12 އޮކްޓޯބަރ 2018
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން 4-1 އިން ވިކްޓަރީ ބަލިކޮށް ގްރީން ސްޓްރީޓްސް ހަމަޖެހިލައިފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން 4-1 އިން ވިކްޓަރީ ބަލިކޮށް ގްރީން ސްޓްރީޓްސް ހަމަޖެހިލައިފި އެވެ.
ލީގު 70 ދުވަހަށް މެދުކަނޑާލުމަށް ފަހު މިދިޔަ މަހު އަލުން ފެށިއިރު، ފުރަތަމަ ކުޅުނު ދެ މެޗުން ގްރީން ސްޓްރީޓްސް ވަނީ ބަލިވެފަ އެވެ. އެކަމަކު އޭގެ ފަހުން ކުޅުނު ދެ މެޗުން މި ވަނީ ޓީސީ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ބަލިކޮށްފަ އެވެ.
މިއަދުގެ މޮޅާ އެކު ގްރީން ސްޓްރީޓްސް ވަނީ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. ގްރީން ސްޓްރީޓްސް އަށް އަށް މެޗުން 16 ޕޮއިންޓް ލިބުނުއިރު، ތިން ވަނައިގައި އޮތް މާޒިޔާ އަށް ވެސް ވަނީ އަށް މެޗުން 16 ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ލީގުގައި މިރޭ ކުޅޭ މެޗުން ފ. ނިލަންދޫ އަތުން މޮޅުވެގެން ލީގުގެ ތިން ވަނަ އަށް އެރުމުގެ ފުރުސަތު ނިއު ރޭޑިއަންޓަށް އެބައޮތެވެ.
މެޗަށް ނުކުތްއިރު ގްރީން ސްޓްރީޓްސް އިން ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެ ޓީމުން ވަނީ ގޯލްކީޕަރު މުހައްމަދު ޖަޒްލާން (ބަބޭ) އާއި ޒުވާން ކުޅުންތެރިއާ އަބްދުﷲ ޔާމީން ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. މުހައްމަދު ސާއިފް ސަސްޕެންޝަނުގައި ހުރިއިރު ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އިނީ ބެންޗުގަ އެވެ. ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ސަމްދޫހު މުހައްމަދު އެވެ.
ވިކްޓަރީގެ ތަޖިކިސްތާން ޑިފެންޑަރު ޗަކަލޯފް ފިރްދައުސް އާއި ސްޕެއިނުގެ ޑިފެންޑަރު ޔަކީން ކާލޯސް ވަނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ.
މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ވިކްޓަރީގެ ހަންގޭރީ ފޯވާން ސައިމަން ޓިބޯ އަށް އޭރިއާ ތެރެއިން ލިބުނު ބޯޅައިގެ ބޭނުން ނުހިފުނުއިރު، މެޗުގެ ނުވަ ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ކުރިއަށް ކުޅޭ ޔޫކްރޭނުގެ ފޯވާޑް ރޮލާންޑް ރަސެލް އަށް ލިބުނު ފުރުސަތު އޭނާ އަތުން ވެސް ވަނީ ބޭކާރުވެފަ އެވެ.
ގްރީން ސްޓްރީޓްސް އިން ލީޑުނެގީ މެޗުގެ 16 ވަނަ މިނިޓްގައި ރަސެލް ޖެހި ޕެނަލްޓީންނެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ގްރީން ސްޓްރީޓްސްގެ ޔާމީން ތަނަވަސްކޮށްދިން ފުރުސަތުތަކުން ލީޑުފުޅާކުރަން ރަސެލް އާއި އަބްދުﷲ މިސްބާހަށް ލިބުނު ފުރުސަތުތައް އެ ކުޅުންތެރިން އަތުން ބޭކާރުވި އެވެ.
ގްރީން ސްޓްރީޓްސްގެ ދެ ވަނަ ލަނޑު މެޗުގެ 32 ވަނަ މިނިޓްގައި ކާމިޔާބުކުރީ ތަޖުރިބާކާރު ކުޅުންތެރިއާ މުހައްމަދު ޝައްފާޒް (ސައްޕޭ) އެވެ. އަހުމަދު ރިލްވާން (ރިލޭ) ހުސްކޮށްލާފައި އަރިމަތިން ނަގައިދިން ހުރަހަކުން ސައްޕޭ ވަނީ ބޮލުން ގޯލުގެ ދުރުކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ދެ ލަނޑުގެ ލީޑެއް ލިބުމުން ގްރީން ސްޓްރީޓްސްގެ ފަހަތުން ފަސޭހަކޮށްލި ވަގުތުކޮޅުގައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިކްޓަރީން ވަނީ ލަނޑެއް ޖަހައިފަ އެވެ. މެޗުގެ 40 ވަނަ މިނިޓްގައި މި ލަނޑު ޖެހީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. ފުރަތަމަ އެގާރައިގައި ހިމެނިގެން މި މެޗުގައި ކުޅެމުން ދިޔަ ވިކްޓަރީގެ މިރާހު މުހައްމަދު ހުސްކޮށްލާފައި ނަގައިދިން ބޯޅަ އައްމަޑޭ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ގްރީން ސްޓްރީޓްސް އިން ވަނީ ދެ ވަނަ ހާފުގެ ކުޅުން ފެށިތާ ދިހަ މިނިޓް ތެރޭގައި މިސްބާހުގެ ބަދަލުގައި ކޮލަމްބިއާ ފޯވާޑް ހޯސޭ އަވީލާ ކުޅެން އަރުވައިފަ އެވެ.
ވިކްޓަރީ އަށް ނަތީޖާ ހަމަހަމަ ކޮށްދޭން މެޗުގެ 57 ވަނަ މިނިޓްގައި އަހުމަދު ނާޝިދު (ނައްޓޭ) ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ލިބުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ނައްޓޭ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ގްރީން ސްޓްރީޓްސްގެ ތިން ވަނަ ލަނޑު މެޗުގެ 71 ވަނަ މިނިޓްގައި ކާމިޔާބުކުރީ ރަސެލް އެވެ. އަވީލާ ޖެހި ބޯޅައެއް އޭރިއާތެރެއިން ވިކްޓަރީ ކުޅުންތެރިއަކު ގައިގައި ޖެހިފައި ލިބުމުން ރަސެލް ވަނީ ފަސޭހަކަމާ އެކު ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ އަށް މިނިޓް ފަހުން އޭރިއާތެރެއިން ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ރަސެލް ވަނީ ތިން ވަނަ ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
މާލީ ގޮތުން ދަތިވެ އުނދަގޫ ހާލަތެއްގައި އޮއްވައި ވިކްޓަރީގެ ކޯޗުކަމާ މުހައްމަދު ނަޒީހު ހަވާލުވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ ނިއުއާ އެއްވަރުކޮށްފަ އެވެ. އެކަމަކު މިއަދުގެ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.
މި މެޗާ ބެހޭގޮތުން ވިކްޓަރީގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިޔާޒް (ނިޔާ) ބުނީ ޓީމު މި ވަގުތު އޮތްހާލަތާއި ޕްރެކްޓިސް ކުރެވުނު ވަރާ ބަލާ ކުޅުންތެރިން މި މެޗުގައި ވެސް ކުރި މަސައްކަތް ފާހަގަކުރަން ޖެހޭ ކަމަށާއި ޓީމަށް ދިމާވެފައިވާ މައްސަލަތަކުން ހައްލެއް ލިބެމުންދާ ވަރަކަށް ކަންތައްތައް ރަނގަޅުވާނެ ކަމަށެވެ.
ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މި މެޗުގެ ނަތީޖާ އަށް ވުރެން ބޮޑަށް ލިބޭ ހިތްހަމަ ޖެހުމަކީ ފުރުސަތުދިން ކުޅުންތެރިން ދެއްކި ކުޅުމާއި ކުރި ހިތްވަރު ކަމަށެވެ.
"ނަތީޖާ އަށް ވުރެ ބޮޑަށް ލިބުނު ހިތްހަމަ ޖެހުމެއް މިއީ ޔާމީން މެން ކަހަލަ ފުރުސަތު ދިން ކުޅުންތެރިން ކޮންފިޑެންސާ އެކު އެ ދެއްކި ކުޅުން. އެއީ ހަގީގަތުގައި އެ ކުޅުންތެރިން ބޭނުންކުރަން ޖެހޭއިރު އެ ގޮތަށް ތައްޔާރުކުރެވިފައި ހުރުމުން ދެ ވަނަ ބުރަށްދާއިރު ފަސޭހަތަކެއްވާނެ،" ސުޒޭން ބުންޏެވެ.
ލީގުގައި މިރޭ 9 ޖަހާއިރު ފަށާ މެޗުގައި ނިއު ބައްދަލުކުރާނީ ނިލަންދޫއާ އެވެ.
މާޒިޔާ އިން ފަހަތުން އަރައި ގްރީން ބަލިކޮށްފި
ގްރީން އަތުން މިފަހަރު ވެސް ވެލެންސިއާ ބަލިވެއްޖެ
މޮޅުވާން ދިޔަ ގްރީން އަށް ޔޫވިން ހުރަސް އަޅައިފި
ދެވަނައިގައި އީގަލްސްއިން ފުރަތަމަ ބުރު ނިންމާލައިފި
ގްރީން އަޑިއަޅާލައިފި، ކޯޗު ބުނަނީ ޒިންމާ ނަގާ ކަމަށް
މޮޅުވީ މާޒިޔާ، އެކަމަކު ކޯޗު ހިތްހަމަނުޖެހިފައި
ގްރީންގައި ނިސްތާރު ރަނގަޅު ޕްލޭނަކާ އެކު
ފޯކައިދޫން ގްރީން ސްޓްރީޓްސް ބަލިކޮށްފި
ދަަގަނޑޭގެ ގޯލުން މޮޅުވެ ޓީސީ އަށް ބޮޑު ލީޑެއް
ފަހު ވަގުތު ގްރީން އިން ފޯކައިދުއާ އެއްވަރުކޮށްފި