Roadha Mihaaru
ގްރީންގައި ނިސްތާރު ރަނގަޅު ޕްލޭނަކާ އެކު

ގްރީންސްޓްރީޓްސްގައި ނިސްތާރު ރަނގަޅު ޕްލޭނަކާ އެކު ހިތްހަމަޖެހިފައި

25 އޮކްޓޯބަރ 2020

މިދިޔަ ފެބްރުއަރީ މަހު ގްރީން ސްޓްރީޓްސްގެ ކޯޗުކަމާ ޒުވާން ކޯޗު އަލީ ނިސްތާރު މުހައްމަދު ހަވާލުވިއިރު އޭރު ވެސް އޭނާގެ ވިސްނުމަކީ ޒުވާން ކުޅުންތެރިންތަކަކާއި ތަޖުރިބާކާރު ކުޅުންތެރިންތަކެއް ލައިގެން ޕްލޭނެއްގެ ތެރެއިން ދުރު އަދި ކައިރި މުސްތަގުބަލަކަށް އަހަރުން އަހަރަށް ވަރުގަދަ ކުރެވޭ ޓީމެއް އެކުލަވާލުމެވެ. އިއްޔެ ހަވީރު ގްރީން ސްޓްރީޓްސްގެ ޕްރީ ސީޒަން ޕްރެކްޓިސްތައް ފެށިއިރު، ނިސްތާރު ބޭނުންވާ ޓާގެޓްތަކަށް މަސައްކަތްކުރާނެ ކުޅުންތެރިން ލިބިފައިވުމަކީ އޭނާ އަށް އޮތް ހިތްހަމަ ޖެހުމެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިދިޔަ ފެބްރުއަރީ މަހު ގްރީން ސްޓްރީޓްސްގެ ކޯޗުކަމާ ޒުވާން ކޯޗު އަލީ ނިސްތާރު މުހައްމަދު ހަވާލުވިއިރު އޭރު ވެސް އޭނާގެ ވިސްނުމަކީ ޒުވާން ކުޅުންތެރިންތަކަކާއި ތަޖުރިބާކާރު ކުޅުންތެރިންތަކެއް ލައިގެން ޕްލޭނެއްގެ ތެރެއިން ދުރު އަދި ކައިރި މުސްތަގުބަލަކަށް އަހަރުން އަހަރަށް ވަރުގަދަ ކުރެވޭ ޓީމެއް އެކުލަވާލުމެވެ. އިއްޔެ ހަވީރު ގްރީން ސްޓްރީޓްސްގެ ޕްރީ ސީޒަން ޕްރެކްޓިސްތައް ފެށިއިރު، ނިސްތާރު ބޭނުންވާ ޓާގެޓްތަކަށް މަސައްކަތްކުރާނެ ކުޅުންތެރިން ލިބިފައިވުމަކީ އޭނާ އަށް އޮތް ހިތްހަމަ ޖެހުމެވެ.

ގްރީން ސްޓްރީޓްސް އަކީ ފުރަތަމަ ޑިވިޝަނުގައި ނިސްތާރު ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާ ތިން ވަނަ ޓީމެވެ. މީގެ ކުރިން އޭނާ ވަނީ އއ. މާޅޮހާއި ށ. ފޯކައިދޫ ޓީމު ގޮވައިގެން ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އޭނާ ހުރި އެ އަށް ވުރެން ރަނގަޅު މަސައްކަތެއް ގްރީން ސްޓްރީޓްސްގައި ކުރަން އަމާޒުހިފައިގެންނެވެ.

ނިސްތާރު މިއަދު "މިހާރު" އަށް ބުނީ ޓާގެޓަކީ އެންމެ މޮޅެތި ޓީމުތަކާ ދެކޮޅަށް ވެސް ފަސް ނުޖެހި ވަރުގަދަ ފައިޓެއް ދީގެން ކުޅުން ކަމަށެވެ.

"ޓާގެޓަކީ އެންމެ ޓޮޕްގައި އޮންނަ ޓީމުތަކަށް ވެސް ވަރުގަދަ ފައިޓެއް ދީ ޓޮޕަށް ދާން އަހަރެމެންނަށް ވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން. އެކަން ހާސިލްކުރެވޭނެ ފަދަ އެކްސްޕީރިއަސް އާއި ޒުވާން ކުޅުންތެރިންގެ ރަނގަޅު މިކްސް އެއް މި ޓީމުގައި މި އޮތީ،" ނިސްތާރު ބުންޏެވެ. " އަހަރުން އަހަރަށް ޓީމު ވަރުގަދަ ކުރާ ގޮތަށް ލޯންގް ޓާމަށް މި ވިސްނަނީ ޒުވާން ކުޅުންތެރިން ލައިގެން. މިހެން މި ބުނީ ޝޯޓް ޓާމް ޓާގެޓެއް ނެތޭކޭ ނޫން އިނގޭތޯ. އަޅުގަނޑު މި ޕްލޭނާ މެދު ހިތްހަމަޖެހޭ،"

ނިސްތާރުގެ ވިސްނުމާ ގުޅޭ އަދި އޭނާއާ އެކު މަސައްކަތްކޮށްފައިވާ ކުޅުންތެރިންތަކެއް ގްރީން ސްޓްރީޓްސްއާ ވަނީ ގުޅިފަ އެވެ. އެ ގޮތުން ޒުވާން ކުޅުންތެރިން ކަމަށްވާ ހަސަން ނަޒީމް ގާސިމް (ޗޯޓު)، މުހައްމަދު ޖައިލަމް (އޮގީ)، އަހުމަދު ނާހިލް އިބްރާހިމް، މުހައްމަދު ކަރަމް އަދި އިބްރާހިމް ހަސީބު ވަނީ ގްރީން ސްޓްރީޓްސްއާ ގުޅިފަ އެވެ. ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅުނު ސްޕެއިނުގެ މިޑްފީލްޑަރު އެންޖެލް މުނޯޒް އާއި މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލްގެ އިތުރުން ޕާކިސްތާންގެ ގޯލްކީޕަރު ހަނީފް ސާގިބް ހިމެނެ އެވެ.

ގްރީން ސްޓްރީޓްސް އިން އިއްޔެ ބޭއްވި ޕްރެކްޓިހުގެ ތެރެއިން.--ފޮޓޯ: އެފްއޭއެމް

ގްރީން ސްޓްރީޓްސް އިން އިއްޔެ ބޭއްވި ޕްރެކްޓިހުގެ ތެރެއިން.--ފޮޓޯ: އެފްއޭއެމް

ނިސްތާރު ބުނީ އިތުރު ކުޅުންތެރިން އަދި އެ ޓީމާ ގުޅޭނެ ކަމަށެވެ. އަދި ގިނަ ދުވަސްތަކަކަށް ފަހު ކުޅުންތެރިން އެނބުރި ޕްރެކްޓިހަށް އައިއިރު އަމިއްލަ އަށް ވެސް ފިޓްނަސް ރަނގަޅުކުރަން މަސައްކަތްކޮށްފައިވުމަކީ އޭނާ އަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

"ކުޅުންތެރިންގެ ފިޓްނަސް ލެވަލަށް އެ ކުޅުންތެރިން މަސައްކަތްކޮށްފައި ހުރީމަ އަސްލު ވަރަށް އުފާވެއްޖެ. މިސާލަކަށް ބަލަމާ ކަރަމް އާއި މުއްޓި ވަރަށް ރަނގަޅަށް ފިޓްނަސް އަށް މަސައްކަތްކޮށްފައި ހުރީ. ވަރަށް ބޮޑަށް އަމިއްލަ އަށް ބޭނުންވެގެން ޕްރިޕެއާ ވެފައި ތިބީ،" ނިސްތާރު ބުންޏެވެ.

ގްރީން ސްޓްރީޓްސްއާ ފުރަތަމަ ހަވާލުވެގެން ނިސްތާރު ރަނގަޅު މަސައްކަތްތަކެއް ފަށާފައިވަނިކޮށް ކޮވިޑް-19 ފެތުރޭތީ ސީޒަން އަވަހަށް ނިންމާލަން ޖެހުމަކީ ދިމާވި ގޮންޖެހުމެކެވެ. އަދި ޕްރީ ސީޒަނަށް ޓްރެއިނިން ކޭމްޕެއް ދާން ބަލާއިރު އަދިވެސް ކޮވިޑް-19ގެ ސަބަބުން ތަނަކަށް ގޮސް ކަރަންޓީނު ނުވެ ތިބެވޭނެ ގޮތެއް ނެތުމުން ޕްރީ ސީޒަން ޓްރެއިނިން އަށް ވެސް ބަދަލުތަކެއް ގެެނެސް ޓީމަށް އެންމެ ފައިދާވާނެ ގޮތަކަށް ވިސްނާފައިވާކަމަށް ނިސްތާރު ބުންޏެވެ.

"ދެން އޭރު ކޮވިޑް-19ގެ ސަބަބުން ހުއްޓާލަން ޖެހުމަކީ އަޅުގަނޑުމެންނަށް އެކަންޏެއް ނޫން މުޅި ދުނިޔެ އަށް ވެސް ދިމާވި ކަމެއް ދެއްތޯ. ވެދިޔަ ކަމެއްގެ ވާހަކަ ބާއްވާފައި އަޅުގަނޑުގެ މިހާރުގެ ފޯކަސް އަކީ ކުރިއަށް އޮތްތަން،" އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ތަޖުރިބާތަކެއް ހޯދާފައިވާ ނިސްތާރު ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ޕްރެކްޓިހުގެ ތެރެއިން ނިސްތާރު (ކ) އާއި އެ ޓީމުގެ އެސިސްޓަންޓް ކޯޗުން ކަމަށްވާ ފަޒިއްކޮ (މ) އަދި އާސިފް (ވ).-- ފޮޓޯ: އެފްއޭއެމް

ގްރީން ސްޓްރީޓްސްގެ ޕްރެކްޓިހުގެ ތެރެއިން ނިސްތާރު (ކ) އާއި އެ ޓީމުގެ އެސިސްޓަންޓް ކޯޗުން ކަމަށްވާ ފަޒިއްކޮ (މ) އަދި އާސިފް (ވ).-- ފޮޓޯ: އެފްއޭއެމް

"އަޅުގަނޑުމެންގެ ފުރަތަމަ މެޗު މި އިނީ ޑިސެމްބަރު 16ގައި ވެލެންސިއާއާ ދެކޮޅަށް. މިހާރު ލިބިފައި މި އޮތް މުއްދަތުގައި އެ މެޗާ ހަމައަށް ދާން ވާއިރަށް އަޅުގަނޑުމެން ކުޅެން ބޭނުންވާ ސިސްޓަމަށް ކުޅުންތެރިން ފިޓްކޮށް ވީ އެންމެ ރަނގަޅަށް ތައްޔާރުވެވޭތޯ ހުރިހާ މަސައްކަތެއް މި ކުރަނީ. މި ލިބިފައި މި އޮތް ވަގުތު ހަމަ ވަރަށް ރަނގަޅޭ ދެންނެވޭނީ،"

ފުޓްބޯޅައިގެ ނިންމުންތައް ނިންމާއިރު އަބަދުވެސް އެންމެން ވެސް ވިސްނަންޖެހޭ އެންމެ ބޮޑު ކަމަކީ ކުޅުންތެރިންގެ މަސްލަހަތު ރަނގަޅު އުސޫލެއްގެ ތެރެއިން ހިމާޔަތްކުރެވޭ ގޮތްތަކެއް ވެފައި އޮތުމެވެ. އެފްއޭއެމުން ކްލަބްތަކާ އެކު އެންމެ ފަހުން ވެވުނު އެގްރީމެންޓް ތެރެއިން ކުޅުންތެރިންނަށް އޭގެ ފައިދާތަކެއް ހުރިކަން އެނގެން އޮތުމަކީ ކުޅުންތެރިންނާ މެދު ވިސްނާއިރު ލިބޭ ފަސޭހައެއްގެ ގޮތުގައި ނިސްތާރު ދެކެ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ޑިސެމްބަރު މަހު އަށް ވަނަ ދުވަހު ފަށަން ނިންމާފައިވާއިރު، މިހާތަނަށް ޕްރެކްޓިސް ފެށީ ތިން ޓީމުންނެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ، ކްލަބް ވެލެންސިއާގެ އިތުރުން ގްރީން ސްޓްރީޓްސް އެވެ.