Roadha Mihaaru
22 މިލިއަން ޑޮލަރުގެ މައްސަލައިގައި ވަގުތީ އަމުރަކަށް

22 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް އެލައިޑުން އެދިއްޖެ

11 އޮކްޓޯބަރ 2020

ޔޮޓް ޓުއާސްއަށް 22 މިލިއަން ޑޮލަރު (340 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސް މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކޮށްފި ނަަމަ އެލައިޑްގެ ވިޔަފާރިއަށް ބުރޫއަރައި، ހުއްޓިދާނެކަމުގެ ބިރު އެބަ އޮތް ކަމަށް ބުނެ، ހައި ކޯޓުގައި އެލައިޑުން ވަގުތީ އަމުރަކަށް މިއަދު އެދިއްޖެ އެވެ.

ޔޮޓް ޓުއާސްއަށް 22 މިލިއަން ޑޮލަރު (340 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސް މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކޮށްފި ނަަމަ އެލައިޑްގެ ވިޔަފާރިއަށް ބުރޫއަރައި، ހުއްޓިދާނެކަމުގެ ބިރު އެބަ އޮތް ކަމަށް ބުނެ، ހައި ކޯޓުގައި އެލައިޑުން ވަގުތީ އަމުރަކަށް މިއަދު އެދިއްޖެ އެވެ.

ހއ. އަލިދޫ ރިސޯޓަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެލައިޑާ ދެކޮޅަށް ޔޮޓް ޓުއާސް އިން ސިވިލް ކޯޓަށް ހުށައެޅި މައްސަލާގައި، މި އަހަރުގެ ޖުލައި މަހު އެ ކޯޓުން ހުކުމްކުރީ ހަ މަސް ތެރޭގައި އެ ފައިސާ ދައްކާށެވެ. އެގޮތުން މަހަކު 3.7 މިލިއަން ޑޮލަރު (57 މިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ.

އެކަމަކު އެލައިޑުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. މިއަދު އޮތީ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުމެވެ. އެެހެންކަމުން އެ އަޑުއެހުމުގައި އެލައިޑުން ވަނީ، ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެދިފަ އެވެ.

އެލައިޑްގެ ވަކީލް އަހުމަދު މުއިއްޒު ވަނީ ދަށު ކޯޓުގެ ހުކުމް ތަންފީޒުކުރަން އެލައިޑާ ދެކޮޅަށް އަޅާ ފިޔަވަޅަކުން ރާއްޖޭގެ މުޅި އިންޝުއަރެންސްގެ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކާއި ގެއްލުންތަކެއް ލިބިދާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަރަނި ތަންފީޒުކުރުމުގެ މައްސަލަތަކުގައި އަމަލުކުރާ އާންމު އުސޫލަކީ އެ ކުންފުންޏެއްގެ އެކައުންޓްތައް ފްރީޒުކުރުން ކަމަށް ވާތީ، އެފަދަ ފިޔަވަޅެއް އެލައިޑާ ދެކޮޅަށް އެޅުމަކީ ރާއްޖޭގައި އެންމެ ފުޅާކޮށް އިންޝުއަރެންސްގެ ވިޔަފާރި ހިންގާ ކުންފުންޏަށް ކުރިމަތިވާނެ ވަރަށް ބޮޑު ބުރުލެއްގެ އިތުރުން، "ވިޔަފާރި ހުއްޓިދާނެ" ކަމެކެވެ.

"ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތައް ހުއްޓި، ކަސްޓަމަރުންގެ ހައްގުތައް ވެސް ގެއްލިގެން ދާނެ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންޝުއަރެންސްގެ ވިޔަފާރި ބިނާވަނީ ރީއިންޝުރެންސްގެ އިތުުބާރުގެ މައްޗަށް ކަމަށް ވާތީ، އެލައިޑްގެ ހުކުމް ތަންފީޒުކުރަން ސިވިލް ކޯޓުން އަމުރެއް ކޮށްފި ނަމަ ރީއިންޝުއަރެންސް ކުންފުނިތަކުން އެލައިޑް ބްލެކް ލިސްޓު ކުރުމުގެ ފުރުސަތު ވެސް އޮތް އެބަ އޮތެވެ.

"ކުރިއަށް އޮތް ތަނުގައި ރީއިންޝުއަރެންސް ވިޔަފާރިކުރުމުގެ ފުރުސަތު ގެއްލިގެން ދިއުން ވެސް ހިމެނޭ،" ހުކުމް ތަންފީޒުކުރަން، ސިވިލް ކޯޓުން އަމުރެއް ނެރެފި ނަމަ ކުރިމަތިވެދާނެ ގެއްލުންތަކާ މެދު ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.

އެފަދަ ފިޔަވަޅެއް ސިވިލް ކޯޓުން އަޅާފާނެތީ، އެކަން ހުއްޓުވައިދޭން ހައި ކޯޓުގެ އަމުރަކަށް އެލައިޑުން އެދުނު އިރު ޔޮޓް ޓްއާސްގެ ވަކީލް މުހައްމަދު ޝިފާޒް ދެއްކެވި ވާހަކަ މުޅިން ތަފާތެވެ. އޭނާ ވިދާޅުވީ ސިވިލް ކޯޓުގެ ހުކުމެއް ހައި ކޯޓުގައި އިސްތިއުނާފްކޮށްފި ނަމަ، މިހާތަނަށް ސިވިލް ކޯޓުން ކަން ކުރަމުން އަންނަނީ، އެ ކޯޓުގެ ހުކުމްތައް ތަންފީޒުކުރުން މަޑުޖައްސާލުމުގެ އުސޫލެއް ކަމަށެވެ. އެހެންކަމުން އެލައިޑުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން، ސިވިލް ކޯޓުން އެ ކޯޓުގެ ހުކުމް ތަންފީޒުކުރަން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހުކުމް "ތަންފީޒުކުރުމުގެ އެއްވެސް އިޖުރާއަތެއް ކުރިއަށް ގެންގޮސްފައެއް ނުވޭ. އެއްވެސް ފިޔަވަޅެއް ނެތް،" ޝިފާޒް ވިދާޅުވި އެވެ.

އަލިދޫ ރިސޯޓު: ޔޮޓް ޓުއާސް އިން ސިވިލް ކޯޓަށް މައްސަލަ އެ ކުންފުންޏާ އެއްކޮޅަށް ނިންމިޔަސް އެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި.

އަލިދޫ ރިސޯޓު: ޔޮޓް ޓުއާސް އިން ސިވިލް ކޯޓަށް މައްސަލަ އެ ކުންފުންޏާ އެއްކޮޅަށް ނިންމިޔަސް އެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި.

އެހެންކަމުން އޭނާ ވިދާޅުވީ ހައި ކޯޓުން އެކަމަށް އަމުރެއް ނެރެން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.

އެ ވާހަކައަށް ރައްދު ދެއްވަމުން، އެލައިޑްގެ އެހެން ވަކީލެއް ކަމަށްވާ މުހައްމަދު ޝަފީއު ވިދާޅުވީ ބައެއް ހުކުމްތައް ހައި ކޯޓުގައި އިސްތިއުނާފު ކުރިޔަސް، ދަށު ކޯޓުތަކުން އެ ކޯޓުތަކުގެ ހުކުމްތައް ތަންފީޒުކުރުމުގެ ފިޔަވަޅު އަޅާފައި ހުރި ކަމަށެވެ. އަދި އެލައިޑާ ދެކޮޅަށް ކޮށްފައިވާ ހުކުމް ތަންފީޒުކޮށްދޭން އެދި ޔޮޓް ޓުއާސް އިން ފޮނުވާފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ކަމަށް ވެސް، ހައި ކޯޓުގެ އަމުރެއް ބޭނުންވާ ސަބަބެއްގެ ގޮތުގައި، އޭނާ ފާހަގަކުރެއްވި އެވެ.

އޮގަސްޓް 23 ގައި ޔޮޓް ޓުއާސް އިން ވަނީ ސިވިލް ކޯޓަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި ބުނީ ފުރަތަމަ މަހު ދައްކަން ޖެހޭ 3.7 މިލިއަން ޑޮލަރު ދައްކާފައި ނުވާތީ، އެލައިޑުން ހުކުމާ ހިލާފު ވެއްޖެ ކަމަށެވެ. އެހެންކަމުން ސިޓީގައި އެދުނީ ހުކުމް ތަންފީޒުކޮށްދޭން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށެވެ.

ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލާ މައްސަލާގައި ޝަފީއު ވިދާޅުވީ އެލައިޑްގެ އެކައުންޓްތައް ފްރީޒްކުރަން ޔޮޓް ޓްއާސްއިން އާންމުކޮށް އެދޭ ކަމަށެވެ.

"އެހެންވީމާ މިހާރު ވެސް އެކަން އެގޮތަށް ކުރުމަކީ ވަރަށް ގާތުގައި އޮތް ކަމެއް. އެކަމުގެ ބިރު އޮތުމުން އެ ލައިޑަށް [އަމުރެއް ހޯދުމުގެ އާޖެންސީ އޮތީ]،" ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެލައިޑަކީ މުދާކޮޅު ވިއްކާލައިފައި ފައިސާތައް ހިފައިގެން ފިލައިގެން ދާ ވަރަށް ވުރެ ބޮޑު، އަދި އެމްއެމްއޭ ކަހަލަ މާލީ އިދާރާތައް ބަލަހައްޓާ މުއައްސަސާއެއްގެ ގަވާއިދުތަކާއި އުސޫލުތަކަށް ވެސް ހިންގާ ކުންފުންޏެކެވެ.

ހައި ކޯޓުގެ "އަމުރެއް ނުނެރެފި ނަމަ ލިބޭނެ ގެއްލުން ބޮޑު. [އެކަމަކު] އިސްތިއުނާފް ނިމެންދެން ހުކުމް ތަންފީޒުކުރުން ފަސްކުރިޔަސް ޔޮޓް ޓްއާސްއަށް ލިބޭނެ އެއްވެސް ގެއްލުމެއް [ނެތް]،" ޝަފީއު ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ބެންޗުން ބުނީ ވަގުތީ އަމުރާ މެދު ނިންމާ ގޮތެއް ދެ ފަރާތަށް ވެސް އަންގާނެ ކަމަށެވެ.