21 އޮކްޓޯބަރ 2018
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު މާޒިޔާ އިން ފަހަތުން އަރައި 4-2 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު މާޒިޔާ އިން ފަހަތުން އަރައި 4-2 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.
މި މޮޅާ އެކު މާޒިޔާ ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. މާޒިޔާ އަށް 10 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އީގަލްސް އަށް ނުވަ މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، މިރޭ އެ ޓީމު ކުޅޭ މެޗުން ފ. ނިލަންދޫގެ މައްޗަށް ކުރިހޯދައިގެން އަލުން ލީގުގެ ދެ ވަނަ އަށް އެރޭނެ އެވެ.
މާޒިޔާ އިން މި މެޗަށް ނުކުތްއިރު އެ ޓީމުގެ ފުލްބެކް މޫސާ ޔާމިން (ޔާމްބެ) ވަނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ. އެކަމަކު އެންމެ ފަހުން ކުޅުނު މެޗުގައި ފެހެންދޫއާ ދެކޮޅަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު ބިދޭސީ ފޯވާޑް ސެއިން ވިންސެންޓްގެ ކޮނޭލިއަސް ސްޓެވާޓް ވަނީ މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. އޭނާ ވަނީ މި މެޗުގައި ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދައިފަ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ކުއްލިގޮތަކަށް މަރުވެފައިވާތީ، އޭނާގެ ހަނދާނުގައި މިއަދުގެ މެޗުގެ ކުރިން ސުކޫތެއް ގެނަ އެވެ.
މާޒިޔާ އިން ވަނީ މެޗުގެ ދެ ވަނަ މިނިޓްގައި ހަމަލާއެެއް އުފައްދައިފަ އެވެ. ގާސިމް ސައްމާމު (ސައްމެ) އަރިމަތިން ނަގައިދިން ހުރަހަކުން އަހުމަދު އިމާޒް (އާއްކޮ) ބޮލުން ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ. ގްރީން ސްޓްރީޓްސް އިން ވަނީ އޭގެ ދެ މިނިޓް ފަހުން ލީޑުނަގައިފަ އެވެ. ކޯނަރަކުން އަހުމަދު ރިލްވާން (ރިލޭ) ނަގައިދިން ބޯޅަ އޭރިއާތެރެއިން ކުޅުންތެރިއަކު ގައިގައި ޖެހިފައި ގްރީން ސްޓްރީޓްސްގެ ޔޫކްރޭން ފޯވާޑް ރޮލަންޑް ރަސެލް އަށް ލިބުމުން އޭނާ ވަނީ އެ ބޯޅަ ގޯލުގެ ތެެރެއަށް ފޮނުވާލައިފަ އެވެ.
މެޗުގެ 17 ވަނަ މިނިޓްގައި މާޒިޔާގެ ނާއިޒު ހަސަން (ދާދު) އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ މިނިޓެއް ފަހުން މާޒިޔާގެ ގޯލްކީޕަރު ހުސެއިން ޝަރީފް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ލީޑުފުޅާކުރަން ގްރީން ސްޓްރީޓްސްގެ ރަސެލް އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ.
މާޒިޔާ އަށް ނަތީޖާ ހަމަހަމަކޮށްދޭން މެޗުގެ 19 ވަނަ މިނިޓްގައި އޭރިއާތެރޭގައި ހުސްކޮށް ހުރެފައި އާއްކޮ ބޮލުން ޖެހި ބޯޅަ ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ލަބާން ޝަރީފް ވަނީ މަތަކޮށްފަ އެވެ. އެކަމަކު އޭގެ ތިން މިނިޓް ފަހުން ކޯނަރަކުން އޭރިއާ ތެރެއިން މާޒިޔާގެ ކެޕްޓަން މުހައްމަދު އިރުފާނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި އޭނާ ވަނީ ބޮލުން ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އަށް ލީޑުނަަގައިދޭން ޔަސްފާދު ހަބީބު (މުލަކޭ) އަށް ލިބުނު ފުރުސަތުން އޭނާ ފައިގައި ބޯޅަ ލައްވާލާ ގޮތެއްނުވިއިރު، އާއްކޮ ޖެހި ބޯޅައެއް ކީޕަރު ލަބާން ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ގްރީން ސްޓްރީޓްސް އަށް އަލުން ލީޑުނަަގައިދިނީ މެޗުގެ 60 ވަނަ މިނިޓްގައި ރިލޭ އެވެ. ހިލޭ ޖެހުމަކުން ރިލޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ހުސެން އަތްމަތިން ގޮހެވެ. އޭގެ ފަހުން ނަތީޖާ ހަމަހަމަ ކުރަން މާޒިޔާގެ ދާދު އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަސަދުﷲ އަބްދުﷲ ފޮނުވާލި ބޯޅަ ކީޕަރު ލަބާން ވަނީ މަތަކޮށްފަ އެވެ.
މާޒިޔާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ 79 ވަނަ މިނެޓުގައި ސްޓެވާޓެވެ. އޭނާ މި ލަނޑު ޖެހީ ދާދު ދިން ބޯޅައަކުންނެވެ.
މާޒިޔާ އަށް ލީޑުނަގައިދިން ލަނޑު ޖެހީ މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި ސްޓެވާޓް އެވެ. އޭރިއާ ތެރެއިން ކީޕަރު ލަބާން އަތުން ދޫވި ބޯޅައެއް ހޯދައި ސްޓެވާޓް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ގްރީން ސްޓްރީޓްސް އަށް އެއްވަރުކޮށްދޭން މެޗުގެ އިތުރުވަގުތުގައި ސަމްދޫހު މުހައްމަދު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ގްރީން ސްޓްރީޓްސް އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ މާޒިޔާ އިން އިތުރު ލަނޑެއް ޖެހުމެވެ. ކައުންޓަ އެޓޭކުގައި ލިބުނު ފުރުސަތަކުން މި ލަނޑު ޖެހީ އަސަދުﷲ އެވެ.
ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މިއީ މާޒިޔާ ލީގަށް ވާދަކުރާއިރު މޮޅުވާން އެ ޓީމަށް ވަރަށް މުހިއްމު މެޗެއް ކަމަށާއި އެކަން ކާމިޔާބުވުމުން އެ ޓީމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި މި މެޗުގައި ގްރީން ސްޓްރީޓްސް އަށް ވެސް މޮޅުވެވޭނެ ފުރުސަތު ލިބުނު ކަމަށާއި އެކަމަކު ވެސް ތަފާތަކަށް ފެނުނީ ފަހު ވަގުތުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުން ކަމަށެވެ.
"ގްރީން އަށް ހަމަގައިމު ވެސް ލީގު ހޯދުމުގެ ހުރިހާ ކަމެއް ދިޔައީ. ލީޑުގައި ގްރީން ކުޅުނު ކަމަށް ވިޔަސް މާޒިޔާގެ އެޓޭކްތައް ވަރަށް ނުރައްކާކޮށް އައީ. އެންމެ ފަހު ގަޑީގައި 2-2 ހަދާލީމަ އެ ދިޔަ އެތިން ގްރީން އަށް ވެސް ތިން ޕޮއިންޓް ނޫނިއްޔާ މީގެ ބޭނުމެއް ނެތީމަ އެޓޭކްކޮށްގެން ކުރިއަށް ޖެހިގެން ކުޅެނިކޮށް މާޒިޔާ ކައުންޓަ އެޓޭކުގައި ލަނޑު ޖެހީ. މާޒިޔާ ވަރަށް ރަނގަޅު ފަހު 20 މިނިޓްގައި ދެއްކި ކުޅުން،" ސުޒޭން ބުންޏެވެ.
މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މެޗުން މޮޅުވުމުގައި ބަދަލު ކުޅުންތެރިންގެ ދައުރު ބޮޑު ކަމަށާއި ދެ ވަނަ ބުރު މޮޅަކުން ފަށަން މުޅި ޓީމު އޮތީ ވަރަށް ބޭނުންވެފައި ކަމަށެވެ.
"އަޅުގަނޑުމެން މި ތިން ޕޮއިންޓް ހޯދައި މޮޅަކުން ފަށަން އައީ. ދެން ފުރަތަމަ ކޮޅުގައި ބޭނުންވި ގޮތަށް ނުދިޔަ ކަމަށް ވިޔަސް. ފަހުން ކަންތައްތައް ރަނގަޅަށް ދިޔައީ. ރަނގަޅު ބަދަލުތަކެއް ކުރެވި މެޗުގެ ނަތީޖާ ވެސް އަޅުގަނޑުމެން ކޮޅަށް މި އައީ،" އިންމަ ބުންޏެވެ.
މިއީ ގްރީން ސްޓްރީޓްސް އަތުން ޖެހިޖެހިގެން މާޒިޔާ އިން ހޯދި ދެ ވަނަ މޮޅެވެ. ލީގުގެ ފުރަތަމަ ބުރުގައި ގްރީން ސްޓްރީޓްސްގެ މައްޗަށް މާޒިޔާއިން ކުރިހޯދީ 4-1 އިންނެވެ.
މޮޅުވީ މާޒިޔާ، އެކަމަކު ކޯޗު ހިތްހަމަނުޖެހިފައި
ވިކްޓަރީ ބަލިކޮށް ގްރީން ސްޓްރީޓްސް ހަމަޖެހިލައިފި
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ސަޕޯޓަރުން ނެތި ފުޓްބޯޅައިގައި އުފަލެއް ނެތް: މިލޯ
ގްރީން ސްޓްރީޓްސްގެ މައްޗަށް މާޒިޔާ އިން ފަސޭހަ މޮޅެއް
މާޒިޔާ ސީރިއަސްވާންޖެހޭ، ގްރީންގެ އަމާޒަކީ ގަދަހަތަރެއް
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ގްރީން ބަލިކޮށް އީގަލްސްއިން މާޒިޔާއާ ކައިރިކޮށްފި