Roadha Mihaaru
22 މިލިއަން ޑޮލަރުގެ ހުކުމުގެ ތަންފީޒު ހުއްޓުވައިފި

ޔޮޓް ޓުއާސްއަށް 22 މިލިއަން ޑޮލަރު ދޭން ކުރި ހުކުމް ތަންފީޒު ކުރުން ފަސްކުރަން އަމުރުކޮށްފި

15 އޮކްޓޯބަރ 2020

ޔޮޓް ޓުއާސް އަށް 22.7 މިލިއަން ޑޮލަރު (350 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޔޮޓް ޓުއާސް އަށް 22.7 މިލިއަން ޑޮލަރު (350 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުންޏަށް 22 މިލިއަން ޑޮލަރު ހަ މަސް ތެރޭގައި ދައްކަން އެލައިޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ ޔޮޓް ޓުއާސް އިން ކުރިން ހިިންގި ހއ. އަލިދޫ ރިސޯޓަށް 2014 ވަނަ އަހަރު ލިބުނު ގެއްލުންތަކެއްގެ އިންޝުއަރެންސްގެ ގޮތުގަ އެވެ. އެ މައްސަލަ އެލައިޑްގެ ފަރާތުން އިސްތިއުނާފްކޮށް، އަދި އެ މައްސަލަ ނިމެންދެން ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ފަސް ކުރުމުގެ އަމުރަކަށް އެލައިޑުން ހައި ކޯޓުގައި އޮތީ ކުރިން އެދިފަ އެވެ.

ހައި ކޯޓުން މިރޭ ނެރުނު އަމުރުގައިވަނީ އެލައިޑާ އެއްކޮޅަށް ހައި ކޯޓުން މައްސަލަ ނިމޭ ހާލަތެއްގައި އެލައިޑުން ޔޮޓް ޓުއާސްއަށް ދެއްކި 22.7 މިލިއަން ޑޮލަރު އަނބުރާ އެ ކުންފުންޏަށް ނުލިބުމުގެ ފުރުސަތު ބޮޑު ކަމަށް އެލައިޑުން ބުނާ ކަމަށެވެ. އެފަދަ ހާލަތެއްގައި ހައި ކޯޓުގެ ހުކުމް އަގެއް ނެތް އެއްޗަކަށް ވެގެން ހިނގައިދާނެ ކަމަށާއި އަދި އެކަމާ ގުޅިގެން ޔޮޓް ޓުއާސް އިން ވަކި އެއްޗެއް ބުނެފައި ނެތް ކަމަށް ވެސް އެ އަމުރުގައިވެ އެވެ.

އެހެންވެ، އެ މައްސަލަ ހައި ކޯޓުން ނިމެންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން އަންގާ ކަމަށް އެ އަމުރުގައިވެ އެވެ.

ހައި ކޯޓުގެ އަމުރު

އެކަމަކު އެލައިޑްގެ ފަރާތުން އެ އަމުރަށް އެދި ދެން ފާހަގަކުރި ސަބަބުތަކަކީ ޚާއްސަ ކަންތައްތަކެއް ކަމަށް ނުބެލެވޭ ކަމަށް އެ އަމުރުގައިވެ އެވެ. އެއީ ވިޔަފާރިއަށް ގެއްލުންވުމާއި ކަސްޓަމަރުން ގެއްލުމުގެ ބިރާއި އެހެން ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކިދާނެ ކަމަށް އެލައިޑުން ބުނާ ބުނުމެވެ.