Roadha Mihaaru
"ކްއިބީ" ވަޔަކު ނުހިފި؛ އަހަރު ނުވަނީސް ހުއްޓާލަނީ

"ކްއިބީ" ވަޔަކު ނުހިފި؛ އަހަރު ނުވަނީސް ހުއްޓާލަނީ

23 އޮކްޓޯބަރ 2020

ކުރު ވީޑިއޯތައް ސްޓްރީމްކުރެވޭ ގޮތަށް މީގެ ހަތް މަހެއްހާ ދުވަސް ކުރިން ލޯންޗްކުރި މޮބައިލް އެޕް "ކްއިބީ" ގެ މަގުބޫލުކަން ކުޑަވެގެން އެ ހުއްޓާލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރު ވީޑިއޯތައް ސްޓްރީމްކުރެވޭ ގޮތަށް މީގެ ހަތް މަހެއްހާ ދުވަސް ކުރިން ލޯންޗްކުރި މޮބައިލް އެޕް "ކްއިބީ" ގެ މަގުބޫލުކަން ކުޑަވެގެން އެ ހުއްޓާލަން ނިންމައިފި އެވެ.

ޖެފްރީ ކެޒެންބާގްގެ މޭސްތިރިކަމުގެ ދަށުން އެޕްރީލް މަހުގެ 6 ގައި އެމެރިކާ އާއި ކެނެޑާގައި ލޯންޗްކުރި މި އެޕް ފުރަތަމަ ހަފުތާ ތެރޭގައި 1.7 މިލިއަން މީހުން އެޕަލް ސްޓޯރުން ޑައުންލޯޑްކުރި ނަމަވެސް، އޭގެ މަގުބޫކަން ފަހުން ދިޔައީ ވެއްޓެމުންނެވެ.

"ކްއިބީ" ހުއްޓާލަން ނިންމިކަން ހާމަކޮށް ނެރުނު ބަޔާނުގައި ބުނީ އެ ހުއްޓާނުލައިވޭނެ ގޮތްތަކެއް ހޯދޭތޯ ވަރަށް މަސައްކަތް ކުރި ކަމަށާއި އެކަމަކު އެ ނޫން ގޮތެއް ނެތް ކަމަށެވެ.

"ހުއްޓާލަން ނިންމީ އެ ނޫން އެއްވެސް ގޮތެއް ނެތިގެން. މީގެ ޑިމާންޑާއި ވިޔަފާރި ވަނީ ވަރަށް ބޮޑަށް ދަށްވެފައި. އެހެންވެ މި ވަގުތަށް އެންމެ ރަނގަޅު ނިންމުމެއް ކަމަށް ފެނުނީ ކްއިބީގެ އަހުލުވެރިންނަށް އަލްވަދާއުކިޔުން،" ބަޔާނުގައި ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން "ކްއިބީ" އުންމީދީ ޕްލެޓްފޯމެއްގެ ގޮތުގައި ދޫކޮށްލި ނަމަވެސް ފާއިތުވި މުއްދަތުގެ ތެރޭގައި އެފަދަ އެހެން ޕްލެޓްފޯމްތަކާ ވާދަކުރެވޭ ވަރުގެ އެއްޗަކަށް ނުވީ އެވެ. ކޮވިޑް-19 ގެ ތެރޭގައި ގިނަ ބަޔަކު މިފަދަ ގިނަ ޕްލެޓްފޯމްތައް ބޭނުންކުރާ މިންވަރު އިތުރުވި ނަމަވެސް "ކްއިބީ" އަށް މާ ބޮޑު ކުރިއެރުމެއް ނުލިބި، އޭގެ ޑިމާންޑް ހައްތަހާ ދިޔައީ ދަށެވެ. މީޑިއާތަކުން ބުނީ ޔޫޓިއުބާއި ޓިކްޓޮކް ކަހަލަ ފްރީ ޕްލެޓްފޯމްތަކާ ވާދަކުރެވޭ ވަރުގެ ގާބިލުކަން ނެތުމުން "ކްއިބީ" ދެމިއޮތުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެ އެވެ. އެހެންވެ ހުއްޓާލުން ގޮތެއް ނެތުމުން އެގޮތަށް ނިންމީ އެވެ.

"ކްއިބީ" އިން ބުނީ އެ އެޕް ވައިގައި ނުހިފި އެއް ސަބަބަކަށް އެ ނެރުނު ދަނޑިވަޅު ރަނގަޅުނުވުން ވެދާނެ ކަމަށެވެ. އަދި މިހާރު އެ ހުއްޓާލަން ނިންމާފައިވާތީ މި ވަގުތު ތިބި އޭގެ ސަބްސްކްރައިބަރުންނަށް އެ އެޕް އެއްކޮށް "ބަންދުވާނެ" ތާރީހު ނޮޓިފިކޭޝަނަކުން އަންގާނެ ކަމަށް ބުންޏެވެ.

"ކިއުބީ" ލޯންޗްކުރި އިރު އަމާޒަކަށްވެފައި އޮތީ ނެޓްފްލިކްސް އާއި ޑިޒްނީ+ ފަދަ ސްޓްރީމިން ޕްލެޓްފޯމްތަކާއި ޔޫޓިއުބާއި ޓިކްޓޮކް ފަދަ ސޯޝަލް ޕްލެޓްފޯމްތަކާ ވާދަކުރެވޭ ވަރުގެ އެއްޗަކަށް އެ ހެދުމެވެ.