Roadha Mihaaru
ފްލޮރިޑާގައި ސްވޯން ގިނަވެ ވިއްކަން ފަށައިފި

ފްލޮރިޑާގައި ސްވޯން ގިނަވެ ވިއްކަން ފަށައިފި

19 އޮކްޓޯބަރ 2020

އިނގިރޭސި ރާނީ ހަދިޔާއެއްގެ ގޮތުގައި އެމެރިކާގެ ފްލޮރިޑާ އަށް ދެއްވި ސްވޯންގެ އާބާދީ މިހާރު މާ ބޮޑަށް އިތުރުވެފައި ވާތީ އޭގެ ދޫނި ވިއްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސި ރާނީ ހަދިޔާއެއްގެ ގޮތުގައި އެމެރިކާގެ ފްލޮރިޑާ އަށް ދެއްވި ސްވޯންގެ އާބާދީ މިހާރު މާ ބޮޑަށް އިތުރުވެފައި ވާތީ އޭގެ ދޫނި ވިއްކަން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ ރާނީ އެލިޒަބަތު މީގެ 60 އަހަރު ކުރިން ހަދިޔާކުރެއްވި ސްވޯން ޖޯޑުގެ ސަބަބުން ފްލޮރިޑާގެ ލޭކްލޭންޑް ސިޓީގައި ސްވޯންގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެކަމާ ހުރެ ސްވޯން ވެފައި ވަނީ ވެސް ފްލޮރިޑާގެ މަޝްހޫރު ސިޓީ ޓަމްޕާގެ އިރުމަތިން އޮންނަ ލޭކްލޭންޑްގެ "ސިގްނޭޗާ" އެއްޗަކަށެވެ.

އިނގިރޭސި ދަރިކޮޅުގެ ގިނަ ބަޔަކު ދިރިއުޅޭ ލޭކްލޭންޑަށް ރާނީ މީގެ ސްވޯން ހަދިޔާކުރެއްވީ 1950 ގެ ތެރޭގައި ކިނބުލާއި ކުއްތާތަކުގެ ޝިކާރައަކަށް އެ ދޫނީގެ އާބާދީވެ ވަރަށް ބޮޑަށް މަދުވާން ފެށުމުން އެތަނުގެ ކަމާބެހޭ ފަރާތްތަކުން ރާނީގެ އަރިހުގައި އެހީއަކަށް އެދުމުންނެވެ. އެހެންވެ ރާނީ "ޝާހީ ސްވޯން" ޖޯޑެއް ލޭކްލޭންޑަށް ފޮނުއްވީ ފެބްރުއަރީ 7، 1957 ގަ އެވެ.

ފްލޮރިޑާގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ބުނީ ސްވޯންގެ އާބާދީ "މާ ބޮޑަށް" އިތުރުވެފައިވާތީ ވިއްކަން ފެށި ފަހުން މިހާރު ލޭކްލޭންޑްގައި ތިބީ 86 ސްވޯން ކަމަށެވެ. އަމާޒަކީ އަދަދު 50 އަށް މަދުކުރުމެވެ. މިތަނުން ސްވޯން ޖޯޑެއް ވިއްކަނީ 400 ޑޮލަރު (6,160ރ.) އަށެވެ.

ލޭކްލޭންޑް ސިޓީގެ ތަރުޖަމާނު މީޑިއާތަކަށް ވިދާޅުވީ ސްވޯންގެ އަދަދު މަދުކުރަން ނިންމައި ވިއްކަން ފެށި މައިގަނޑު ސަބަބަކީ އެ ސިޓީގައި އުޅޭ އެހެން ދޫނިތަކުގެ އާބާދީތަކާއި ސްވޯންގެ އާބާދީ ބެލެންސްކުރުން ކަމަށެވެ.

ފެންގަނޑެއްގައި އޮތް ސްވޯންއެއް.

ފެންގަނޑެއްގައި އޮތް ސްވޯންއެއް.

"މިހާރު ވެސް މިތަނުގައި ފުދޭވަރަކަށް އަސްދޫނީގެ އިތުރު އެހެން ވައްތަރުތައް ވެސް އެބައުޅޭ. އެކަމަކު ސްވޯންގެ އަދަދު ސިޓީގެ ނިސްބަތުން މިހާރު މާ ބޮޑަށް އިތުރު ކަމަށް ފެންނާތީ މަދުކުރަން ނިންމައި ވިއްކަން ފެށީ،" އޭނާ ވިދާޅުވި އެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި ސްވޯން ވިއްކަން ފެށުމާ އެކު ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެހެންވެ އެ ގަތުމުގެ ފުރުސަތު ލިބެނީ ދުރާލައި ނަން ރަޖިސްޓްރީކޮށްގެންން ގުރުއަތުލައިގެން ހޮވޭ ބަޔަކަށެވެ.

ސްވޯން ވިއްކައިގެން ލިބޭ ފައިސާ ދާނީ އެ ދޫނި ބަލަހައްޓަން ހިންގާ "ސްވޯން ފަންޑް" އަށެވެ.