Roadha Mihaaru
ވާހަކަ އެޕް "އޯލަ" މިހާރު ޑައުންލޯޑް ކުރެވޭނެ!

ކުޑަކުދިންގެ ވާހަކަ އެޕް "އޯލަ" މިހާރު ޑައުންލޯޑް ކުރެވޭނެ!

17 ޑިސެމްބަރ 2021

ކުޑަކުދިންގެ ހިތުގައި ދިވެހި ބަހަށް ލޯބި ޖައްސައި ދިވެހި ބަސް އުނގެނުމުގެ ޝައުގުވެރިކަން އިތުރު ކުރުމުގެ ގޮތުން "އޯލަ" ގެ ނަމުގައި ކުޑަކުދިންނަށް ހާއްސަ ވާހަކަ އެޕެއް މިއަދު ތައާރަފުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުޑަކުދިންގެ ހިތުގައި ދިވެހި ބަހަށް ލޯބި ޖައްސައި ދިވެހި ބަސް އުނގެނުމުގެ ޝައުގުވެރިކަން އިތުރު ކުރުމުގެ ގޮތުން "އޯލަ" ގެ ނަމުގައި ކުޑަކުދިންނަށް ހާއްސަ ވާހަކަ އެޕެއް މިއަދު ތައާރަފުކޮށްފި އެވެ.

އޯލަ މީޑިއާ ޕްރައިވެޑް ލިމިޓެޑުން އުފެއްދި މި އެޕް ތައާރަފުކުރީ، މިއަދު ހެނދުނު އިންސްޓަގްރާމް ލައިވް އިވެންޓެއްގައި، ތައުލީމީ ދާއިރާ އަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ އަހުމަދު ސައީދު (ގަހާ) އެވެ.

ދިވެހި ބަހުގެ ވާހަކަ ފޮތާއި މައުލޫމާތު ފޮތްތައް ކިޔާލަން ލިބޭނެ "އޯލަ އެޕް" އަކީ ކޮވިޑް-19 ގެ ފުރަތަމަ ކޭސް މާލެއިން ފެނި މާލެ ލޮކްޑައުނަކަށް ދިޔަ ދުވަސްވަރު، ދަރިފުޅު ދިވެހި ބަހަށް ފަރިތަކުރުމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިން، މި އެޕްގެ ފައުންޑާސް ކަމަށްވާ އަހްމަދު ފަހުދު (ފައުޑީ) އާއި އައިޝަތު ސަމާހަތު (މާ) ގެ ހިޔާލަކުން އުފަންވި މަސައްކަތެކެވެ.

ދިވެހި ވާހަކަ ފޮތާއި މައުލޫމާތު ފޮތްތައް ކިޔުން ތަފާތުކޮށްލާނެ މި އެޕްގެ މަސައްކަތް ކުރަމުން އަންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

މި އެޕްގައި އުމުރުން 7 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ވާހަކަތަކާއި މައުލޫމާތުގެ އިތުރުން އޯޑިއޯ އަދި ވީޑިއޯ ކޮންޓެންޓުތައް ވެސް ހިމެނެ އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ގަވާއިދުން އާ ވާހަކަތަކާ ތައުލީމީ ކޮންޓެންޓް އެޕަށް އިތުރުކުރަމުން ގެންދިއުން. މި އެޕް ވެގެންދާނީ ކުދިންނަށް ރައްކާތެރި އަދި ޝައުގުވެރި ދިވެހި ކޮންޓެންޓް އެކުދިންނަށް ގަވާއިދުން ލިބޭ އެޕަކަށް،" ފަހުދު ބުންޏެވެ.

އޭނާ ބުނީ މި އެޕްގެ ހިލޭ ލިބޭ ވާޝަން އަބަދު ވެސް އާންމުނަށް ލިބޭނެ ކަމަށާއި ނަމަވެސް އިތުރު ކޮންޓެންޓާ އެކު އެޕްގެ ޕްރިމިއާ ވާޝަންއެއް ވެސް ކައިރި މުސްތަގުބަލެއްގައި ލިބޭނެ ކަމަށެވެ.

އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ވެސް މިހާރު ޑައުންލޯޑް ކުރަން ލިބޭ މި އެޕް ޑިވެލޮޕްކޮށްފައި ވަނީ ލޫޕްކްރާފްޓުންނެވެ.