Roadha Mihaaru
ހަރުމުދާ ބަލާ ޗައިނާއަކުން ނާންނާނެ: ނަޝީދު

ލޯނު ނުދެއްކިޔަސް ހަރުމުދާ ބަލާ ޗައިނާއަކުން ނާންނާނެ: ނަޝީދު

27 އޮކްޓޯބަރ 2020

އެކި ގައުމުތަކުން ނަގާފައިވާ ދަރަނިތައް ކުރިން ޝެޑިއުލްކޮށްފައިވާ ގޮތަށް ނުދެއްކޭނެ ކަމަށް ސަރުކާރުން ސާފުކޮށް ބުނަން ޖެހޭ ކަމަށާއި އޭރުން އެ ގައުމުތަކުން އެކަމާ މަޝްވަރާ ކުރަން އަޔަސް، ހަރުމުދާ ބަލާ ގައުމުތަކުން ނާންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެކި ގައުމުތަކުން ނަގާފައިވާ ދަރަނިތައް ކުރިން ޝެޑިއުލްކޮށްފައިވާ ގޮތަށް ނުދެއްކޭނެ ކަމަށް ސަރުކާރުން ސާފުކޮށް ބުނަން ޖެހޭ ކަމަށާއި އޭރުން އެ ގައުމުތަކުން އެކަމާ މަޝްވަރާ ކުރަން އަޔަސް، ހަރުމުދާ ބަލާ ގައުމުތަކުން ނާންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ދަރަންޏާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވައިލާފައިވާ ރިޕޯޓުގެ ބަހުސްގައި މެމްބަރުންނަށް ފުރުސަތު ދެއްވުމުގެ ތެރޭގައި އާއްމުކޮށް ވާހަކަފުޅު ދައްކަވާ އުސޫލުން ނަޝީދު ވިދާޅުވީ މަޖިލީހުން ސަރުކާރަށް ލަފާދެނީ ދަރަނިތައް ރިސްޓްރަކްޗާ ކުރުމަށް ކަމަށާއި އެއީ ކުރެވޭނެ ކަމެއް ކަމަށެވެ. އެކަމަށް ޓަކައި ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ދަރަނި އަނބުރާ ދައްކަން ޖެހޭ މުއްދަތުގައި ނުދެއްކޭނެ ވާހަކަ ސާފުކޮށް ބުނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ދަރަނި ދޫކުރި ގައުމުތަކަށާއި ބޭންކްތަކަށް އެ ހާލަތުގައި އޮންނާނީ ދެ ގޮތެއް ކަމަށާއި އެއް ގޮތަކީ ހަރުމުދާ ބަލާ އައުން ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ބޭންކްތަކަށް މިއޮތީ ދެ ގޮތް. އެއްގޮތަކީ ހަރުމުދާ އަނބުރާ ދެހެރޭ. އެ ބަލާ އައުން. ދެން އަޅުގަނޑު ދެކޭ ގޮތުގައި ހަރުމުދާ ބަލައެއް ޗައިނާގެ ކޮމާޝަލް ބޭންކަކުން އައުމަށް އޮތް ޖާގައެއް ފުރުސަތެއް އަދި މި ވަގުތަކު އެއީކީއެއް ވެދާނެ ކަމެއްގެ ގޮތުގައެއް ނުފެނޭ. ދެން އެއީ ގައުމުތަކުން ދެކޭ ގޮތެއް ވެސް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިއަދު މިހެން ވިދާޅުވި އިރުު އެމަނިކުފާނު މީގެ ކުރިން ވިދާޅުވަމުން ގެންދެވީ ޗައިނާއިން ނަގާފައިވާ ލޯނުތައް ނުދެއްކިއްޖެ ނަމަ އެ ގައުމުން ރާއްޖޭގެ ރަށްތައް އަތުލާނެ ކަމަށެވެ. ޗައިނާއިން ނަގާފައިވާ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއް ކަމަށް ވެސް ތަކުރާރުކޮށް އެމަނިކުފާނު ސިފަކުރެއްވި އެވެ.

ދަރަނި ރިސްޓްރަކްޗާ ކުރުމަކީ ނަޝީދު ވިދާޅުވި ގޮތުގައި ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަން ޖެހޭ އަދަދަށް ބަދަލު ގެނައުމާއި އިންޓަރެސްޓް ރޭޓް ދަށްކުރުމާއި ގްރޭސްޕީރިއަޑް ދިގުކުރުން ފަދަ ކަންތައްތަކެވެ. އެގޮތަށް ކަންތައް ކުރުމަށް ޓަކައި ކުރަން ޖެހޭނެ ކަމަކީ ދަރަނި ދޫކޮށްފައިވާ ގައުމުތަކާއި ބޭންކްތައް މަޝްވަރާއަށް ގެނައުން ކަމަށާއި މަޝްވަރާ އަށް އަންނާނީ ޝެޑިއުލްއާ އެއްގޮތަށް ދަަރަނި އަނބުރާ ނުދެއްކޭނެ ކަމަށް ބުނުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ތިން ގޮތަށް ނެގޯޝިއޭޓްކުރުމަށް މި ހުށަހެޅޭ ގޮތަކީ ގައުމުތަކުގައި، ބޭންކްތަކުގައި ދިވެހި ސަރުކާރުން ބުނުމަށް، ދިވެހި ދައުލަތުން މިއަންނަ އަހަރު މި މުއްދަތު އަންނަ އިރު އަޅުގަނޑުމެންނަކަށް އެ ފައިސާއެއް ނުދެއްކޭނޭ. އެހެންވީމާ އަޅުގަނޑުމެން ދަރަނި ދައްކަން ހުރި ހުރިހާ ފަރާތްތަކަކުން އަޅުގަނޑުމެން ގާތަށް އައުމަށް،" ނަޝީދު ވިދާޅުވި އެވެ.

ދަރަނިތައް އެގޮތަށް ރިސްޓްރަކްޗާ ކުރުމުން މާލީ ހާލަތު ރަނގަޅުވާ ގޮތުގެ މިސާލެއްގެ ގޮތުގައި ނަޝީދު ދެއްކެވީ ބާބެޑޯސް އެވެ. އެ ގައުމުން ދަރަނިތައް ޝެޑިއުލްއާ އެއްގޮތަށް ނުދެއްކޭނެކަން އިއުލާނު ކުރުމުން ގައުމުތަކާއި ބޭންކްތަކުން އެ ގައުމުގެ ސަރުކާރާ ވާހަކަ ދެއްކި ކަމަށާއި އޭގެ ސަބަބުން އިތުބާރު ބޮޑުވެ، މާލީ ހާލަތު ރަނގަޅުވި ކަަމަށްް އެމަނިކުފާނު ވިދާޅުވި އެވެ.

ދަރަންޏާ ބެހޭ ގޮތުން މަޖިލީހުން އެކުލަވައިލާފައިވާ ރިޕޯޓްގައިވާ ގޮތުން ދައުލަތުގެ ދަަރަނި މިހާރު ހުރީ 172 ބިލިޔަން ރުފިޔާ އަށް ވުރެ މަތީގަ އެވެ. އެ ދަރަނިތަކުގެ މައްސަލަ ހައްލުކުރަން ޖުމްލަ 10 ކަމެއް ކުރަން ރިޕޯޓްގައި ސަރުކާރަށް ހުށަހަޅާފައި ވެ އެވެ. އޭގެ އެއް ކަމަކީ ދަރަނިތައް ރިސްޓްރަކްޗާކުރުމެވެ.