30 ޖޫން 2018
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ށ. ފޯކައިދޫ އަތުން ގްރީންސްޓްރީޓްސް ބަލިވާން ދަނިކޮށް ފަހު ވަގުތު ޖެހި ގޯލާ އެކު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ށ. ފޯކައިދޫ އަތުން ގްރީންސްޓްރީޓްސް ބަލިވާން ދަނިކޮށް ފަހު ވަގުތު ޖެހި ގޯލާ އެކު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
ގްރީން ސްޓްރީޓްސް އިން ވަނީ ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ޔޫކްރޭނުގެ މިޑްފީލްޑަރު ސޮބުލް އިލިއާ ދޫކޮށްލުމަށް ފަހު އެ ޓީމުން ގެނައި ކޮލަމްބިއާ ފޯވާޑް ހޯސޭ އަވީލާ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. އަވީލާ އަކީ މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގައި މިހާރު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން ގދ. ތިނަދޫ ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ.
މިނިވަން ޗެމްޕިއަންޝިޕުގެ ރަނަރަޕަށްދިޔަ ށ. ފޯކައިދޫ ޓީމުން މިދިޔަ ސީޒަނުގައި އއ. މާޅޮހަށް ޕްރިމިއާ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ކޯޗު އަލީ ނިސްތާރު މުހައްމަދާ އެކު މި މުބާރާތަށް ނުކުތީ ގިނަ ބަދަލުތަކާ އެކު އެވެ. އެ ޓީމުގައި ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު ގިނަ ކުޅުންތެރިން ހިމެނެ އެވެ.
މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ފޯކައިދޫ އިންނެވެ. މެޗުގެ ދެ ވަނަ މިނިޓްގައި މުހައްމަދު ޖައިލަމް ދިން ބޯޅައަކުން އޭރިއާ ތެރެއިން ކުރިން ބީޖީ އާއި ވެލެންސިއާ އަށް ކުޅުނު އަހުމަދު އުސާމް ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. އޭގެ މިނިޓެއް ފަހުން ގްރީން ސްޓްރީޓްސްގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ބޮލުން ފޮނުވާލި ބޯޅަ ފޯކައިދޫގެ ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ.
އޭގެ ފަހުން ފޯކައިދޫގެ ޖައިލަމް އާއި މިސްރު ކުޅުންތެރިއާ މުސްތަފާ މަހުމޫދު ފޮނުވާލި ބޯޅަތައް ގްރީން ސްޓްރީޓްސްގެ ކީޕަރު ސަރްގޭ ސްމޮރޮޑިން ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ފުރަަތަމަ 20 މިނިޓަށް ފަހު ފޯކައިދޫ އިން މެޗު ލަސްކުރި އެވެ. އޭގެ ސަބަބުން ގްރީން ސްޓްރީޓްސް އިން ކުޅެމުންދިޔަ ގޭމަށް އަސަރުތަކެއް ކުރިއެވެ. މެޗުގެ 40 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ އާދިލް އަބްދުލް ރަހުމާން ނަަގައިދިން ހުރަހަކުން ޔޫކްރޭނުގެ ފޯވާޑް ރޮލާންޑް ރަސެލް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
ފުރަތަަމަ ހާފުގެ ފަހު މިނިޓްގައި ފޯކައިދޫ އަށް ލީޑުނަގައިިދިނީ މުސްތަފާ އެެވެ. އޭރިއާ ތެރެއިން ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ދެ ވަަނަ ހާފް ފަށައިގެން ގްރީން ސްޓްރީޓްސް އެއްކޮށް ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދޭން އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ އަވީލާ އަށެވެ. އޭނާ ފޮނުވާލި ދެ ހަމަލާވެސް ދިޔައީ ގޯލާ ސީދާނުވެ އެވެ. އޭގެ ފަހުން މެޗުގެ 78 ވަނަ މިނިޓްގައި އަޑުބަރޭ ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ފޯކައިދޫގެ މިސްރު ޑިފެންޑަރު މަހުމޫދު ސައީދު އެވެ.
ފޯކައިދޫ އިން ދެ ވަނަ ލަނޑެއް ޖަހަން މެޗުގެ 87 ވަނަ މިނިޓްގައި ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ޓީމަށް ކުޅޭ މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް ބޮލުން ފޮނުވާލި ބޯޅަ ކީޕަރު ސަރްގޭ ވަނީ މަތަކޮށްފަ އެވެ.
އިތުރު ލަނޑެއް ޖަހަން ފޯކައިދޫ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމުން ނުހިފުމުގެ ނަތީޖާ އަކަށްވީ ފަހު ވަގުތު މިސްބާހުގެ ލަނޑުން ގްރީން ސްޓްރީޓްސް ބަލިނުވެ ސަލާމަތްވުމެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި އަހުމަދު ރިލްވާން (ރިލޭ) ޖެހި ބޯޅަ ކީޕަރު ސާގިބް އަތުގައި ޖެހިފައި ލިބުނީ މިސްބާހަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗާ ބެހޭގޮތުން ގްރީން ސްޓްރީޓްސްގެ ކޯޗު ސުޒޭން ބުނީ މިއީ އެ ޓީމު ވަރަށް ދަށް ދުވަހެއް ކަމަށާއި ކުޅުންތެރިން ރަނގަޅަށް ޒިންމާ އަދާނުކުރާނަމަ މި ކަހަލަ ކަންތައްތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ލީގުގައި ކުރިއަށްދާން ބަލާއިރު މި ކަހަލަ ޓީމުތައް އަތުން ޕޮއިންޓް ހޯދަން ޖެހޭނެ ކަމަށާއި މި ނަތީޖާއިން އެނގެނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ކަމަށް ބުންޏެވެ.
މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ނިސްތާރު ވަނީ ގްރީން ސްޓްރީޓްސް އަތުން އޭނާ ކޯޗުކޮށްދިން މާޅޮހަށް މޮޅެއް ހޯދައިދީފަ އެވެ. މި މެޗަށް ވެސް އޭނާ ނުކުތީ ފޯކައިދު އަށް ގްރީން ސްޓްރީޓްސް އަތުން މޮޅެއް ހޯދައިދިނުމަށެވެ. އެކަމަކު ފަހު ވަގުތު ދިޔަ ގޮތުން މޮޅެއް ނުލިބުނު ނަމަވެސް ނިސްތާރު ބުނީ މި ނަތީޖާ މުޅިއަކުން ގޯހެއް ނޫން ކަމަށެވެ.
ފޯކައިދޫން ގްރީން ސްޓްރީޓްސް ބަލިކޮށްފި
ރިޒޭގެ ހެޓްރިކާ އެކު އީގަލްސް އަށް ބޮޑު މޮޅެއް
މާޒިޔާ އިން ފަހަތުން އަރައި ގްރީން ބަލިކޮށްފި
ބޮޑު މޮޅަކާ އެކު ޓީސީން ލީޑު ދަމަހައްޓައިފި
ވިކްޓަރީ ބަލިކޮށް ގްރީން ސްޓްރީޓްސް ހަމަޖެހިލައިފި
ފޯކައިދޫ ބަލިކޮށް މާޒިޔާ ތިން ވަނަ އަށް
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ވެލެންސިއާ އާއި ގްރީން ލީގުގައި ވާދަނުކުރަން ނިންމައިފި
ގްރީން ބަލިކޮށް އީގަލްސްއިން މާޒިޔާއާ ކައިރިކޮށްފި
ސަސް ބަލިކޮށް ގްރީން ކުރިއަށް ޖެހިލިމުގެ އުންމީދު