Roadha Mihaaru
ޕެނަލްޓީ ޖަހައިގެން ބީޖީ ބަލިކޮށް ނިއު ސެމީ އަށް

ޕެނަލްޓީ ޖަހައިގެން ބީޖީ ބަލިކޮށް ނިއު ސެމީ އަށް

31 އޮކްޓޯބަރ 2016

ޕެނަލްޓީ ޖަހައިގެން ބީޖީ ސްޕޯޓްސް ކްލަބް 4-3 އިން ބަލިކޮށް ނިއު ރޭޑިއަންޓް އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެނަލްޓީ ޖަހައިގެން ބީޖީ ސްޕޯޓްސް ކްލަބް 4-3 އިން ބަލިކޮށް ނިއު ރޭޑިއަންޓް އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އަކީ 1-1 އެވެ. ޕެނަލްޓީ ޖަހައިގެން ނިއު މޮޅުވީ އެ ޓީމުން ފޮނުވާލި ހަ ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. ބީޖީ ބަލިވީ އެ ޓީމުން ފޮނުވާލި ހަ ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބު ނުކުރެވުމުންނެވެ. ބީޖީގެ ހަތަރު ޕެނަލްޓީ ވެސް ނިއުގެ ޖަޕާން ކީޕަރު ޖުން ކޯޗީ ވަނީ މަތަކޮށްފަ އެވެ. ނިއު މޮޅުވި ޕެނަލްޓީ ފޮނުވާލީ އަހުމަދު ސުހެއިލް (ބަމްޕުޗު) އެވެ.

މި ފަހަރުގެ އުރީދޫ ޕްރިމިއާ ލީގުގައި މި ދެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އަނެއް މެޗުން ބީޖީ ވަނީ 2-0 އިން ނިއު ބަލިކޮށްފަ އެވެ. އެހެން ކަމުން މިރޭގެ މެޗަށް ނުކުތްއިރު ވެސް ބީޖީ އަށް ކޮންމެސް ވަރެއްގެ އެޑްވާންޓޭޖެއް އޮތެވެ.

މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި ބީޖީން ވަނީ ލީޑު ނަގައިފަ އެވެ. މެޗުގެ ދެ ވަނަ މިނިޓްގައި ނިއުގެ އޭރިއާ ތެރެއިން ބީޖީގެ ލަނޑު ކާމިޔާބުކުރީ މުހައްމަދު ނިޒާމް އެވެ. އެ ބޯޅަ މަތަކުރަން ނިއުގެ ޖަޕާން ކީޕަރު ޖުން ކޯޗީ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ބީޖީން ލީޑު ނެގުމުން ނިއު އިން ކުރިއަށް ޖެހިގެން ލަނޑު ޖަހަން ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތްކުރި އެވެ. މި ގޮތުން އެ ޓީމުގެ ބަމްޕުޗު އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި އިއްޒަތު އަބްދުލް ބާރީ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އިއްޒަތާއި ހަމްޕު ފޮނުވާލި ބޯޅަތައް ގޯލާ ސީދާނުވެ ދިޔައިރު، ބީޖީ އޭރިއާ ތެރެއިން ހުސްކޮށް ހުރެ ބަމްޕުޗު ބޮލުން ފޮނުވާލި ބޯޅަ ބީޖީގެ ޕާކިސްތާން ކީޕަރު ހަނިފް ސާގިބް ވަނީ މަތަކޮށްފަ އެވެ.

ލީޑު ނެގުމާ އެކު ބީޖީގެ ކުޅުން ލަސްކޮށް ފެނުނު ނަމަވެސް އިތުރު ލަނޑެއް ޖަހަން އެ ޓީމަށް ފުރުސަތުތަކެއް ލިބުނެވެ. މިގޮތުން އެ ޓީމުގެ ބިދޭސީ ފޯވާޑް ކިންގްސްލީ އެލެޗީ އާއި މިޑްފީލްޑަރު އިބްރާހިމް ރަޝީދު ވަނީ ދެ ހަމަލާ ފޮނުވާލައިފަ އެވެ. ނިއު ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ކިންގްސްލީ ފޮނުވާލި ބޯޅަ ހުރަސް ދަނޑިމަތިން ދިޔައިރު، ރަޝީދު ފޮނުވާލި ބޯޅައިގައި ބާރެއް ނެތުމުން ނިއު ކީޕަރު ކޯޗީ ވަނީ ފަސޭހަކަމާ އެކު އަތަށް ނަގައިފަ އެވެ.

ބީޖީގެ ސާބިގް (ކ) ކައިރިން ނިއުގެ ހަމްޕު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބީޖީގެ ސާބިގް (ކ) ކައިރިން ނިއުގެ ހަމްޕު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފް ފަށައިގެން ނިއު އިން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. އެ ޓީމުން ވަނީ މެޗުގެ 56 ވަނަ މިނިޓްގައި އަބްދުﷲ ހަނީފް (ބެންޖޯ)ގެ ލަނޑުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. ބީޖީ ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ހަމްޕު ފޮނުވާލި ބޯޅަ ބީޖީ ކުޅުންތެރިއަކު ގައިގައި ޖެހިފައި ލިބުނީ ބެންޖޯ އަށެވެ. އެ ބޯޅަ ބެންޖޯ ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

މެޗުގެ ނަތީޖާ ހަމަހަމަކޮށް ނިއު އިން ކޮންޓްރޯލް ހޯދި އެވެ. އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހަން ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. އެންމެ ގިނަ ފުރުސަތު ލިބުނީ ބަމްޕުޗު އަށެވެ. ލަނޑު ޖަހަން ހުސްކޮށް ބަމްޕުޗު އަށް ލިބުނު ތިން ފުރުސަތު ވެސް އޭނާ އަތުން ވަނީ ބޭކާރުވެފަ އެވެ.

މެޗުގެ 90 މިނިޓް ނިމުމުގެ ކުރިން ބީޖީ މޮޅުކޮށްދެން އެ ޓީމުގެ އިބްރާހިމް އާއި އިބްރާހިމް ޝިޔާމް (ދޮނާ) ފޮނުވާލި ހަމަލާތައް ކާމިޔާބުވާ ގޮތެއްނުވި އެވެ. އިތުރު ވަގުތުގެ ދެ ހާފްގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ވަރުބަލި ކުޅުމެކެވެ. އެހެން ކަމުން ގޯލަށް ނުރައްކާ ކުރާ ވަރުގެ ހަމަލާއެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ނިއުގެ ހަ ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) އާއި ބަމްޕުޗު އަދި ބިދޭސީ ޑިފެންޑަރު ވެލިޗްކޯ ފޮނުވާލި ޕެނަލްޓީތަކެވެ. އެ ޓީމުގެ ހަމްޕު އާއި މުހައްމަދު ސާމިރާއި އަހުމަދު ނިޔާޒް (ނިޔާ) ފޮނުވާލި ޕެނަލްޓީތައް ކާމިޔާބެއް ނުކުރެވުނެވެ. ނިޔާ އާއި ހަމްޕު ފޮނުވާލި ޕެނަލްޓީތައް ބީޖީގެ ކީޕަރު ހަނިފް ވަނީ މަތަކޮށްފަ އެވެ. ސާމިރުގެ ޕެނަލްޓީ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ބީޖީގެ ކެޕްޓަން މުހައްމަދު ސާބިގް، ޑޭވިޑް އޮސާގީ، މުހައްމަދު ޖައިލަމް އަދި އިބްރާހިމް ފޮނުވާލި ޕެނަލްޓީތައް ނިއުގެ ކީޕަރު ކޯޗީ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. ބީޖީން ޕެނަލްޓީ ކާމިޔާބުކުރީ ޑެނިއަލް ފިލަމޮން އާއި އިބްރާހިމް ހަމްދާން އެވެ.

މިއީ މި ފަހަރު އުރީދޫ ދިވެހި ޕްރިިމިއާ ލީގުގެ އަށް ވަނަ އަށް ދިއުމުން ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވި ބީޖީ މި ސީޒަނުގައި ކުޅުނު ފަހު މެޗެވެ. އެ ޓީމު ހަތަރު އަހަރަށް ފަހު އަންނަ އަހަރު ވާދަކުރާނީ ދެ ވަނަ ޑިވިޝަންގަ އެވެ.

މިރޭގެ މެޗުން މޮޅުވެ ނިއު ސެމީ ފައިނަލުގައި ބައްދަލުކުރާނީ މާދަމާރޭ އީގަލްސް އާއި ޓީސީ ކުޅޭ ދެ ވަނަ ކުއާޓާ ފައިނަލުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.