Roadha Mihaaru
އެމެރިކާގެ އެކި ހިސާބުން "ތޮފި އެޅި" ކޮތަރު ފެންނަނީ

އެމެރިކާގެ އެކި ހިސާބުން "ތޮފި އެޅި" ކޮތަރު ފެންނަނީ

12 ޑިސެމްބަރ 2019

އެމެރިކާގެ ލަސް ވެގަސްގެ އެކި ހިސާބުތަކުން މި ދުވަސްކޮޅު "ތޮފިއެޅި" ކޮތަރުތަކެއް ފެންނާތީ، ދޫނިތަކުގެ ހިމާޔަތަށް މަސައްކަތްކުރާ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ލަސް ވެގަސްގެ އެކި ހިސާބުތަކުން މި ދުވަސްކޮޅު "ތޮފިއެޅި" ކޮތަރުތަކެއް ފެންނާތީ، ދޫނިތަކުގެ ހިމާޔަތަށް މަސައްކަތްކުރާ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

"ތޮފިއެޅި" ކޮތަރު ފެނިގެން ބައެއް މީހުން އޭގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް ވީޑިއާތަކުގައި ފެންނަނީ ކުޑަކުޑަ ތޮއްޕެއް ކަހަލަ ރަތް ކުލައިގެ އެއްޗެއް ކޮތަރުގެ ބޯމަތީގައި އޮއްވަ އެވެ.

މިކަމާ ކަންބޮޑުވުން ފާޅުކުރަމުން ކޮތަރުގެ ހިމާޔަތަށް މަސައްކަތްކުރާ ލޮފްޓީ ހޯޕްސްގެ އެއް ބާނީ މާރިއާ ހިލްމަން ސީއެންއެން އަށް ވިދާޅުވީ ލަސް ވެގަސްގެ ހިސާބުތަކުން އެ މީހުންނަށް ވެސް "ތޮފިއެޅި" ކޮތަރުތަކެއް ފެނިގެން އެ އެއްޗެހި އެއިން ސަލާމަތްކޮށްފައިވާ ކަމަށެވެ.

"މިއީ ކިހިނެއް ދިމާވި ކަމެއް ކަމެއް ނޭނގޭ. އެކަމަކު މީގެ ސަބަބުން ކޮތަރުތަކަށް ގެއްލުން ލިބެމުންދާތީ ކަންބޮޑުވޭ." އޭނާ ވިދާޅުވި އެވެ.

މާރިއާ ވިދާޅުވި ގޮތުގައި މިއީ ކުނިބުނީގެ ތެރެއިން ކޮތަރުތަކަށް ބޮލުގައި ފުޅިފަދަ އެއްޗެހީގެ މަތިގަނޑު ބޮލުގައި ތަތްލައިގެން ދިމާވި ގޮތެއް ކަމަށް ވެދާނެ އެވެ.

"އަހަރެމެންނަށް ފެނުނު އެއްޗެހި ހިފައިގެން އެ އެއްޗެހި ނެއްޓި އިރު، ބޮލުގައި ތަތްލާފައި ހުރީ. އަދި އޭގެ ސަބަބުން ކޮތަރުގެ ބޮލުގެ ފަތްކޮޅު ވެސް އުފުރިގެން ގޮސްފައިވޭ،" އޭނާ ވިދާޅުވި އެވެ.