Roadha Mihaaru
ޓޫރިޒަމްގެ ހުރިހާ ފައިސާއެއް މީރާ އިން ބަލައިގަންނަނީ

ކޮރަޕްޝަން ނައްތާލަން ޓޫރިޒަމްގެ ހުރިހާ ފައިސާއެއް މީރާ އިން ބަލައިގަންނަން ފަށައިފި

30 އޮކްޓޯބަރ 2016

ކޮރަޕްޝަން ނުހިނގާނެކަން ކަށަވަރު ކުރަން، ޓޫރިޒަމް މިނިސްޓްރީން ފައިސާ ބަލައިގަތުން ހުއްޓާލައި ހުރިހާ ފައިސާއެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ކޮރަޕްޝަން ނުހިނގާނެކަން ކަށަވަރު ކުރަން، ޓޫރިޒަމް މިނިސްޓްރީން ފައިސާ ބަލައިގަތުން ހުއްޓާލައި ހުރިހާ ފައިސާއެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.

އެކަމާ ބެހޭ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވަނީ މިއަދު ސޮއިކުރައްވައިފަ އެވެ. މި އެއްބަސްވުމުގެ ދަށުން، ރިސޯޓު ހަދަން ދޫކުރާ ރަށްރަށާއި އެ ނޫން ވެސް ބިންތަކަށް ދައްކަން ޖެހޭ އެކުއިޒިޝަން ކޯސްޓާއި އެހެނިހެން ފައިސާގެ އިތުރުން، އެކި ހުއްދަތައް ނަގައި އާކުރުން ފަދަ ޓޫރިޒަމް މިނިސްޓްރީން ދޭ ހިދުމަތްތަކަށް ދައްކާ ފައިސާ ވެސް ބަލައިގަންނާނީ މީރާ އިންނެވެ.

މީގެ ކުރިން އަމަލު ކުރާ ގޮތުން، އަލަށް ދޫކުރާ ރަށްރަށަށް ދައްކާ އެކިއުޒިޝަން ކޯސްޓާއި އެ ނޫން ވެސް ފައިސާ ބަލައިގަންނަނީ ސީދާ މިނިސްޓްރީންނެވެ. އަދި ޓޫރިޒަމްގެ ބޭނުންތަކަށް ނަގަން ޖެހޭ ހުއްދަތަކާއި އެފަދަ އެެހެން ހިދުމަތްތަކުގެ އަގު ވެސް ދައްކަން ޖެހެނީ މިނިސްޓްރީ އަށެވެ. އެކަމަކު، ބިމު ކުއްޔާއި ޓީޖީއެސްޓީ ފަދަ ޓެކްސްތައް ކުރިން ވެސް ބަލައިގަންނަނީ މީރާ އިންނެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލައާ ގުޅިގެން، ޓޫރިޒަމުން ލިބޭ އާމްދަނީ ރަނގަޅަށް ބެލެހެއްޓުމަށް ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް ރައީސް އަބްދުﷲ ޔާމީން ވަނީ އަޅުއްވައިފަ އެވެ. މިނިސްޓްރީގެ ބަދަލުގައި ދައުލަތުގެ ޓެކްސް އިދާރާ އިން ފައިސާ ބަލައިގަންނަ ގޮތަށް ހެދުމަކީ ވެސް އޭގެ ތެރޭން އެއްް ފިޔަވަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

މީރާ އިން ފައިސާ ބަލައިގަންނަން ފެށުމުން ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށާއި ބަޖެޓަށް ލުއިވެ، ލިބޭ އާމްދަނީ އެއް ތަނަކުން ބެލެހެއްޓުމުން އޮޑިޓާއި ތަފާސްހިސާބު ބަލަހައްޓަން ފަސޭހަވުމެވެ.

"މީރާގެ ގާނޫނު ހެދުމުގެ އެންމެ ބޮޑު މަގުސަދަކަށް ވެފައި އޮތީ ސަރުކާރަށް ލިބޭ އާމްދަނީ އެންމެ ހަރުދަނާކޮށް، އެކައުންޓަބަލް ގޮތެއްގައި އެއް ފުރާޅެއްގެ ދަށުން ރަނގަޅަށް ކުރެވޭ ގޮތް ހެދުން. އެހެންވީމަ މީރާ އަށް ޓެކްސްގެ ގާނޫނާއި އިދާރީ ގާނޫނާއި އެ ނޫން ވެސް ގާނޫނުތަކުގެ ދަށުން ލިބިދޭ ބާރުގެ ދަށުން މި ކަންކަން ކުރެވިގެން މި ދަނީ،" ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

ފައިސާ ބަލައިގަތުމުގެ އެއްބަސްވުމުގައި މީރާއާ އެކު ސޮއިކުރެއްވުމަށް ފަހު ޓޫރިޒަމް މިނިސްޓަރު ޒަމީރު (ކ) ވާހަކަ ދައްކަވަނީ.-- ފޮޓޯ: މީރާ

ފައިސާ ބަލައިގަތުމުގެ އެއްބަސްވުމުގައި މީރާއާ އެކު ސޮއިކުރެއްވުމަށް ފަހު ޓޫރިޒަމް މިނިސްޓަރު ޒަމީރު (ކ) ވާހަކަ ދައްކަވަނީ.-- ފޮޓޯ: މީރާ

ޓޫރިޒަމް މިނިސްޓްރީގެ ބަދަލުގައި މީރާ އިން ފައިސާ ބަލައިގަންނަން ފަށާފައި ވާއިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ވިއްކައިގެން ލިބުނު ފައިސާގެ ތެރޭން 79 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަނީ ވަގަށް ނަގައިފަ އެވެ. ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ އެންމެ ބޮޑު ބަޔަކީ އަލަށް ދޫކުރި ރަށްރަށާއި ފަޅުތަކުން އެކިއުޒިޝަން ކޯސްޓުގެ ގޮތުގައި ދެއްކި ފައިސާ އެވެ. އެ ގޮތަށް ލިބުނު ފައިސާގެ ތެރޭން 65.01 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ވަނީ ވަގަށް ނަގައިފަ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމާ އެކު، ޓޫރިޒަމް މިނިސްޓްރީގެ ޑޭޓާ ހިއްސާކުރުމާ ގުޅޭ އުސޫލެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ. ބައެއް އެހެން މިނިސްޓްރީތަކާ އެކު ވެސް މީރާ އިން މިފަދަ އެއްބަސްވުންތައް ކުރިން ހަދާފައި ވާއިރު، މައުލޫމާތު ހިއްސާ ކުރަނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ.