަލާހު މިއަދު ވިދާޅުވީ، ހުވަދު އަތޮޅުގެ ފަޅުރަށެއްގައި ޗެމްބަރެއް ހަދަން ހުށަހެޅުއްވުމުން، އެފަދަ ރަށެއްގައި އެކަން ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް އެންގެވުމުން ކަމަށެވެ.

މިނިސްޓަރު ޒަހާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް އޭނާ ހާޒިރުކުރަން މިއަދު ފާހެއް ނުވި.---ފޮޓޯ: މިހާރު

މިނިސްޓަރު ޒަހާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް އޭނާ ހާޒިރުކުރަން މިއަދު ފާހެއް ނުވި.---ފޮޓޯ: މިހާރު

ނަމަވެސް ޒަހާ ހާޒިރުކުރަން ހުށަހެޅުއްވީ އެ މައްސަލައާ ގުޅިގެން ނޫން ކަމަށާއި ސިޓީގައި ނެތް ވާހަަކައެއް ފަލާހަށް ވެސް އެ ގޮތަށް ވިދާޅު ނުވެވޭނެ ކަމަށް ޖާބިރު ކޮމިޓީގައި ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ޖާބިރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި އޮތީ، ޒަހާ މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށާއި އެހެންވެ، އޭނާ ކޮމިޓީ އަށް ހާޒިރު ކުރުމަށާއި އިތުބާރު ނެތް ކަމަށް މަޖިލީހަށް ފޮނުވަން އެދިވަޑައިގަންނަވާ ކަމަށެވެ. އެ ސިޓީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކުރި ނަމަވެސް އެ ކޮމިޓީ އަށް އޭނާ ހާޒިރުކުރަން ފާސްނުވުމުން އެ ހިސާބުން އެކަން ވަނީ ނިމިފަ އެވެ.