12 އޮކްޓޯބަރ 2018
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ށ. ފޯކައިދޫ އަތުން 2-1 އިން ހޯދި މޮޅާ އެކު މާޒިޔާ ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ށ. ފޯކައިދޫ އަތުން 2-1 އިން ހޯދި މޮޅާ އެކު މާޒިޔާ ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
މާޒިޔާ ތިން ވަނަ އަށް އެރީ އަށް މެޗުން 16 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތީ މިއަދު ބ. ފެހެންދޫ ބަލިކޮށް އަށް މެޗުން 17 ޕޮއިންޓް ހަމަކުރި އީގަލްސް އެވެ. ލީގުގައި މާދަމާރޭ ކުޅޭ މެޗުން ފ. ނިލަންދޫ އަތުން މޮޅުވެއްޖެނަމަ ލީގުގެ ދެ ވަނަ ނިއު ރޭޑިއަންޓަށް ލިބޭނެ އެވެ. ނިއު މި ވަގުތު ހަތަރެއްގައި އޮތީ ހަތް މެޗުން 14 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ ހަތް މެޗުން 18 ޕޮއިންޓް ލިބިފަ އެވެ.
މާޒިޔާ އިން މި މެޗަށް ނުކުތީ އެންމެ ފަހުން މެޗުގައި ސަސްޕެންޝަނުގައި ހުރި އިސްމާއިލް އީސާ (މެސީ) ފުރަތަމަ އެގާރައިގައި ހިމަނައި ރަނގަޅު ފޯމެއްގައި ހުރި ނާއިޒު ހަސަން (ދާދު) ބެންޗުގައި ބައިންދައިގެންނެވެ. އަނެއްކޮޅުން ފޯކައިދޫގެ މިސްރު މިިޑްފީލްޑަރު ހަލީލް ޖަމާލް ވަނީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ.
މެޗު ފަށައިގެން ފުރަތަމަ 20 މިނިޓް ތެރޭގައި ދެ ޓީމުގެ ފަރާތުން އަވަސްކުޅުމެއް ފެނިގެންދިޔައިރު، މާޒިޔާ އިން ދިޔައީ ފޯކައިދޫގެ ހާފު ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެމުންނެވެ. އެކަމަކު ފޯކައިދޫ އިން ދިޔައީ މާޒިޔާގެ އެޓޭކް ހުއްޓުވުމުގައި ކުރި ހޯދަމުންނެވެ. ހާއްސަކޮށް މާޒިޔާ އަށް ކުޅޭ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓަށް ލިބޭ ބޯޅަތަކުގެ ބޭނުން ހިފިޔަ ނުދޭން ފޯކައިދޫ ޑިފެންޑަރުން ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
މާޒިިޔާ އިން މެޗުގެ 27 މިނިޓްގައި އޭރިއާ ތެރެއިން އީސަ އަށް ފައުލުކުރުމުން ޕެނަލްޓީ އަކަށް އެޕީލްކުރި އެވެ. އެކަމަކު ރެފްރީ ނިންމީ ޕެނަލްޓީ ނުދޭށެވެ. އޭގެ މިނިޓެއް ފަހުން ކޯނަރަކުން ލިބުނު ފުރުސަތަކުން ސަމޫހު އަލީ (ސަމުއްޓެ) ބޮލުން ޖެހި ބޯޅަ ދިޔައީ ބޭރަށެވެ.
މާޒިޔާ އަށް ލީޑުނަގައިދިނީ މެޗުގެ 32 ވަނަ މިނިޓްގައި ޒުވާން މިޑްފީލްޑަރު އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ. ކުޅުންތެރިއަކު ކައިރިން ނައްޓާފައި ގޯލު އޭރިއާ ރޮނގުމަތިން ޖެންނޭ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އެ ބޯޅަ ގޯލަށް ވަންއިރު ފޯކައިދޫގެ ކީޕަރު ހަނީފް ސާގިބް ހުރީ ހަރަކާތް ހުއްޓިފަ އެވެ.
މެޗުގެ 39 ވަނަ މިނިޓްގައި ފޯކައިދޫގެ ހުސެއިން ލައްމާން އޭރިއާ ބޭރުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މާޒިޔާ އަށް ލީޑުފުޅާކޮށްދިނީ މެޗުގެ 43 ވަނަ މިނިޓްގައި އަހުމަދު އިމާޒް (އާއްކޮ) އެވެެ. އޭރިއާ ތެރެއިން ބޯޅަ ހޯދުމަށް ފަހު އާއްކޮ ވަނީ ފޯކައިދޫ ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ދެ ވަނަ ހާފް ފަށައިގެން ހަތަރު މިނިޓް ތެރޭ މާޒިޔާ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ސްޓެވާޓް ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން ފޯކައިދޫ އިން ކުރިއަށް ޖެހިގެން މާޒިޔާ އަށް ނުރައްކާކުރި އެވެ. އަދި ފޯކައިދޫ އިން ވަނީ ރެފްރީގެ ގިނަ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
މެޗުގެ 74 ވަނަ މިނިޓްގައި މާޒިޔާގެ ސްޓެވާޓަށް ފޯކައިދޫގެ ފަހުދު އަބްދުﷲ ފަހަތުން ޓެކުލްކުރި އެވެ. އެ ވަގުތު ދެ ޓީމުގެ ބެންޗުގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގި އެވެ. އެއާ އެކު މެޗުގެ ރެފްރީ ހުސެއިން ޝިނާން ވަނީ ފޯކައިދޫގެ އޮފިޝަލަކު ބެންޗުން ފޮނުވާލައިފަ އެވެ.
މާޒިޔާ އިން ވަނީ މެޗުގެ ފަހު 10 މިނިޓަށް އަސަދުﷲ އަބްދުﷲ ކުޅެން އަރުވައިފަ އެވެ. މެޗުގެ 86 ވަނަ މިނިޓްގައި މާޒިޔާގެ މުހައްމަދު ސަހާއު ބޮލުން ޖެހި ބޯޅައިގައި ބާރެއް ނެތުމުން ކީޕަރު ސާގިބް ވަނީ އެ ބޯޅަ ފަސޭގައިން އަތަށް ނަގައިފަ އެވެ.
ފޯކައިދޫގެ ލަނޑު ޖެހީ މެޗުގެ 88 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ޖައިލަމް (އޮގީ) އެވެ. މި ޕެނަލްޓީ އަކީ ޖައިލަމް އަށް އޭރިއާ ތެެރެއިން މާޒިޔާ ކުޅުންތެރިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ފޯކައިދޫ އަކީ ރަނގަޅު ކުޅުންތެރިންތަކެއް ހިމެނޭގޮތަށް އޮތް ވަރުގަދަ ޓީމެއް ކަަމަށާއި މެޗު އުނދަގޫވާނެކަން ކުރިން ވެސް އެނގޭ ކަމަށެވެ.
"މެޗު ހަމަ ފަސޭހަނުވާނެކަން ކުރިން ވެސް އެނގޭ. އެ ޓީމު ވަރަށް ރަނގަޅު ފުޓްބޯޅައެއް ކުޅެނީ ވެސް. ފުރަތަމަ ހާފުގައި އަޅުގަނޑުމެންގެ ގޭމްޕްލޭން ވޯކްކުރި. ދެ ވަނަ ހާފުގައި ލީޑަޝިޕްގެ މައްސަލަ ފެނިގެންދިޔައީ. ޓީމު ތެރޭގައި ވާހަކަ ނުދެއްކިގެން ޕްރެޝަރަށް މި ދިޔައީ. އެކަމަކު ތިން ޕޮއިންޓް ހޯދައި މެޗަށް އައި ކަންތައް ހާސިލްކުރެވިއްޖެ،" އިންމަ ބުންޏެވެ.
މި މެޗުން ބަލިވިއިރު ފޯކައިދޫ އޮތީ އަށް މެޗުން އަށް ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ. އެ ޓީމުގެ ކޯޗު އަލީ ނިސްތާރު ބުނީ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެމުން ދަނިކޮށް ފަސޭހަ ދެ ގޯލު ވަދެގެން އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި ދެ ވަނަ ހާފުގައި ކުޅުންތެރިން ވީ އެންމެ ރަނގަޅަށް މަސައްކަތްކުރުމުން އެ ހިތްހަމަ ޖެހުން އެބައޮތް ކަމަށެވެ. ދެން އޮތް ޓީސީ މެޗަށް ނުކުންނައިރު ހަތަރު ދުވަހުގެ ބްރޭކެއް ލިބޭއިރު އެ މެޗަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށް ބުންޏެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް ބައްދަލުކުރާނީ ވިކްޓަރީއާ އެވެ. މާދަމާރޭ ނިއު ކުޅޭނީ ނިލަންދޫއާ އެވެ.
ފަހަތުގައި ވިއްދާފައި އޮވެ މާޒިޔާ ދެއްކީ ހިތްވަރު!
ފޯކައިދޫން ގްރީން ސްޓްރީޓްސް ބަލިކޮށްފި
ލީގު ކަށަވަރުކުރަން ޓީސީން މިއަދު މާޒިޔާއާ ދެކޮޅަށް
ރިޒޭގެ ހެޓްރިކާ އެކު އީގަލްސް އަށް ބޮޑު މޮޅެއް
މާޒިޔާ މޮޅުވެ، ޓީސީއާ ގާތަށް ޖެހިލައިފި
ރިޒޭގެ ހަތަރު ގޯލާ އެކު އީގަލްސް އަށް ބޮޑު މޮޅެއް
މާޒިޔާ އިން ފަހަތުން އަރައި ގްރީން ބަލިކޮށްފި
ބޮޑު މޮޅަކާ އެކު ޓީސީން ލީޑު ދަމަހައްޓައިފި
ތިމަރަފުށި އަތުން މާޒިޔާ އަށް އުނދަގޫ މޮޅެއް
ނިލަންދޫ ކޮޅަށް މާޒިޔާ އިން ހަތް ގޯލު ޖަހައިފި