Roadha Mihaaru
ބޭނުންނުކުރާ އެޕްލިކޭޝަނެއް ފޯނުގައި އެބަ އިންތަ؟

ބޭނުންނުކުރާ ކިތައް އެޕްލިކޭޝަން ފޯނުގައި އެބަ އިންތަ؟

12 މެއި 2019

އަޖުމަބަލަން ފޯނަށް އަޅާ ކިތަންމެ އެޕްލިކޭޝަނެއް، ހަނދާންނެތި އެ ގޮތުގައި ދޫކޮށްލެވިފައި ހުރެ އެވެ. ފޯނުން ޖާގަ ހުސްވެދާނެ ކަމަށް ބިރުން، އެއިން އެޕްލިކޭޝަނެއް ފޮހެލާ ހިސާބަށް ނުދާތީ އެވެ. ފޯނުގައި ޖާގަ ނެތް ކަމަށް ބުނެ އިންޒާރީ މެސެޖެއް ނުލިބުމަކީ ވެސް އެ ގޮތުގައި ދެމިތިބެވޭ ސަބަބެކެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އަޖުމަބަލަން ފޯނަށް އަޅާ ކިތަންމެ އެޕްލިކޭޝަނެއް، ހަނދާންނެތި އެ ގޮތުގައި ދޫކޮށްލެވިފައި ހުރެ އެވެ. ފޯނުން ޖާގަ ހުސްވެދާނެ ކަމަށް ބިރުން، އެއިން އެޕްލިކޭޝަނެއް ފޮހެލާ ހިސާބަށް ނުދާތީ އެވެ. ފޯނުގައި ޖާގަ ނެތް ކަމަށް ބުނެ އިންޒާރީ މެސެޖެއް ނުލިބުމަކީ ވެސް އެ ގޮތުގައި ދެމިތިބެވޭ ސަބަބެކެވެ.

އެންޑްރޮއިޑް ޕޮލިސް ރިޕޯޓްކުރާ ގޮތުގައި، ގޫގުލް ޕްލޭ ސްޓޯރުން ފޮނުވާ ނޮޓިފިކޭޝަނެއް، އެންޑްރޮއިޑް ފޯނު ބޭނުންކުރާ ބައެއް މީހުންނަށް އެބަ ލިބެ އެވެ. ގޫގުލްގެ ކަންބޮޑުވުމަކީ ބޭނުންނުކޮށް ގިނަ ދުވަސްވެފައި ހުރި އެޕްލިކޭޝަންތައް ފޯނުގައި ގިނަވުމެވެ.

ފޯނަށް އަޅައި ހަނދާންނެތިފައި ހުރި އެޕްލިކޭޝަންތައް ފޮހެލުމުން ޖާގަ ހުސްވާނެ މިންވަރު ގޫގުލުން ބުނެދެ އެވެ. ފޯނު ބޭނުންކުރާ މީހުންނަށް ހަމަ ހަގީގަތުގައި ވެސް ޖާގައިގެ ދަތިކަން ދިމާވެފައި ވާ ނަމަ، ގޫގުލުން ބުނާ އެއްޗެއް އަޑުއަހާލަން ޖެހޭނެ އެވެ. ފޯނު ހިނގާލެއް ތަންކޮޅެއް ހަލުއިވެދާނެ އެވެ.

ޖާގައިދެ ދަތިކަން ދިމާނުވި ނަމަވެސް، ބޭނުންނުކުރާ އެންމެ އެޕްލިކޭޝަނެއް ވެސް ބަހައްޓާނެ ކަމެއް ނެތެވެ. އެޕްލިކޭޝަން ސްޓޯރުތަކުން ހިލޭ ލިބޭ ގިނަ އެޕްލިކޭޝަން ހުންނަނީ އެ އެޕްލިކޭޝަނެއް އުފައްދާ ބަޔަކު ޝައުގުވެރިވާ މައުލޫމާތެއް ނަމަ، ލިބިގަަނެވޭ ގޮތަށެވެ. އެ ގޮތުގައި ފޯނު ބޭނުންކުރާ މީހާ ކުރާހާ ކަމެއް، ބައެއް އެޕްލިކޭޝަންތަކުން ލޮގް ވެސް ކުރެ އެވެ.

އެޕްލިކޭޝަންތައް ގިނަވުމަކީ ބެޓެރީ ހުލިވުމަށް ވެސް އޮތް ފުރުސަތެކެވެ. ގޫގުލުން މިހާރު އެންޑްރޮއިޑް އިންޖިނައާކުރަނީ، ބޭނުންނުކޮށް ގިނަ ދުވަސްވާ އެޕްލިކޭޝަންތައް ނިންދަވާލާ ގޮތަށެވެ. އެހެން ނަމަވެސް އެ އެޕްލިކޭޝަނެއް ދެމިއޮތުމަށް ހަކަތައިގެ މިންވަރަކަށް ބޭނުންޖެހިދާނެ އެވެ. އެ ގޮތުގައި ޖުމުލަކޮށް ހުރިހާ އެޕްލިކޭޝަނަކަށް ބޭނުންޖެހޭ މިންވަރު، ދުވާލަކަށް ބަލާއިރު އެނގުންވާ މިންވަރަކަށް ވުން ވެސް އެކަށީގެންވެ އެވެ.

ތިޔަ ބޭނުންކުރާ ފޯނުގައި، ކޮންމެހެން ވެސް ފޮހެލަން އެދޭ އެޕްލިކޭޝަނެއް އިންތޯ ބެލުމަށް ގޫގުލުން ފޮނުވާ ނޮޓިފިކޭޝަން ލިބެންދެން ހުންނާނެ ކަމެއް ނެތެވެ. ގޫގުލް ޕްލޭ އަށް ވަދެ، "މައި އެޕްސް އެންޑް ގޭމްސް" އަށް ފިތާލާށެވެ. އެ އަށް ފަހު "އިންސްޓޯލްޑް" އަށް އަދި ވާތް ފަރާތުން އެ ފެންނަ ތިން ރޮނގަށް ފިތާލާށެވެ. ބޭނުން ނެތް އެޕްލިކޭޝަނެއް ނަމަ ދެން އަވަހަށް ފޮހެލާށެވެ.