Roadha Mihaaru
ލިވަޕޫލް-އެވަޓަން އެއްވަރު، ޗެލްސީ ފުރުސަތު ނަގާލައިފި

ލިވަޕޫލާއި އެވަޓަން އެއްވަރު، ޗެލްސީ ފުރުސަތު ނަގާލައިފި

17 އޮކްޓޯބަރ 2020

ލިވަޕޫލް (އޮކްޓޫބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި އެވަޓަން ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު، އަމިއްލަ ދަނޑުގައި ޗެލްސީ ކުޅުނު މެޗުން ފަހު ވަގުތު ސައުތެމްޓަނާ 3-3 އިން އެއްވަރުވެ ލީގުގެ ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

ލިވަޕޫލް (އޮކްޓޫބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި އެވަޓަން ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު، އަމިއްލަ ދަނޑުގައި ޗެލްސީ ކުޅުނު މެޗުން ފަހު ވަގުތު ސައުތެމްޓަނާ 3-3 އިން އެއްވަރުވެ ލީގުގެ ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

ލީގުގެ އެއް ވަަނައިގައި އެވަޓަން އޮތީ ބަލިނުވެ ފަސް މެޗުން ހޯދި 13 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އޮތީ 10 ޕޮއިންޓާ އެކު އެވެ. މިރޭ މޮޅުވިނަމަ ޗެލްސީ އަށް ދެ ވަނަ އަށް އެރުމުގެ ފުރުސަތު އޮތެވެ. އެކަމަކު ފަސް މެޗުން ލިބުނު އަށް ޕޮއިންޓާ އެކު އެ ޓީމު އޮތީ ހަ ވަނައިގަ އެވެ. މި ހަފްތާގެ ހުރިހާ މެޗެއް ކުޅެ ނިމޭއިރު ލިވަޕޫލާއި ޗެލްސީގެ މަގާމުތަކަށް ބަދަލު އައުމުގެ ފުރުސަތު ބޮޑެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި ކުޅުނު މެޗުގެ ތިން ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިިދިނީ ސަޑިއޯ މާނޭ އެވެ. މެޗުގައި ލިވަޕޫލަށް މައްސަލަ ދިމާވީ ލީޑުނެގިތާ އިރުކޮޅެއް ފަހުން އެ ޓީމުގެ މުހިއްމު ޑިފެންޑަރު ވާޖިލް ވެން ޑައިކަށް އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ވެން ޑައިކް ބަދަލުކުރަން ޖެހުމުންނެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިނަމަވެސް ޕިކްފޯޑަށް ކާޑެއް ނުދައްކަ އެވެ.

މެޗުގެ 19 ވަނަ މިނިޓްގައި އެވަޓަން އަށް ފުރަތަމަ ފަހަރަށް އެއްވަރުކޮށްދިނީ މައިކަލް ކީން އެވެ. ކޯނަރަކުން ހަމޭސް ރޮޑްރިގޭޒް ނެގި ބޯޅަ ކީން ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ދެ ވަނަ ހާފްގައި އެވަޓަންގެ ރިޗާލިސަން އެ ޓީމަށް ލީޑުނަގައިދޭން ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެވަޓަންގެ ޔެރީ މިނާ ހެދި ގޯހެއްގެ ފައިދާނަގައި މެޗުގެ 72 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިިދިނީ މުހައްމަދު ސަލާހް އެވެ. މިއީ ސަލާހް ލިވަޕޫލަށް ޖަހައިދިން 100 ވަނަ ގޯލެވެ.

އެވަޓަން އަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ މެޗުގެ 81 ވަނަ މިނިޓްގައި ޑޮމިނިކް ކަލްވެޓް-ލެވިން އެވެ. އޭނާ މި ގޯލު ޖެހީ އޭރިއާ ތެރެއިން ބޮލުންނެވެ. އެވަޓަން އަށް މައްސަލަ ދިމާވީ މެޗުގެ 90 ވަނަ މިނިޓްގައި ރިޗާލިސަން އަށް ރަތް ކާޑު ދެއްކުމުންނެވެ. އެވަޓަން އިން ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ލިވަޕޫލުން އިތުރުވަގުތުގައި ލަނޑެއް ޖެހި އެވެ. ކެޕްޓަން ޖޯޑަން ހެންޑަސަން ޖެހި މި ގޯލު ބަަލައިނުގަންނަން ނިންމީ ގޯލު ޖަހަން ފުރުސަތުތަނަވަސްކޮށްދިން މާނޭ އޮފްސައިޑްކަމަށް ނިންމުމަށް ފަހު އެވެ. އެ ގޮތަށް ނިންމީ ވީއޭއާރް އިން ބަލައިފަ އެވެ.

މި ނަތީޖާއާ އެކު 10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލިވަޕޫލް ބަލިކުރަން ނުކުތް އެވަޓަން އިން އެކަން ހާސިލްކުރަން އިތުރު އިންތިޒާރެއް ވަނީ ކުރަން ޖެހިފަ އެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އެންމެ ފަހުން އެސްޓަން ވިލާ އަތުންވި ބޮޑު ބައްޔަށް ފަހު މި މެޗުގައި ލިވަޕޫލުން ތަފާތު މޮޅަށް ކުޅުނު ކަމަށާއި ހެންޑަސަން ޖެހި ގޯލު އޮފްސައިޑްވީ ގޮތެއް ބުނެދޭން ނޭނގޭ ކަމަށެވެ.

ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ވާނާ (ކ) އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ވާނާ (ކ) އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި އެ ޓީމުން ވަނީ ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ ޖެހި ދެ ގޯލާ އެކު 28 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެކަމަކު ޗެލްސީ މެދުތެރެއިން ގެއްލުނު ބޯޅައެއް ހޯދައި ފުރަތަމަ ހާފް ނިމުމުގެ ކުރިން ސައުތެމްޓަންގެ ޑެނީ އިންގްސް ވަނީ ގޯލެއް ޖަހައި އެ ޓީމަށް އުއްމީދެއް ހޯދައިދީފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން 12 މިނިޓް ތެރޭ ސައުތެމްޓަން އަށް އެއްވަރުކޮށްދިނީ ޗޭ އެޑަމްސް އެވެ. މިއީ ޗެލްސީގެ ސްޕެއިން ގޯލްކީޕަރު ކެޕާ އަރިއްޒަބަލާ ހެދި ގޯހެއްގެ ފައިދާނަގައި އެޑަމްސް ޖެހި ގޯލެކެވެ. ކެޕާ މި މެޗުގައި ކުޅުނީ ޗެލްސީން ގެނައި ސެނެގޯލްގެ ކީޕަރު އެޑޮއާޑް މެންޑީ އަނިޔާގައި ހުރުމުންނެވެ.

ސައުތެމްޓަން އިން އެއްވަރުކުރިތާ ދެ މިނިޓް ތެރޭ ވާނާ ދިން ބޯޅައަކުން ކައި ހަވާޓްޒް ވަނީ ޗެލްސީ އަށް އަލުން ލީޑުނަގައިދީފަ އެވެ. ސައުތެމްޓަން އިން އެއްވަރުކުރީ އިތުރު ވަގުތުގައި ޑެންމާކުގެ ޑިފެންޑަރު ޔަނިކް ވެސްޓެގާޑް ޖެހި ގޯލުންނެވެ. އޭނާ މި ގޯލު ޖެހީ ތިއޯ ވޮލްކޮޓް ޖެހި ޝޮޓެއްގައި ބޮލުން ބޯޅަ ގޯލުގެ ތެރެއަަށް ފޮނުވާލައިގެންނެވެ.

ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ މި މެޗަކީ އެ ޓީމުން މި ސީޒަނުގައި އެންމެ ރަނގަޅަށް އެޓޭކްގައި ކުޅުނު މެޗު ކަމަށް ވާނެކަމަށާއި އެކަމަކު އަނެއްކާ ވެސް މައްސަލަ ދިމާވީ ބޮޑެތި ގޯސްތަކެއް ހެދިގެން ބައިކޮޅަށް ވަން ގޯލުތަކެއްގެ ސަބަބުން ކަމަށެވެ.